އެޕްސްޓީން މިސްކިތެއް ބިނާ ކުރަން އުޅުނީ ފުރައްސާރައަކަށް!

އެމެރިކާގެ މަހުޖަނު ދައްލާލް ޖެފްރީ އެޕްސްޓީން، އޭނާގެ ޖަޒީރާ "ލިޓްލް ސެއިންޓް ޖޭމްސް" ގައި ބިނާކުރި ނޫކުލައާއި ހުދުކުލައިގެ ރޮނގުދެމި، ރަން ގުއްބެއްލީ ސިއްރު އިމާރާތަކީ އިސްލާމީ އާދަކާދަތަކަށް ފުރައްސާރަވާ ގޮތަށް އޭނާ ހަދާފައިވާ "މިސްކިތެއް" ކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދާދިފަހުން އާންމުކުރި ލިޔެކިޔުންތަކުން ބޭޒާރުވެއްޖެ އެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާ ގާތްގުޅުމެއް ބާއްވައި، ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅުތަކެއް އޭނާގެ ނިއުޔޯކް ގޭގައި ސިއްރިއްޔާތުގައި ގެންގުޅުނުކަންވެސް މި ރެކޯޑްތަކުން ވަނީ ހާމަވެފައެވެ.

2019 ވަނަ އަހަރު، ކުޑަކުދިން ޖިންސީ ގޯނާ ކުރުމުގެ ވިޔަފާރީގެ ކުށުގެ ޝަރީއަތް ހިނގަމުންދަނިކޮށް ޖަލުގައި އަމިއްލައަށް މަރުވި އެޕްސްޓީން، މެދުއިރުމަތީގެ ބާރުގަދަ ޝަޚްޞިއްޔަތުތަކާ ގުޅުން ބޭއްވީ އޭނާގެ ވިޔަފާރި ފުޅާކުރުމަށާއި އިސްލާމީ އާސާރީ ތަކެތި އެއްކުރުމުގެ ބޭނުމުގައެވެ.

2014 ވަނަ އަހަރުގެ ފޮޓޯއަކުން ފެންނަ ގޮތުގައި، ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ ސުލްޠާން އަޙްމަދު ބިން ސުލައިމްއާ އެކު އެޕްސްޓީން ހުއްޓިލައިގެން ހުރީ އޭނާގެ ނިއުޔޯކް ޓައުންހައުސްގެ ތަޅުންގަނޑުމަތީގައި ފަތުރާލާފައިވާ ކަޢުބަތުﷲ ގެގޭގެ ކިސްވާގެ ބަޔަކަށް ބަލާށެވެ. މި ގުޅުމުގެ ސަބަބުން ބިން ސުލައިމް ވަނީ މި އަހަރުގެ ކުރީކޮޅު ދުބާއީގެ "ޑީޕީ ވޯލްޑް" ޕޯޓްސް ކުންފުނީގެ ވެރިޔާގެ މަގާމުން އިސްތިއުފާދޭން މަޖުބޫރުވެފައެވެ.

ނޯވޭގެ ޑިޕްލޮމެޓެއް ކަމަށްވާ ޓެރްޔޭ ރޮޑް ލާސަން މެދުވެރިކޮށް، އެޕްސްޓީން ވަނީ ސައުދީ ޝާހީ ގުޅުންތަކުގެ ތެރެއަށް ވަދެފައެވެ. ސައުދީގެ ގައުމީ ތެޔޮ ކުންފުނީގެ ޙިއްޞާ އާންމުންނަށް ވިއްކާލުމުގެ ބޮޑު މަޝްރޫޢުގެ މާލީ މުޝީރަކަށް ވުމަށް އެޕްސްޓީން ބޭނުންވިއެވެ.

ޝާހީ ގަނޑުވަރުގެ މުޝީރެއްގެ އެހީތެރިކަމާއެކު، އެޕްސްޓީން ވަނީ ސައުދީއަށް ދަތުރުކޮށް، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ސީދާ ބައްދަލުކޮށްފައެވެ. އޭނާ ވަނީ މުސްލިމުން ބޭނުންކުރުމަށް "ޝަރީޢާ" ގެ ނަމުގައި އައު ފައިސާއެއް އުފެއްދުމުގެ ޚިޔާލުތަކެއްވެސް ވަލީއަހުދަށް ހުށަހަޅާފައެވެ. މި ބައްދަލުވުމުގެ ފޮޓޯތައް އެޕްސްޓީން އޭނާގެ އޮފީހުގައި ފަޚުރުވެރިކަމާއެކު ބަހައްޓާފައި ހުއްޓެވެ.

މި ގުޅުމުގެ ތެރެއިން 2017 ވަނަ އަހަރު ސައުދީން ވަނީ އެޕްސްޓީންގެ ރަށަށް ޚާއްޞަ ފޭލިގެއަކާއި، ގެފުޅުގެ ކިސްވާގެ 3 ބައެއް ފޮނުވާފައެވެ. މިއީ މިލިއަނުން ޚަރަދުކޮށްގެން ރަންރިހީގެ ރޮދިން މައްކާގެ ޚާއްޞަ ފެކްޓްރީއެއްގައި އުފައްދާ އުރަކޮޅެކެވެ.

އެޕްސްޓީންގެ ޖަލު ރެކޯޑްތަކުން އެނގޭގޮތުގައި، އޭނާ 2009 ގައި ޖަލުން މިނިވަންވުމުގެ ކުރިންވެސް އޭނާގެ ރަށުގައި އިސްލާމީ ބަގީޗާތަކަކާއި ތުރުކީ ބާތުހައުސްއެއް ހަދަން ރޭވިއެވެ. ފަހުން އެ ޕްލޭން ބަދަލުކޮށް، ސީރިއާގެ 15 ވަނަ ގަރުނުގެ ޔަލްބުޣާ ބާތުހައުސްގެ ބިނާވެށީގެ ސިފައަށް ބިނާއެއް ހެދިއެވެ. އުޒްބެކިސްތާނުގެ މިސްކިތްތަކުން އަސްލު ޓައިލްސް ގެނެސްގެން ހެދި މި އިމާރާތަށް އެޕްސްޓީން ކިޔަނީ އޭނާގެ "މިސްކިތް" ކަމަށް އެތަނުގައި މަސައްކަތްކުރި ރޫމޭނިއާގެ އާޓިސްޓް އަޔަން ނިކޮލާ ކަށަވަރުކޮށްދިނެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކީ، އެ އިމާރާތުގައި އިސްލާމީ ކަލިގްރަފީގެ ސިފައިގައި ހުންނަ ކުރެހުންތައް ފަރުމާކުރިއިރު، ﷲގެ އިސްމުފުޅުގެ ބަދަލުގައި، އެޕްސްޓީންގެ އަމިއްލަ ނަމުގެ އަކުރުތައް ކަމަށްވާ "J" އާއި "E" ހިމެނުމަށް އޭނާ އަމުރުކޮށްފައިވާކަން އީމެއިލްތަކުން އެނގެން އޮތުމެވެ.

ހިއްސާ ކުރައްވާ!