އަޔަރލޭންޑުން އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ ބެން ގަވީރް އާއި ސްމޮޓްރިޗް ޤައުމަށް ވަނުން މަނާކޮށްފި

ޣައްޒާގައި ޒަޔަނިސްޓު ރެޖީމުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ގޮވާލަމުންދާ މައްސަލާގައި، ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރް އާއި ފައިނޭންސް މިނިސްޓަރު ސްމޮޓްރިޗް އަޔަރލޭންޑަށް ވަނުން މަނާކޮށްފިއެވެ.

އަޔަރލޭންޑުގެ ޖަސްޓިސް މިނިސްޓްރީން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރު ޖީމް އޯކަލަހާން ވަނީ އިމިގްރޭޝަން އޮފިޝަލުންނަށް މި ދެ ވަޒީރުން އަޔަރލޭންޑަށް އެތެރެވިޔަނުދީ ހުއްޓުވުމަށް ރަސްމީކޮށް އަމުރު ކުރައްވާފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި "ފްލޮޓިލާ އޮފް ހޯޕް" ގެ ބައިވެރިން ހައްޔަރުކޮށް، އެމީހުން ރޭޕްކޮށް ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ސިފައިން ލާއިންސާނީ އަނިޔާކުރަމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ބެން ގަވީރް އަމިއްލައަށް ޢާންމުކުރުމާ ގުޅިގެންނެވެ.

އަޔަރލޭންޑުގެ ބޮޑުވަޒީރު މައިކަލް މާރޓިން މޮންޓެނެގްރޯގައި ބޭއްވި ސަމިޓެއްގެ ތެރެއިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދެ ވަޒީރުންގެ އަމަލުތަކާއި ދައްކަމުންދާ ވާހަކަތަކުން ސާފުވަނީ ފަލަސްޠީނުގެ ބިމުން އެ ޤައުމުގެ ރައްޔިތުން އެއްކޮށް ބޭރުކޮށްލަން އެމީހުން ބޭނުންވާކަމެވެ. "އަހަރެން ދެކޭގޮތުގައި އެމީހުންގެ މި އަމަލުތަކުގެ ސަބަބުން، މުޅި ޔޫރަޕް އިއްތިޙާދުގެ ފެންވަރުގައިވެސް އެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ބެން ގަވީރް އާއި ސްމޮޓްރިޗް އަކީ އިސްރާއީލުގެ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ އެންމެ ހަރުކަށި ފިކުރުގެ ދެ ލީޑަރުންނެވެ.

މިދިޔަ މަހު ފްރާންސުންވެސް ވަނީ ބެން ގަވީރް އެ ޤައުމަށް ވަނުން މަނާކޮށްފައެވެ. އަދި އިނގިރޭސިވިލާތް، ސްޕެއިން އަދި ސްލޮވީނިއާއިން ވަނީ މީގެ ކުރިން މި ދެ ވަޒީރުން އެ ޤައުމުތަކަށް އެތެރެވުން ބޭންކޮށްފައެވެ.

އަޔަރލޭންޑަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ އުދުވާނަށް އެންމެ ބޮޑަށް ފާޑުކިޔައި، 2024 ވަނަ އަހަރު ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ޤައުމެކެވެ. އެކަމާ ގުޅިގެން އިސްރާއީލުން ވަނީ އަޔަރލޭންޑުގައި ހުންނަ އެ ޤައުމުގެ އެމްބަސީވެސް ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!