ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކޮލެޖް އެންޓްރެންސް އިމްތިޙާނު ކަމަށްވާ "ގާއޯކާއޯ" ގައި ބައިވެރިވާ ދަރިވަރުން، ޒަމާނީ ޓެކްނޮލޮޖީގެ "ސްމާޓް އައިނު" ބޭނުންކޮށްގެން ކޮޕީކޮށް ފާނެތީ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އާދަޔާޚިލާފަށް ވަރުގަދަކޮށްފިއެވެ.
މި އިމްތިޙާނާ ދިމާކޮށް، އިންޓަނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތްތަކާއި، ފޭކް އިމްތިޙާނު ކަރުދާސްތައް ވިއްކާ މީހުންނަށް ސަމާލުވުމަށް ޗައިނާގެ ފުލުހުންވެސް ވަނީ ހުކުރު ދުވަހު އިންޒާރު ނެރެފައެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ގާއޯކާއޯ އިމްތިޙާނުގައި ޖުމްލަ 12.9 މިލިއަން ދަރިވަރުން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު (13.35 މިލިއަން ދަރިވަރުން) 450,000 ގެ މަދުވުމެކެވެ.
އިމްތިޙާނު ބާއްވާ ކްލާސްރޫމްތަކަށް ވައްދާ އައިނުތައް ޚާއްޞަ ޗެކްތަކަކުން ފާސްކުރަންޖެހޭނެ ކަމަށް ގުއަންގްޑޮންގް، ފުޖިއަން، ޝަންހާއީ އަދި އިނަރ މޮންގޯލިއާ ފަދަ ބޮޑެތި ޕްރޮވިންސްތަކުން ވަނީ އަންގާފައެވެ. ގުއަންގްޑޮންގްގެ އެޑިއުކޭޝަން އެގްޒަމިނޭޝަންސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައިނު އަޅާ ދަރިވަރުން ސެކިއުރިޓީ ޗެކް ކުރާއިރު އައިނު ނަގައި، ވީޑިއޯ ކެމެރާގެ ކުރިމަތީގައި ތިބޭ ސުޕަވައިޒަރުންނަށް ދައްކައި، މޭޒުމަތީގައި ބާއްވަންޖެހޭނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ކެމެރާއާއި، ވަޔަލެސް ކަނެކްޓިވިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ "ސްމާޓް އައިނު" އާންމުވަމުންދާތީ، މިއީ އިމްތިޙާނުތަކުގެ ސައްހަކަން ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި އޮފިޝަލުން ދެކެއެވެ.
ޗައިނާއިން ދަނީ ކޮޕީކުރުން ހުއްޓުވުމަށް ފާއިތުވި އަހަރުތަކުގައި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރު ޖިއަންގްޒީ، ހޫބެއި، ގުއަންގްޑޮންގް އަދި ލިއާއޯނިންގް ޕްރޮވިންސްތަކުގައި، ކްލާސްރޫމްތައް ވަގުތުން މޮނިޓަރކޮށް ކޮޕީކުރުން ހުއްޓުވުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ވަނީ ހަރުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2022 ވަނަ އަހަރުގެ އިމްތިޙާނެއްގައި ދަރިވަރަކު ސިއްރިއްޔާތުގައި މޮބައިލް ފޯނެއް ވައްދައި، ކަރުދާހުގެ ފޮޓޯ ނެގުމަށްފަހު "ޓެންސެންޓް ކިއުކިއު" ޗެޓް ގްރޫޕަކަށް ލައިގެން ޖަވާބު ހޯދަން އުޅުނު މައްސަލައެއް ފާހަގަކޮށްފައެވެ. އެ ފަހަރު ފުލުހުން ވަނީ އެ ދަރިވަރު ހޯދައި ބޮޑު އަދަބެއް ދީފައެވެ.
"ކުޑަ ހިނދުކޮޅެއްގެ ފަރުވާކުޑަކަމަކުން ތިޔަކުދިންގެ މުސްތަޤްބަލް ހަލާކުކޮށްނުލާ،" މި އަހަރުގެ އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން މިނިސްޓްރީން ބުނެފައިވެއެވެ.





