ނާބުލުސްގެ ހުޅަނގު އުތުރުގައި އޮންނަ ސަބަސްތިޔާއާއި މަސްޢޫދިއްޔާ އަވަށާ ދެމެދުގައިވާ ސަރަޙައްދުގައި، ފަލަސްޠީނުގެ ދަނޑުވެރިއެއް ކަމަށްވާ ޖަވާދު ޣައްޒާލް އޭނާގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ބިމުގައި ހުރެ، ކަންބޮޑުވުމާއެކު ދަނީ އޭނާގެ ބިންތަކަށް ބަލަމުންނެވެ. ސަބަބަކީ ޔަހޫދީންގެ އާބާދީތައް ފުޅާކުރުމަށްޓަކައި ބަގީޗާއެއް ހެދުމުގެ ނަމުގައި، އިސްރާއީލުގެ ސިފައިން މިހާރު ދަނީ އޭނާގެ ބިން ފޭރިގަތުމަށް ތައްޔާރުވަމުންނެވެ. އާއިލާގެ ދިގު ތާރީޚާއި ބުރަ މަސައްކަތް ހިމެނޭ މި ބިން، މިއަދު މިވަނީ ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ޖަވާދު ޣައްޒާލް ބުނި ގޮތުގައި، ބިން އަތުލުމުގެ ނިންމުން އެނގުމުން އޭނާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ބަފައިންނާއި ކާބަފައިންގެ ޒަމާނުންސުރެ އެ ބިމުން ލިބޭ ޚައިރާތުން ދިރިއުޅެމުންދިޔަ ނަމަވެސް، އިސްރާއީލުގެ މި މަޝްރޫޢުގެ ސަބަބުން ދެން އެ ބިމަށް ވަނުންވެސް މަނާވާނެއެވެ. އިސްރާއީލުގެ ސިފައިން ދަނީ ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި ބަގީޗާތައް ހެދުމުގެ ބަހަނާ ބޭނުންކޮށްގެން ފަލަސްޠީނުގެ ތާރީޚީ ބިންތަކުގެ މައްޗަށް ބާރު ހިންގަމުންނެވެ. ޚާއްޞަކޮށް އާޘާރީ އަދި ދަނޑުވެރިކަމުގެ ސަރަޙައްދުތަކެއް ކަމަށްވާ ސަބަސްތިޔާއާއި މަސްޢޫދިއްޔާގެ ރައްޔިތުން މިހާރު ތިބީ، މިކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެތީ ބިރުންނެވެ.
![]()
އިސްރާއީލުގެ ސިފައިން ފާއިތުވި އަހަރުތަކުގައި އެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ޖެއްސުންތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ދަނޑުވެރިން އެމީހުންގެ ބިންތައް ދޫކޮށްދިއުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، މީގެ އަހަރެއްހާ ދުވަސް ކުރިން ސިފައިން ވަނީ ޖަވާދު ޣައްޒާލްގެ ގައިގައިވެސް ތަޅައި އަނިޔާކޮށްފައެވެ. އެހެންނަމަވެސް، ކާބަފައިންގެ ފަރާތުން ލިބުނު ބިންތަކަކީ އެމީހުންގެ އާއިލީ އަމިއްލަވަންތަކަމުގެ ބައެއް ކަމަށް ބުނެ، ބިންތައް ދޫކޮށްލުމަށް ފަލަސްޠީނުގެ ދަނޑުވެރިން ވަނީ ދެކޮޅު ހަދާފައެވެ. އަދި އިސްރާއީލުން ހިންގާ މި ލާއިންސާނީ އަމަލުތަކަށް ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭނެ ކަމަށް އެ ރައްޔިތުން ގޮވާލައެވެ.



