އަލްއަޤްޞާގައި ފޯރި މެރުމަށް ހަރުކަށި ފިކުރުގެ ޔަހޫދީން ހޯދަން ފަށައިފި

އިސްރާއީލުގެ ފުލުހުންގެ އިދާރާއިން ގުދުސްގައި ހުންނަ މުގައްދަސް މަސްޖިދުލް އަޤްޞާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ޔަހޫދީ ހަރުކަށި ފިކުރުގެ އޮފިސަރުން ވަޒީފާތަކަށް ނަގައި ދާއިމީ ކުރަން ފަށައިފިއެވެ.

މި ނިންމުމަކީ އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ޓެރަރިސްޓް ވަޒީރުގެ ސީދާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މިކަމުގެ ސަބަބުން އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދުގައި ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތިވާ ގޯނާތަކާއި ހަމަނުޖެހުންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށް މީޑިއާގެ ފަރާތްތަކުން ބުނެއެވެ.

މި އާ އޮފިސަރުން އަލްއަޤްޞާ މިސްކިތުގެ ތެރެއަށް ޔަހޫދީ ހަރުކަށި ޖަމާޢަތްތަކުގެ މީހުން ވެއްދުމަށާއި، އެމީހުން އެތަނުގައި ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކަށް ފުރިހަމަ ޙިމާޔަތް ދޭނެއެވެ. އިސްރާއީލުގެ ސިފައިންނާއި ފުލުހުން ގުޅިގެން އަބަދުވެސް އަލްއަޤްޞާ މިސްކިތަށް ވަންނަ މުސްލިމުންނަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިކުރެއެވެ.

މިސްކިތުގެ ބެލެހެއްޓުމުގެ ކަންކަމާ ހަވާލުވެ ހުންނަ އިސްލާމީ ވަޤުފް އިދާރާއިން ހާމަކުރި ގޮތުގައި އިސްރާއީލުގެ މި އަމަލަކީ މިސްކިތުގެ ތާރީޚީ އަދި ގާނޫނީ ހާލަތު ބަދަލުކޮށް، އެތަން ޔަހޫދީންގެ ތަނަކަށް ހެދުމަށް ހިންގާ ނުރައްކާތެރި ރޭވުމެކެވެ.

ފަލަސްޠީނުގެ ވަޤްފް އިދާރާތަކުންނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ އިސްރާއީލުގެ މި ފިޔަވަޅު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ހަރުކަށި ފިކުރުގެ ފުލުހުން އެ ސަރަޙައްދަށް އައްޔަންކުރުމަކީ ބޮޑު ކުރިމަތިލުމަކަށް މަގުފަހިވާނެ ކަމެކެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި އދ އާއި އިސްލާމީ ޤައުމުތަކުން އިސްރާއީލަށް ފިއްތުންތައް ކުރަންޖެހޭނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް އިސްރާއީލުން ބައިނަލްއަޤްވާމީ ގޮވާލުންތަކަށް ބެލުމެއްނެތި ދަނީ މި ރޭވުން ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާ!