ބަންގްލަދޭޝްގެ ރޮހިންގްޔާ ރެފިއުޖީ ކޭމްޕުތައް ހަނގުރާމައިގެ މައިދާނަކަށް

ބަންގްލަދޭޝްގައި ހުރި ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ ކޭމްޕުތަކަކީ ހަމައެކަނި އިންސާނީ އެހީއަށް ބޭނުންވެފައިވާ ނިކަމެތިން އުޅޭ ތަނެއްގެ އިތުރުން، އެކި ހަތިޔާރުއެޅި ޖަމާޢަތްތަކުން ބާރާއި ނުފޫޒު ހޯދުމަށް ކުރިމަތިލާ ނުރައްކާތެރި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވަމުންދާ ކަމަށް ހާމަވެއްޖެއެވެ. 2026 ވަނަ އަހަރުގެ މިހާތަނަށް ހިނގާފައިވާ ހާދިސާތަކުން އެނގޭ ގޮތުގައި، މި ކޭމްޕުތަކުގައި މިހާރު އޮތީ ހަމައެކަނި ކުށްކުރާ ގްރޫޕުތަކެއްގެ ދެބަސްވުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ކޭމްޕުތަކުގެ ކޮންޓްރޯލް ހޯދުމަށާއި، މީހުން ރެކްރޫޓްކުރުމަށާއި، ވަގުތީ ވިޔަފާރިތަކުގެ ނުފޫޒު ހޯދުމަށް ހިންގާ ނިޒާމީ ހަމަލާތަކެކެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި އެކަނިވެސް ބަދަލުކުރެވުނު ހަމަލާތަކުން މިކަން ވަރަށް ސާފުވެއެވެ. މޭ 14 ގައި ޓެކްނާފްގެ ނަޔަޕާރާ ކޭމްޕުގައި "ޒާކިރް ބާހިނީ" ޖަމާޢަތާ ގުޅުންހުރި ޙަސަން އަޙްމަދު (45 އަހަރު) ވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ. ފުލުހުން ބުނާގޮތުގައި މިއީ ކޭމްޕުގެ ކޮންޓްރޯލާއި މިސްކިތެއްގެ ކޮމިޓީގެ ބާރު ހޯދުމަށް "ސައްދާމް ބާހިނީ" ޖަމާޢަތުން ދިން ހަމަލާއެކެވެ. މީގެ އިތުރުން، ބާލުޚާލީގެ ކޭމްޕު-8 ގައި "އަރާކަން ރޮހިންގްޔާ އާމީ" (ނަބީ ޙުސައިން ބާހިނީ) އާއި "އަރާކަން ރޮހިންގްޔާ އޯގަނައިޒޭޝަން" ގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި ޒުވާނަކު ވަނީ ޒަޚަމްވެފައެވެ. މި ހަމަލާތަކުގެ ކުރިންވެސް ބައެއް ލީޑަރުންނާއި ކޮމާންޑަރުން ވަނީ މިފަދަ ހަމަލާތަކުގައި މަރުވެފައެވެ.

ކޭމްޕުތަކުގައި ހަރަކާތްތެރިވާ ސައްދާމް ބާހިނީ އަދި ޒާކިރް ބާހިނީ ފަދަ ޖަމާޢަތްތަކުން ދަނީ ކޭމްޕުތަކުގެ އެތެރޭގެ ވެރިކަމާއި، ނުރަސްމީ ލީޑަރުންނާއި، މިސްކިތްތަކުގެ ކޮމިޓީތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ. އެމީހުން ޚާއްޞަކޮށް އަމާޒުކުރަނީ އެހީދޭ ޖަމާޢަތްތަކާއި ބަންގްލަދޭޝްގެ ސަރުކާރާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރާ ލީޑަރުންނަށެވެ.

އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ އަނެއް ބަދަލަކީ، ކޭމްޕުތަކުގައި ތިބި ޒުވާނުން ހަނގުރާމ،ަވެރި ޖަމާޢަތްތަކުގެ ފިކުރަށް ލެނބެމުންދިއުމެވެ. މިދިޔަ މޭ މަހު ބަންގްލަދޭޝްގެ ފުލުހުން ވަނީ ޕާކިސްތާނުގެ "ތަހްރީކޭ ތާލިބާން ޕާކިސްތާން" ޖަމާޢަތާ ވަޓްސްއަޕް ގްރޫޕެއް މެދުވެރިކޮށް ގުޅުން ބޭއްވި ރޮހިންގްޔާ ޒުވާނަކު ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުރިން އޭޕްރިލް މަހު ޑާކާ އިން ވަނީ ޓީޓީޕީ އާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހަތަރު މެންބަރަކު ހައްޔަރުކޮށްފައެވެ. ދިގު މުއްދަތަކަށް ވަޒީފާއެއް ނެތް، އަމިއްލަ ޤައުމެއް ނެތް ނިކަމެތި ޒުވާނުން އިންޓަރނެޓް މެދުވެރިކޮށް ހަރުކަށި ފިކުރުތަކަށް ހެއްލުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.

ބޯޑަރު ހުރަސްކޮށް މިއަންމާގެ ރާޚައިން ސްޓޭޓްގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުވެސް ބަންގްލަދޭޝްއަށް ދަނީ ކުރަމުންނެވެ. މިއަންމާ އަސްކަރިއްޔާއާއި "އަރާކަން އާމީ" އާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން އަދިވެސް ރޮހިންގްޔާ މީހުން ދަނީ ބަންގްލަދޭޝްއަށް ހިޖުރަކުރަމުންނެވެ. ހިއުމަން ރައިޓްސް ވޮޗްއިން ބުނާގޮތުގައި، އަރާކަން އާމީއިން ދަނީ ރާޚައިންގައި ރޮހިންގްޔާ މުސްލިމުންގެ އަވަށްތައް އަންދައި، ގިނަ އަދަދެއްގެ ބަޔަކު މަރަމުންނެވެ. ބޯޑަރު ސަރަޙައްދުން ބަޑީގެ އުންޑައާއި މައިންތަކުގެ ނުރައްކާ ބަންގްލަދޭޝްގެ އާންމުންނަށްވެސް ދަނީ ފޯރަމުންނެވެ.

ބަންގްލަދޭޝް ސަރުކާރަށް މިހާރު އޮތީ ބޮޑު ގޮންޖެހުމެކެވެ. އެއީ ކޭމްޕުތަކުގެ ސަލާމަތްތެރިކަން ބަލަހައްޓައި، ހަތިޔާރާއި މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުވާއިރު، މުޅި ރޮހިންގްޔާ އާބާދީއަކީ ކުށްވެރިންގެ ގޮތުގައި ނުބެލުމެވެ. ސަބަބަކީ ކޭމްޕުގައި ތިބި ގިނަ މީހުންނަކީ އަނިޔާލިބިފައިވާ މަޢުޞޫމް ރަޙުމަތްތެރިންނެވެ. ސަރުކާރުން މާ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިނަމަ، ރެފިއުޖީން ބާކީވެ، ހަތިޔާރުއެޅި ޖަމާޢަތްތަކަށް އެމީހުންގެ ބޭނުން ހިފުމުގެ ފުރުޞަތު މާ ބޮޑުވާނެއެވެ.

ޔޫ.އެން.އެޗް.ސީ.އާރް ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2024ގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އަލަށް އައި 149769 މީހުންނާއެކު، ބަންގްލަދޭޝްގައި ތިބި ރޮހިންގްޔާ ރެފިއުޖީންގެ އަދަދު މިހާރު ވަނީ 1019 މިލިއަނަށް އަރާފައެވެ.

މި މައްސަލައަކީ ހަމައެކަނި ޤާނޫނު ތަންފީޛުކޮށްގެން ޙައްލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ ދިގުލައިގޮސްފައިވާ އިންސާނީ ކާރިސާއެއްގެ ނަތީޖާއެވެ. ބަންގްލަދޭޝްއަށް އެކަނި މި ބުރަ ނުއުފުލޭނެއެވެ. މިއަށް ބޭނުންވަނީ ބައިނަލްއަޤުވާމީ ދުނިޔޭގެ އެހީތެރިކަމާއި، މިއަންމާ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ކޭމްޕުތަކުގެ ހިންގުން ހަރުދަނާކޮށް ހަތިޔާރުއެޅި ނެޓްވޯކްތައް ނައްތާލުމެވެ. ނޫންނަމަ، ކޮކްސް ބާޒާރުގެ ކޭމްޕުތައް ދާނީ ދުވަހުން ދުވަހަށް ނުރައްކާތެރި އަނދަވަޅަކަށް ވެއްޓެމުންނެވެ.

ހިއްސާ ކުރައްވާ!