ޖައްވީ ސްޓޭޝަން ފޫގޮސްފި؛ ވައި ލީކުވެ ފަޅުވެރިން ކުއްލި ޙާލަތަކަށް ތައްޔާރުވެއްޖެ

ބޭރު ފަޒާގައި އަޅާފައިވާ ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް) ގެ ރަޝިޔާ ބައިން ވައި ލީކުވާ މިންވަރު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން، އެ ތަނުގައި ތިބި އެމެރިކާގެ އެސްޓްރޮނޮޓުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުޅަނދުތަކަށް ވަދެ، ކުއްލިއަކަށް ސްޓޭޝަނުން ފޭބުމުގެ ޙާލަތަކަށް ތައްޔާރުވުމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ހުކުރުދުވަހު އަންގައިފިއެވެ. މި އެންގުން އައީ ރަޝިޔާގެ ފަޅުވެރިން އެ ލީކު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ނާސާގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، "ކްރޫ-12″ މިޝަންގެ ދަށުން ޖައްވީ ސްޓޭޝަންގައި ތިބި ހަތަރު ފަޅުވެރިންނަށް ހޯމަދުވަހުގެ ހެނދުނު ނާސާގެ މިޝަން ކޮންޓްރޯލް ސެންޓަރުން ވަނީ ޚާއްޞަ އިރުޝާދެއް ދީފައެވެ. އެއީ ސްޕޭސްއެކްސްގެ "ކްރޫ ޑްރެގަން" އުޅަނދަށް ވަދެ، ޖައްވީ ފޭރާން ކަމަށްވާ ސްޕޭސް ސޫޓް ލައިގެން ތައްޔާރަށް ތިބުމަށެވެ. މިއީ ވައި ލީކުވުމުގެ ސަބަބުން ކުއްލި ނުރައްކަލެއް ދިމާވެއްޖެނަމަ، ވަގުތުން އެތަނުން ބޭރުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ޖައްވީ ސްޓޭޝަންގައި ތިބީ ރަޝިޔާގެ މީހަކާއި ފްރާންސް މީހަކާއި އެމެރިކާގެ ދެ މީހުންނެވެ.

ޖައްވީ އިދާރާގެ މައިގަނޑު ދެ އޮޕަރޭޓަރުން ކަމަށްވާ ނާސާއާއި ރަޝިޔާގެ "ރޮސްކޮސްމޮސް" އިން ދަނީ އައި.އެސް.އެސް ގެ ރަޝިޔާގެ ސާވިސް މޮޑިއުލް "ޒްވީޒްދާ" އިން ދިޔައީ މަޑުމަޑުން ވައި ލީކުވާން ދިމާވި ސަބަބުތަކާއި އޭގެ ޙައްލުތަކާ ބެހޭގޮތުން އެތައް މަހެއް ވަންދެން މަޝްވަރާކުރަމުންނެވެ. ފުޓްބޯޅަ ދަނޑެއްގެ ބޮޑުމިން ހުންނަ މި ޖައްވީ ސްޓޭޝަންގެ އެންމެ މުހިންމު އެއް ބަޔަކީ މި މޮޑިއުލްއެވެ.

ނަން ހާމަނުކުރުމަށް އެދުނު ނާސާގެ އިސް އޮފިޝަލަކު މީޑިއާގައި ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ މަސްތަކުގައި މި ލީކު ހުރީ ކުޑަކޮށް ނަމަވެސް، މިހާރު ލީކުވާ މިންވަރު ވަނީ ދެގުނައަށް އިތުރުވެފައެވެ. އެހެންކަމުން، މިއީ ފަޅުވެރިންގެ ސަލާމަތަށްޓަކައި އަޅަންޖެހުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ނާސާއިން ދެކެއެވެ.

ހިއްސާ ކުރައްވާ!