ޗައިނާގެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން، އެޤައުމުން އުފެއްދަމުންދާ އެންމެ ފަހުގެ ނެކްސްޓް-ޖެނެރޭޝަން ނުވަތަ އައު ޖީލުގެ މެއިން ބެޓްލް ޓޭންކެއް ވަނީ ފެނިފައެވެ. މިއީ ދާދިފަހުން، ސެޕްޓެމްބަރު 2025 ގައި ދައްކާލި ޓައިޕް 100 ޓޭންކާ ވަރަށް ވައްތަރު، ނަމަވެސް އޭގެއަށްވުރެ ޤަބޫލުކުރެވޭ ވަރަށް ބޮޑު އަދި ބަރު ޓޭންކެކެވެ.
އަސްކަރީ ދިރާސާ ކުރާ މިލިޓަރީ ވޮޗް މަޖައްލާއިން ބުނާގޮތުގައި، ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް އައު ޖީލުގެ އެންމެ ޓޭންކެއްވެސް ޚިދުމަތަށް ނެރެވުމުގެ ކުރިން، ޗައިނާއިން މިވަނީ ދެ ބާވަތެއްގެ އައު ޖީލުގެ ޓޭންކު، އެއީ ލުއި އަދި ބަރު ޓޭންކު އެއްކޮށް ބޭނުންކުރަން ފަށާފައެވެ.

މި އައު ބަރު ޓޭންކުގެ ބޮޑު ސައިޒުގެ ސަބަބުން، އޭގެ ތެރޭގައި ހަނގުރާމަވެރި އޮޕަރޭޝަންތަކަށް އެހީތެރިވެދޭނެ ޑްރޯން ހިމެނުމުގެ ފުރުޞަތު ބޮޑު ކަމަށް މާހިރުން ލަފާކުރެއެވެ.
- ޓޭންކުގެ މަތީގައިވާ ބަޑި އަނބުރާ ބުރުޖަކީ އިންސާނުން ތިބޭ ތަނެއް ނޫނެވެ. މީގެ ސަބަބުން ޓޭންކުގެ ބަރުދަން ލުއިވެ، ދަގަނޑު ހުންނަ ބައިތައް ވަރުގަދަކުރަން ފުރުޞަތު ލިބެއެވެ.
- ޓޭންކު ދުއްވަން ތިބޭ މީހުން ތިބޭނީ އެކަކު އަނެކަކާ ޖެހިގެން، ޓޭންކުގެ އެތެރޭގައި ވަކިން ހަދާފައިވާ ޚާއްޞަ ރައްކާތެރި ކެޕްސޫލެއްގައެވެ.
- ޖެވެލިން ފަދަ މިސައިލްތަކާއި ޖާނުންފިދާވާ ޑްރޯންތަކަކީ ޓޭންކުތަކުގެ މަތީ ފަރާތަށް ޙަމަލާދޭ އެއްޗެހި ކަމަށްވުމުން، މި ޓޭންކުގެ މަތީ ފަޑީގެ ދިފާޢު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
- މި ޓޭންކުގައި ހުންނަ ސެންސަރުތަކާއި، އިންފްރާރެޑް އަދި ރާޑަރުތަކުގެ އެހީގައި ވައިގެ ސިފައިންނާއި، އާޓިލަރީ އަދި އިލެކްޓްރޯނިކް ވޯފެއާ ޔުނިޓުތަކާ ވަގުތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ.
މިހާރު ޗައިނާގެ ސިފައިން ބޭނުންކުރަމުންދަނީ ކުރީގެ ޖީލުގެ ޓައިޕް 15 ލުއި ޓޭންކާއި، ޓައިޕް 96 މެދު ބާވަތުގެ ޓޭންކާއި، އަދި ޓައިޕް 99އޭ ބަރު ޓޭންކުތަކެވެ. އައު ދިރާސާތަކުން ދައްކާގޮތުގައި މިހާރު ފެނިގެން މިދާ ބަރު ޓޭންކަކީ ޓައިޕް 99 ގެ ބަދަލުގައި ބޭނުންކުރާނެ ޓޭންކެކެވެ. އަދި ޓައިޕް 100 ބޭނުންކުރާނީ ޓައިޕް 96 ގެ ބަދަލުގައެވެ.
މި އައު ޓޭންކަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދިފާޢީ ބާރުގަދަ ޓޭންކު ކަމަށް ބެލެވޭއިރު، މިއީ ރަޝިޔާގެ މަޝްހޫރު ޓީ-14 އަރްމާޓާ، ޓޭންކަކަށްވުރެވެސް ކުރިއަރާފައިވާ ޒަމާނީ އުފެއްދުމެކެވެ. މިއީ ދުނިޔޭގެ އަސްކަރީ ޓެކްނޮލޮޖީގައި ޗައިނާއިން ހޯދަމުންދާ ބޮޑު ކުރިއެރުން ހާމަކޮށްދޭ ހެއްކެކެވެ.




