ޗައިނާގައި ހަލުވިކަމާއެކު ކުރިއަރަމުންދާ އަދި އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކުރު ޑްރާމާ "މައިކްރޯ ޝޯޓް ޑްރާމާ" ސިލްސިލާތަކުގެ ކޮންޓެންޓް ކޮންޓްރޯލްކޮށް، ޚިޔާޅު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ދެ މަސްދުވަހުގެ ވަރުގަދަ ފިޔަވަޅު އެޅުމުގެ ކެމްޕޭނެއް މުޅި ޤައުމުގައި ފަށައިފިއެވެ.
ސަރުކާރުގެ ރަސްމީ ނޫސް "ގްލޯބަލް ޓައިމްސް" އާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން އެޑްމިނިސްޓްރޭޝަން އިން މިދިޔަ ހޯމަ ދުވަހު ފެށި މި ހަރަކާތަކީ، އޮންލައިން މުނިފޫހިފިލުވުމުގެ ދާއިރާގައި ސަރުކާރުގެ ނުފޫޒު ގަދަކޮށް، ބެއިޖިންގުން ބޭނުންވާ ވަކި ފިކުރެއް އާންމުންގެ ބޮލަށް ވައްދަން ހިންގާ ސެންސަރުޝިޕް އޮޕަރޭޝަނެކެވެ.
މި ފިޔަވަޅުގެ ދަށުން ސަރުކާރުގެ ރެގިއުލޭޓަރުން ވަނީ، ޗައިނާގެ މުޖުތަމައުގެ ހަގީގަތްތަކާ ގުޅޭ ބައެއް މައުޟޫޢުތައް ކަމަށްވާ، ކައިވެނީގެ މައްސަލަތަކާއި، މުއްސަނދިކަން ދެއްކުމާއި، ބަދަލުހިފުމުގެ ވާހަކަތައް ހިމެނޭ ޑްރާމާތައް އުފެއްދުން މަނާކޮށްފައެވެ. ސަރުކާރުން ބުނަނީ މިއީ "ބާތިލް އިޖުތިމާއީ ވިސްނުންތައް" ނައްތާލުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، މިއީ މޮބައިލް އެޕްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން އާންމުންނެއް ބަލަމުންދާ މިނިވަން އުފެއްދުންތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އެޅި ހަރުކަށި ހުރަހެކެވެ.
މި ކެމްޕޭނުގެ ދަށުން، ޕްރޮވިންސްތަކުގެ ބްރޯޑްކާސްޓިންގ އިދާރާތަކަށް ވަނީ ޑްރާމާ އުފައްދާ ކުންފުނިތަކާއި ސްޓްރީމިންގ ޕްލެޓްފޯމްތައް ބަލައި ފާސްކުރުމަށް އަމުރުކޮށްފައެވެ. އަދި ސަރުކާރުގެ ސިޔާސަތާ ޚިލާފުވާ ކޮންޓެންޓްތައް ވަގުތުން ފޮހެލުމަށް ވަނީ މަޖުބޫރުކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސެންސަރުޝިޕްގެ އަސްލު ބޭނުމަކީ ކޮމިއުނިސްޓް ޕާޓީގެ ސަރުކާރުގެ ފިކުރާ އެއްގޮތްވާ އުފެއްދުންތައް މުޖުތަމައަށް ނެރުމެވެ. އަދި ބޭރު ދުނިޔެއަށް "ޗައިނާގެ ވާހަކަ ރީތިކޮށް ކިޔައިދޭނެ" އުފެއްދުންތަކަށް ސަރުކާރުން އެހީތެރިވާނެ ކަމަށް ރެގިއުލޭޓަރުން ބުނެފައިވެއެވެ.
ޗައިނާގެ މީޑިއާ ވޮޗްޑޯގުން ބުނީ، ދެ މަސްދުވަހުގެ މުއްދަތަށްފަހުވެސް މި ހަރުކަށި ބެލުންތައް ހުއްޓައެއް ނުލާނެއެވެ. އޭގެ ބަދަލުގައި، އޮންލައިންކޮށް އާންމުން ބަލާ ހުރިހާ ވީޑިއޯއެއް ދާއިމީކޮށް ސަރުކާރުން މޮނިޓަރކޮށް ކޮންޓްރޯލް ކުރާނެ ނިޒާމެއް ގާއިމުކުރަން ވަނީ ރާވާފައެވެ. މިއީ ޗައިނާގެ އާންމު ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ޑިޖިޓަލް މާހައުލަށް ސަރުކާރުން އަތްގަދަކުރި ކުރުމެކެވެ.





