އެއީ އާދަޔާޚިލާފަށް ބާރުބޮޑު، ހާސްކަމުން ފުރިފައިވީ ހެނދުނެކެވެ. "ހިންގްލިޝް" ކުންފުނީގެ ސީ.އީ.އޯ ޝުބަމް ގުނޭ ދިޔައީ ބޭރު ގައުމަކުން އައިސް ހުރި މުހިންމު ކްލައިންޓަކާ ބައްދަލުކުރުމަށް އަވަސް އަރުވާލައިފައެވެ.
އޭނާ ދަތުރުކުރި އޮޓޯއަށް ދައްކަންޖެހޭ 156 ރުޕީސްގެ ބަދަލުގައި، އޮޅުމަކުން އޭނާއަށް ފޯނުން ފޮނުވާލެވުނީ 15,682 )ފަނަރަހާސް ހަސަތޭކަ ބަޔާހި) ރުޕީސްއެވެ. އެފައިސާ ލިބުނީ ހަލާލް އާމްދަނީއަކުން ދިރިއުޅޢޭ އާދައިގެ މީހެއްކަމަށްވާ އަލްޠާފް އަށެވެ. ފޮނުވުނު ފައިސާގެ އަދަދު ޔަގީން ނުކޮށް އަވަސް އަރުވާލައިގެން ޝުބަމް ދުވެފައި ދިޔައީ ބައްދަލުވުމަށެވެ. ނަމަވެސް އެ ބައްދަލުވުން ނިމުނީ މާޔޫސްކަމާއި ނާކާމިޔާބީއާ އެކުގައެވެ.
އެނބުރި މަގުމައްޗަށް ނުކުތްއިރު، ޝުބަމްއަށް ފެނުނީ އޮޓޯ ޑްރައިވަރު އަލްޠާފް އެވެ! ހީވެސް ނުކުރާ ފަދަ މަންޒަރެކެވެ. އޮޓޯގެ ޑްރައިވަރު، އަލްޠާފް، އެތައް އިރެއް ވަންދެން އެތަނުގައި އޭނާގެ އިންތިޒާރުގައި ހުއްޓެވެ.
އަލްޠާފް އޭނާއާ އަރާ ހަމަކޮށް، އޮޅުމަކުން ގިނައިން ފޮނުވުނު ހުރިހާ ފައިސާއެއް ހަމައަށް އަނބުރާ ރައްދުކުރިއެވެ. ދަތުރުގެ އަގު ކަމަށްވާ 156 ރުޕީސް ބަހައްޓަން ޝުބަމް އެދުމުންވެސް، އޭނާގެ ހާސްކަން ފެނިފައި ދީލަތި ޑްރައިވަރު އެ ފައިސާ ހިފަންވެސް އިންކާރުކުރިއެވެ.
އަލްޠާފްގެ މި އަމަލަކީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެކެވެ. އޭނާގެ ހިތުގައިވީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. އޮޅުމަކުން ލިބުނު އެހެން މީހެއްގެ ފައިސާގައި ހިފުމުގެ ބަދަލުގައި، އޭނާ އިޚްތިޔާރުކުރީ އަމާނާތްތެރިކަމެވެ.
މި ހާދިސާގެ ހަތް ދުވަސް ފަހުން، ނާކާމިޔާބުވި ކްލައިންޓް އަލުން ގުޅައި، އެ ބޮޑު ޕްރޮޖެކްޓް ޝުބަމްއަށް ލިބޭކަމަށް ބުންޏެވެ. ޝުބަމް ގަބޫލުކުރި ގޮތުގައި އެއީ އެދުވަހު ހެނދުނު ފެނުނު ހެޔޮކަމުގެ ބަދަލުގައި އޭނާއަށް މިންވަރުކުރެއްވި ރިޒުޤެކެވެ.
އަލްޠާފްގެ މި ހެޔޮ ކަމުގެ ވާހަކައާއި މިހާދިސާ ޝުބަމް ވަނީ މީސްމީޑިއާގައި ހިުއްސާ ކޮށްފައެވެ. އަދި އޭނާ ދޭން އުޅުނު ފައިސާގެ މިންވަރާއި އަލްތާފް އެކަން ގަބޫލު ނުކުރި ކަމާއި ފަހުން އޭނާއަށް ހަދިޔާގެ ގޮތުގައި 500 ރުޕީސް ފޮނުވި ކަމަށް ބުނެ މީސްމީޑިއާގައި އެވާހަކަ ޕޯސްޓް ކުރިއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު މީގެ އެންމެ މުހިންމު މެސެޖަކީ މިއެވެ:
އަޅާ ކުރާ ކޮންމެ ހެޔޮ އަމަލެއްގެ އަސްލަކީ ނިޔަތާއި އިޚްލާޞްތެރިކަމެވެ. އަދި އެކަން އޮންނަންޖެހޭނީ ހަމައެކަނި އަޅާއާއި އޭނާ ހެއްދެވި ޚާލިޤުވަންތަ ﷲ ތަޢާލާއާ ދެމެދުގައެވެ. ދުނިޔޭގެ މީހުންގެ ތައުރީފާއި، ސޯޝަލް މީޑިއާގެ ލައިކްސްއަށްވުރެ، ސިއްރުގައި ކުރެވޭ ހެޔޮކަމުގެ އަގު މާ ބޮޑެވެ.
މިކަމަށް ބާރުދޭ ރީތި ނަބަވީ އިރުޝާދެއް މާތް ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ. ޤިޔާމަތް ދުވަހުން ﷲގެ ޢަރުޝީގެ ހިޔާ ލިބޭނޭ ހަތް ބާވަތެއްގެ މީހުންގެ ތެރޭގައި ހިމެނޭ މީހަކީ:
"…وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ…"
މާނައީ: "…އަދި ސިއްރު ގޮތުގައި ސަދަޤާތް ކުރި މީހާއެވެ. އެއީ އޭނާގެ ކަނާތުން ކުރި ޞަދަޤާތެއް، އޭނާގެ ވާތަށްވެސް ނޭނގޭ ފަދައިންނެވެ…" (ޞަޙީޙުލް ބުޚާރީ)
އަލްޠާފްގެ ތެދުވެރިކަމަކީ ބަލައިގަންނަންޖެހޭ ކަމެކެވެ. ނަމަވެސް އަހަރަމެން މުއުމިނުން ދަންނަންވީ ދުނިޔޭގެ ކެމެރާތަކާއި ތައުރީފަށް ފިލައިހުރެ، ހަމައެކަނި ﷲގެ ވަޖުހުފުޅަށްޓަކައި ދީލަތިވުމެވެ. އެއީ އެއް އަތުން ކުރާ ހެޔޮކަން އަނެއް އަތަށްވެސް ސިއްރުކުރާ ގޮތަށެވެ.






