އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް މިހާރު ދަނީ ވަރަށް ރަނގަޅަށެވެ. އަދި އެމެރިކާއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންދާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކަރުދާހުގައި ސޮއިކޮށްގެން ވިޔަސް ނުވަތަ ސިފައިންގެ ބޭނުންކޮށްގެން ވިޔަސް އެމެރިކާއިން އީރާނާ ދެކޮޅަށް ކާމިޔާބު ހޯދާނެ ކަމަށެވެ. މީގެ މާނައަކީ ދެ ޤައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ސިފައިން ނެރެގެން ކުރިމަތިލުމަކަށް ދާންވެސް އެމެރިކާ އޮތީ ތައްޔާރަށެވެ.
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް މިހާރު އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. (އީރާނުން އަބަދުވެސް އެހެން ބުނެ ޔަހީން ކޮށްދީފައި ވެެވެ.) އަދި އީރާނުގެ އެންމެ މަތީ ވެރިޔާ އިމާމް މުޖުތަބާ ޚާމަނާއީ މި މަޝްވަރާތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް އިޙްތިރާމްކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އީރާނުގެ އެންމެ މަތީ ވެރިޔާއާ ބައްދަލުކުރެއްވުމުގެ ޝައުޤުވެރިކަންވެސް ޓްރަމްޕް ފާޅުކުރެއްވިއެވެ. އީރާނާއެކު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވާލައި، އަލުން ބޮޑު ހަނގުރާމައަކަށް ދާނީ އީރާނުން އެމެރިކާގެ ސިފައިންގެ މީހަކު މަރާލައިފި ނަމަ އެކަނި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ނިއުކްލިއަރ ހަކަތައާ ބެހޭ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުން އީރާނުގެ ނިއުކްލިއަރ މާއްދާތައް ހުރި ސަރަޙައްދުތަކަށް ސިފައިން ދިން ހަމަލާތަކުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ލިބިފައެވެ. އެހެންކަމުން އެ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ މިހާރު ވަރަށް މުހިންމު ކަމެކެވެ.
އެމެރިކާ އީރާން މަޝްވަރާތަކުގައި އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިފައިވަނީ އީރާނުގައި ރައްކާކޮށްފައި ހުރި ޔުރޭނިއަމްގެ މިންވަރާ މެދުގައެވެ. ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ފަހުގެ ފަހުމުނާމާގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދުކުރައްވައެވެ. އެކަމަކު ޓްރަމްޕަކީ ބަހުގެ އިތުބާރު ހިފޭ މީހެއް ނޫން ކަމަށް އީރާނުން ޔަގީން ކުރެއެވެ.






