ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކިޓުތައް މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިންޑިއާގެ ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި ކޮވިޑް-19 އާ ދެކޮޅަށް ކުރި މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި މެޑިކަލް ޑައިގްނޯސްޓިކްސް ކުންފުންޏެއް ކަމަށްވާ މޮލްބިއޯ ޑަޔަގްނޯސްޓިކްސް އިން މިހާރު ދަނީ އެބޯލާ ވައިރަސް ދެނެގަންނަ ޕީސީއާރް ޓެސްޓެއް ތައްޔާރުކުރަމުންނެވެ.
- ގޯއާއަށް ނިސްބަތްވާ މި ކުންފުންިން އުފައްދާފައިވަނީ ކޮންމެ ތަނަކަށްވެސް ފަސޭހައިން އުފުލައިގެން ގެންދެވޭ ޓްރޫނެޓް ނަމަކަށް ކިޔާ ޕޯޓަބަލް ޕްލެޓްފޯމެކެވެ.
- މި ޓެކްނޮލޮޖީގެ އެހީގައި އެންމެ 1 ގަޑިއިރު ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެއެވެ. މީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް ފަރުވާދީ، ބަލި ފެތުރުން ހުއްޓުވުމަށް ފަސޭހަވެގެންދާނެއެވެ.
- މި ޓެސްޓު ކިޓުތަކަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ބޭނުންކުރަން އެކަށީގެންވާ އެއްޗެއްތޯ ބެލުމުގެ މަސައްކަތް ދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި އެޤައުމުތަކުގެ ލޯކަލް އިދާރާތަކާ ގުޅިގެންނެވެ.
ކޮންގޯގައި މިހާރު ފެތުރެމުންދަނީ އެބޯލާގެ ބާވަތެއް ކަމަށްވާ ބުންޑިބުގްޔޯ ސްޓްރެއިންއެވެ. މިދިޔަ މަހު މި ބަލި ފެތުރެން ފެށިފަހުން ކޮންގޯއިން 363 މީހުން ޕޮޒިޓިވްވެ، 62 މީހުން ވަނީ މަރުވެފައެވެ. އަދި އަވަށްޓެރި ޔުގެންޑާއިން 15 މީހުން ޕޮޒިޓިވްވެ، އެކަކު ވަނީ މަރުވެފައެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ބަލީގައި މަރުވި އަދި ބަލިޖެހުނު މީހުންގެ އަޞްލު އަދަދު މިއަށްވުރެ މާ ގިނަވާނެއެވެ.





