ގްރީސްއާއި ސައިޕްރަހުން ބްރަހްމޯސް މިސައިލް ހޯދައިފިނަމަ، ތުރުކީގެ ކަންބޮޑުވުން

ގްރީސް އާއި ސައިޕްރަހުން އިންޑިއާގެ އަޑަށްވުރެ ބާރަށް ދަތުރުކުރާ "ބްރަހްމޯސް" ސުޕަރސޮނިކް މިސައިލް ހޯދުމުގެ ފުރުޞަތު ބޮޑުވުމާއެކު، އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދީ އަސްކަރީ ބާރުގެ މިސްރާބު ތުރުކީއާ ދެކޮޅަށް މުޅިން ބަދަލުވެގެން ހިނގައިދާނެ ކަމަށް ތުރުކީގެ އަސްކަރީ މާހިރުން އިންޒާރު ކުރައްވަން ފައްޓަވައިފިއެވެ.

އިންޑިއާ، ގްރީސް، އަދި ސައިޕްރަސް ގުޅިގެން ބިލިއަނުން ޑޮލަރުގެ ދިފާޢީ އިއްތިޙާދެއް އުފައްދަމުންދާ ކަމުގެ ރިޕޯޓްތަކާއެކު، ތުރުކީގެ މީޑިއާއާއި އަސްކަރީ ދާއިރާތަކުން ދަނީ މިކަމާ މެދު ނުތަނަވަސްކަން ފާޅުކުރަމުންނެވެ.

ތުރުކީގެ އަސްކަރީ ދިރާސާވެރިޔާ އަރްދާން ޒެންތުރިކް ވިދާޅުވި ގޮތުގައި، ތުރުކީގެ އައްސޭރިފަށާ ކައިރީގައި އިންޑިއާގެ މިސައިލްތައް ޤާއިމުކުރުމަކީ، އަންކާރާއިން މެޑިޓަރޭނިއަން ކަނޑުގައި ގެންގުޅޭ "ބްލޫ ހޯމްލޭންޑް" ކަނޑުގެ ސިޔާސަތަށް އޮތް ސީދާ ނުރައްކަލެކެވެ.

އަޑަށްވުރެ 2.8 ނުވަތަ 3.0 ގުނަ ހަލުވި މިނެއްގައި ދަތުރުކުރާ ބްރަހްމޯސް މިސައިލަކީ، ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 10 މީޓަރު މަތިން ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. މާހިރުން ބުނާގޮތުގައި، މިހާ ތިރިން ދަތުރުކުރާ މިސައިލެއް ދެނެގަތުމަކީ ތުރުކީން ބޭނުންކުރާ ރަޝިޔާގެ "S-400″ ވައިގެ ދިފާޢީ ނިޒާމަށްވެސް ނާދިރު ކަމެކެވެ.

ގްރީސްއާއި ސައިޕްރަހަށް ބަލާއިރު، އަގުބޮޑު އަސްކަރީ މަނަވަރުތަކެއް ބަނުމުގެ ބަދަލުގައި، އައްސޭރިފަށުގައި ބްރަހްމޯސް މިސައިލް ބެޓެރީތަކެއް ހަރުކުރުމަކީ މާ ޚަރަދު ކުޑަ އަދި ނަތީޖާ ނެރެވޭނެ އުކުޅެކެވެ. އެއް މިސައިލަށް ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު ޚަރަދުވާއިރު، މަދު ލޯންޗަރުތަކަކުން ތުރުކީގެ ބޮޑު މަނަވަރު ފްލީޓް އެ ސަރަޙައްދަށް ވަނުން ހުއްޓުވުމުގެ ދިފާޢީ އައްޑަނައެއް އެމީހުންނަށް އުފެއްދޭނެއެވެ.

މީގެ އިތުރުން، އިންޑިއާއިން މިހާރު އުފައްދަމުންދާ ދުރުރާސްތާގެ ކުރޫޒް މިސައިލްތައް އެ ސަރަހައްދުގެ ބައެއް ޖަޒީރާ ރަށްތަކުގައި ހަރުކޮށްފިނަމަ، ތުރުކީގެ މައި ބިމުގައި ހުރި މުހިންމު ބިނާތަކަށްވެސް އޭގެ ނުރައްކާ ކުރިމަތިވާނެއެވެ.

ގްރީސަކީ ނޭޓޯ ގެ މެންބަރަކަށް ވެފައި، ތުރުކީއާއެކު އޮންނަ ގުޅުމުގެ ސަބަބުން ސީދާ އިންޑިއާއިން ހަތިޔާރު ގަތުމުގައި ޤާނޫނީ ހުރަސްތަކެއް ހުރެދާނެތީ، އެމީހުން ސައިޕްރަސް "މެދުވެރިއެއް" ގެ ގޮތުގައި ބޭނުންކޮށްފާނެ ކަމަށް ތުރުކީގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރެއެވެ.

ދާދިފަހުން ނިއުދިއްލީއާއި ނިކޮސިއާއިން ވަނީ ގުޅުންތައް "ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އަކަށް މަތިކޮށް، 5 އަހަރުގެ ދިފާޢީ ރޯޑްމެޕެއްގައި ސޮއިކޮށްފައެވެ. ސައިޕްރަހުން ދަނީ އީޔޫ ގެ އެހީގެ ދަށުން 1.2 ބިލިއަން ޔޫރޯގެ ދިފާޢީ ޕެކޭޖެއްގެ ދަށުން އިންޑިއާގެ ކުރޫޒް މިސައިލާއި ކަމިކާޒޭ ޑްރޯން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި، ޚާއްޞަކޮށް ކަޝްމީރުގެ މައްސަލާގައި ތުރުކީން ޕާކިސްތާނަށް ދެމުންދާ ހަރުދަނާ އަސްކަރީ އަދި ސިޔާސީ އެހީތެރިކަމަށް ރައްދުދިނުމުގެ ގޮތުން، އިންޑިއާއިން ތުރުކީގެ ވާދަވެރިންނަށް މިފަދަ ނުރައްކާތެރި ސްޓްރެޓީޖިކް ހަތިޔާރު ފޯރުކޮށްދެނީ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އިންޑިއާއިން ނުވަތަ ގްރީސްއިން މިހާތަނަށް ހަތިޔާރު ވިއްކުމުގެ ރަސްމީ އެއްބަސްވުމެއް އިޢުލާންކޮށްފައި ނުވި ނަމަވެސް، ބްރަހްމޯސް މިސައިލްގެ ސަބަބުން އުފެދިފައިވާ އަސްކަރީ ބިރުވެރިކަމުގެ ސަބަބުން، ތުރުކީގެ ސަލާމަތީ ސިޔާސަތުތައް އަލުން މުރާޖަޢާކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ.

ހިއްސާ ކުރައްވާ!