ފްރާންސްގެ ރައްޔިތުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި މައްސަލާގައި "ހަނގުރާމައިގެ ޖަރީމާގެ" ތަޙުޤީޤެއް ފްރާންސުން ފަށައިފި

ޣައްޒާގެ ޙިޞާރު ކަނޑުވާލުމަށް ދަތުރުކުރި "ފްލޮޓިލާ އޮފް ހޯޕް" ގެ އަސްޠޫލުއް ޞަމޫދުގައި ބައިވެރިވި ފްރާންސްގެ ރައްޔިތުންނަށް ޒަޔަނިސްޓު ރެޖީމުން ލާއިންސާނީ އަނިޔާކޮށް، ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި، އިސްރާއީލާ ދެކޮޅަށް "ލާއިންސާނީ އަނިޔާކުރުމާއި ހަނގުރާމައިގެ ޖަރީމާ" ހިންގުމުގެ ކުށުގެ ތަޙުޤީޤެއް ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ހުކުރުދުވަހު ރަސްމީކޮށް ފަށައިފިއެވެ.

ފްރާންސްގެ އެންޓި-ޓެރަރިޒަމް ޕްރޮސެކިއުޓާގެ އޮފީހުން ހާމަކުރި ގޮތުގައި، މި އިބްތިދާއީ ތަޙުޤީޤު ފަށާފައިވަނީ ފްރާންސްގެ ޚާރިޖީ ވުޒާރާއިން މިދިޔަ މޭ މަހުގެ 28 ގައި ހުށަހެޅި ރަސްމީ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ މުވައްޒަފުންނަށް ފެންނަ ޖަރީމާތައް ރިޕޯޓްކުރުން ލާޒިމުކުރާ މާއްދާގެ ދަށުންނެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރުން މިހާރު ވަނީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކާއި ނަފުރަތުގެ ކުށްތަކާ ބެހޭ ފްރާންސްގެ މަރުކަޒީ ބިއުރޯއާ ޙަވާލުކޮށްފައެވެ.

ކަނޑުމަތީގެ ލާއިންސާނީ ހަމަލާ

މިދިޔަ މޭ މަހުގެ 18 ގައި އިސްރާއީލުގެ ސިފައިން ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން، ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ފްލޮޓިލާ" ގެ 50 އެއްހާ އުޅަނދު ކަނޑުފޭރިގެންފައެވެ. އަދި އޭގައި ތިބި 44 ޤައުމަކަށް ނިސްބަތްވާ 400 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައެވެ.

މީގެ ތެރެއިން ފްރާންސްގެ 8 އެކްޓިވިސްޓަކު މިދިޔަ މޭ 22 ގައި އެނބުރާ ޤައުމަށް ފޮނުވާލުމުން، އެމީހުން ވަނީ އިސްރާއީލުން ކިޑްނެޕް ކުރިއިރު ރޭޕްގެ އިންޒާރާއި، ޖިންސީ ފުރައްސާރައާއި، ބޭއަދަބީ އަނިޔާތަކާ ކުރިމަތިލާންޖެހުނު ކަމަށް ބުނެފައެވެ. ފްރާންސްގެ ނޫހެއް ކަމަށްވާ "ލެ މޮންޑް" އަށް މަޢުލޫމާތު ދެމުން، އުމުރުން 38 އަހަރުގެ މަރިއަމް ޙައްޖާލް ކިޔާ އަންހެނަކު ބުނީ، އިސްރާއީލުގެ ސިފައިން އޭނާގެ އިސްތަށިގަނޑުގައި ހިފައި ދަމައި، ބޮލަށް ބަޑިން ހަމަލާދީ އަދި އަރިކައްޓަށް ކަކުލަށް ހަމަލާތަކެއް ދީ، ޖިންސީ ގޮތުން ފުރައްސާރަކުރި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯރނޫ މިދިޔަ އަންގާރަދުވަހު ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިސްރާއީލުން ފްރާންސްގެ ރައްޔިތުންނަށް ކުރި އިހާނެތި އަމަލުތަކާ މެދު ފްރާންސްގެ ކޯޓުތަކަށް މައްސަލަ ވެއްދުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު، ރަހީނުންނަށް އަނިޔާކުރާ މަންޒަރު ބަލަން ހުރި ވީޑިއޯއެއް ޢާންމުކުރުމާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ނުރުހުން ވަނީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމަށް އަމާޒުވެފައެވެ. މިގޮތުން ފްރާންސް، ސްޕެއިން، ކެނެޑާ، ނެދަލޭންޑްސް، އިޓަލީ، ބެލްޖިއަމް އަދި އިނގިރޭސިވިލާތުން ވަނީ އެ ޤައުމުތަކުގައި ތިއްބަވާ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ ސަފީރުން ޚާރިޖިއްޔާއަށް ހާޒިރުކޮށް، ރަސްމީކޮށް އިޙްތިޖާޖުކޮށްފައެވެ.

ހިއްސާ ކުރައްވާ!