russai Iran
russai Iran

ރަޝިޔާގެ އެސްޔޫ-30 މަތިންދާބޯޓުތަކުގައި އީރާނުގެ ގްލައިޑް ބޮން ހަރުކުރަން ފަށައިފި

ރަޝިޔާގެ ސިފައިން ބޭނުންކުރާ އެެސްސޫ-30 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގައި އީރާނުން އުފައްދާފައިވާ ޒަމާނީ ގްލައިޑް ބޮން ހަރުކޮށްގެން ބޭނުންކުރަން ފަށައިފިއެވެ.

މި ބޮންތަކަކީ ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ އަދި އަމާޒަށް ސީދާ ވާސިލުވުމުގެ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކެކެވެ. މިއީ ރަޝިޔާއާއި އީރާނާ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށް ބައިނަލްއަޤްވާމީ ދިފާޢީ ދިރާސާވެރިން ފާހަގަކުރެއެވެ.

މި އާ ބޮންތަކުގެ ސަބަބުން ރަޝިޔާގެ ސިފައިންނަށް ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ރާސްތާއިން ބޭރުގައި ތިބެގެން އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އީރާނުގެ މި ގްލައިޑް ބޮންތަކުގައި ހުންނަ ޚާއްޞަ ފިޔަތަކުގެ އެހީގައި، މަތިންދާބޯޓުން ދޫކޮށްލުމުން ވަރަށް ދުރަށް އަމިއްލައަށް ދަތުރުކުރުމުގެ ގާބިލުކަން ލިބެއެވެ. މީގެ އިތުރުން ސެޓެލައިޓް ގައިޑަންސް ނިޒާމުގެ އެހީގައި ކަނޑައަޅާ ވަކި އަމާޒަކަށް ބޮން ފޮނުވާލުމުގެ ފުރިހަމަ ޓެކްނޮލޮޖީ މި ބޮންތަކުގައި ހުރެއެވެ. ސިފައިންގެ މި އާ ގާބިލުކަމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ.

ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި އީރާނުން ދަނީ ރަޝިޔާ ސިފައިންނަށް ބޭނުންވާ ގިނަ ޢަދަދެއްގެ ޑްރޯނާއި ބޮން މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.

ރަޝިޔާއިން މި ތަކެތި ބޭނުންކުރަނީ ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރީ އަދި މަދަނީ އަމާޒުތަކަށް ހަމަލާދިނުމަށެވެ. މިކަމާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން ދަނީ އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އީރާނާއި ރަޝިޔާއިން މި ފިޔަވަޅުތަކަށް ބެލުމެއްނެތި ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ސިފައިންގެ މެދުގައި އޮންނަ އެއްބާރުލުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ފުޅާކުރަމުންނެވެ.

ހިއްސާ ކުރައްވާ!