އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ ފައިސާގެ ތެރެއިން 24 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމުން ކަމަށް، އީރާނުގެ އިމާމް މުޖުތަބާ ޚާމަނައީގެ އަސްކަރީ މުސްތަޝާރު މުޙްސިން ރިޒާއީ ވިދާޅުވެއްޖެއެވެ. ސީ.އެން.އެން އަށް ދެއްވި ބަސްދީގަތުމެއްގައި ރިޒާއީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް މިހާރު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައި ކަމަށާއި، މި މައްސަލަ ޙައްލުކުރަން ޖެހޭނީ ޓްރަމްޕް ކަމަށެވެ.
ރިޒާއީ ސިފަކުރެއްވި ގޮތުގައި، ފޭރިގެންފައިވާ ފައިސާ ދޫކުރުމަކީ ދެފަރާތުގެ މެދުގައި "އިތުބާރު އުފެއްދުމަށް" ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ މުސްތަޤުބަލުގެ ގުޅުމަށް އާ ދޮރެއް ހުޅުވިގެންދާނެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޓްރަމްޕް އީރާނާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާނަމަ، މި 24 ބިލިއަން ޑޮލަރަކީ އެމެރިކާގެ އިތުބާރު ހުރި މިންވަރު ބަލާނެ އިމްތިޙާނެއް ކަމަށާއި، އެމެރިކާއިން މި އިމްތިޙާނުން ފާސްވާންޖެހޭނެ ކަމަށެވެ.
ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން އެދެނީ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރުމާއެކު ވަގުތުން 12 ބިލިއަން ޑޮލަރު ދޫކުރުމަށެވެ. އަދި ބާކީ ހުރި 12 ބިލިއަން ޑޮލަރު ފަހުގެ މަރުޙަލާއެއްގައި ދޫކުރުމަށެވެ. ނަމަވެސް، އެމެރިކާގެ އިސް އޮފިޝަލުން ކަންބޮޑުވަނީ މި ދަނޑިވަޅުގައި ފައިސާ ދޫކޮށްފިނަމަ، އީރާނަށް ޕްރެޝަރު ކުރަން އޮތް އެންމެ ބޮޑު ބާރު އެމެރިކާގެ އަތުން ގެއްލިދާނެތީއެވެ. މީގެ އިތުރުން، ޓްރަމްޕް ބޭނުންފުޅުވަނީ މި ފަހަރުގެ އެއްބަސްވުން 2015 ގެ އެއްބަސްވުމަށްވުރެ ވަރުގަދަ ކުރާށެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ކަންތައް ކުރި ގޮތަށް، އީރާނަށް "ގިނަ އަދަދެއްގެ ފައިސާ ފޮނުވުން" ފަދަ މާނައެއް ދޭހަވާ އެއްވެސް ފިޔަވަޅެއް އެޅުއްވުމަށް ޓްރަމްޕް ދެކޮޅުހައްދަވައެވެ.
މި ބަސްދީގަތުމުގައި ރިޒާއީ ވަނީ ހަނގުރާމައަށްފަހު އީރާނުގެ ސިޔާސަތުތައް ހުންނާނެ ގޮތާއި، ހޮރްމުޒް ކަނޑުއޮޅީގެ މުސްތަޤުބަލާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
އޭނާ އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން އަލުން ހަނގުރާމަ ފަށައިފިނަމަ، އީރާނުން ހަނގުރާމައިގެ ދާއިރާ ގަލްފުގެ ސަރަޙައްދަށްވުރެ ބޭރަށް ފުޅާކުރާނެއެވެ. އަދި އަސްކަރީ ހަރަކާތްތައް ހުރްމުޒް ކަނޑުއޮޅިން ފެށިގެން އިންޑިއާ ކަނޑަށާއި، ބާބުލް މަންދަބަށާއި، ރެޑްސީގެ އިތުރުން މެޑިޓެރޭނިއަން ކަނޑާ ހަމައަށް ފޯރާނެއެވެ. ނަމަވެސް، މި ދަނޑިވަޅުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޓްރަމްޕާއި އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނައީ ބައްދަލުކުރެއްވުމުގެ ފުރުޞަތެއް އެބައޮތްތޯ ސުވާލުކުރުމުން، ރިޒާއީ ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެފަދަ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށާއި، މަޝްވަރާތައް ހުއްޓުމަކަށް ގެނައީ ޚުދު ޓްރަމްޕް ކަމަށެވެ. މިއީ ޓްރަމްޕް މި ހަފުތާގައި ޚާމަނައީގެ ފައިންޕުޅު ދެކެން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވަނިކޮށް އައި ރައްދެކެވެ.
ހޮރްމުޒް ކަނޑުއޮޅިއާ ބެހޭގޮތުން ވާހަކަދައްކަވަމުން ރިޒާއީ ވިދާޅުވީ، އެ ކަނޑުއޮޅީގެ ސިޔާދަތީ ބާރު އޮތީ އީރާނާއި އޮމާނަށް ކަމަށާއި، ދެ ޤައުމުން ގުޅިގެން އެ ތަން ބަލަހައްޓާނެ ކަމަށެވެ. އަދި އެތަނުން ދަތުރުކުރާ އުޅަނދުތަކުން ނަގަން އުޅޭ ފީއަކީ "ޓްރާންސިޓް ފީ" އެއް ނޫން ކަމަށާއި، އެއީ "މަރާމާތާއި ބެލެހެއްޓުމުގެ ފީ" އެއް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަރުހަލާގެ ޚަރަދުތައް އީރާނުން އެކަނި އުފުލަން ނުޖެހޭނެ ކަމަށެވެ.
ބަސްދީގަތުން ނިންމާލައްވަމުން ރިޒާއީ ވަނީ، ޓްރަމްޕާއެކު ވެވޭ އެއްބަސްވުމެއް ދެމިއޮންނާނެ މެދު ޝައްކުއުފައްދަވާފައެވެ.
އެއީ 2015 ގެ އެއްބަސްވުމުން ޓްރަމްޕް ވަކިވެވަޑައިގަތުމާއި، މަޝްވަރާތަކުގައި އޭނާ ގެންގުޅުއްވާ ނޭއްގާނީ ސިޔާސަތުގެ ސަބަބުންނެވެ. އޭނާ އިތުރަށް ވިދާޅުވީ، މަޝްވަރާތައް ނާކާމިޔާބުވެ އެމެރިކާއިން އީރާނަށް އަރައިގަތް ނަމަވެސް، އީރާނުން އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި އީރާނުގެ ބާޜު ދުނިޔެއަށް އެނގޭނެ ކަމަށާއި، އީރާނުގެ އެއްގަމު ލަޝްކަރުގެ ބާރު، މިސައިލް ބާރަށްވުރެ އެތައް ގުނައެއް ވަރުގަދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







