ބޭރުފުށުން ރީތި، އެތެރެފުށުން ފާސިދު: މާރްލިން މޮންރޯ

އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހަކީ ސިނަމާގެ ތާރީޚު ދުށް އެންމެ މަޝްހޫރު، އަދި ބައެއް މީހުންގެ ނަޒަރުގައި މި ބިމުގައި ފައިތިލ  ބީއްސި އެންމެ "ރީތި" އަންހެނާ! ކަމަށް ބުނާ، މާރލިން މޮންރޯ އުފަންވިތާ 100 އަހަރު ފުރޭ މުނާސަބާއެވެ. އާދައިގެ ފަޤީރު، ބަދުނަސީބު ކުޑަކުއްޖެއްގެ ޙަޔާތުން ފެށިގެން ހޮލީވުޑްގެ އެންމެ ވިދާ ތަރިއަކަށްވެ، އެންމެ ފަހުން އުމުރުން އެންމެ 36 އަހަރުގައި ކުއްލި ގޮތަކަށް މަރުވުމާ ހަމައަށް، އޭނާގެ ވާހަކައަކީ މިއަދުވެސް އާވަމުންދާ ވާހަކައެކެވެ. ނަމަވެސް، މި ޒިކުރާގެ ފަހަތުގައިވާ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟

ޙަޤީޤަތަކީ، މާރލިން މޮންރޯއަކީ އޭނާގެ ދިރިއުޅުމުގައިވެސް، އަދި މަރުވުމަށްފަހުވެސް ހަމައެކަނި ވިޔަފަރިއަށް ގަންނަ މުދަލެކެވެ. ނޫސްވެރިކަމާއި ސިނަމާގެ ސިނާޢަތުން އޭނާގެ އަންހެންވަންތަކަން ބޭނުންކޮށްގެން ބޮޑެތި ފައިދާތައް ނަގައެވެ.

އޭނާ މަރުވިތާ 64 އަހަރު ވެގެންދާއިރުވެސް، "މާރްލިން މޮންރޯ" އަކީ އަމިއްލަ ޒާތުގައި ހިނގަމުންދާ ބޮޑު ވިޔަފާރިއެކެވެ. ފޮތްތައް ލިޔާ މީހުންނާއި، ފިލްމު އުފައްދާ މީހުންނާއި، އޭނާގެ މުދާ ބަލަހައްޓާ ފައުންޑޭޝަންތަކުން ދަނީ މި 100 އަހަރު ފުރުމުގެ ބޭނުން ހިފައިގެން 95 ޑޮލަރަށް ފޮތްތައް ވިއްކައި، މި ހިތާމަވެރި އަންހެނާގެ ނަމުގައި އަދިވެސް މިލިއަނުން ފައިދާ ނަގަމުންނެވެ.

މިއީ ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމުން އަންހެނާގެ ޢިއްފަތާއި، އޭނާގެ ޙަޔާތުގެ ހިތާމަތައްވެސް ވިޔަފާރި މުދަލަކަށް ހަދާލާފައިވާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެކިތަކެވެ.

އިސްލާމީ އަޚްލާޤާއި އިންސާނީ ތަބީޢަތުގެ ނަޒަރަކުން ބަލާއިރު، މާރލިން މޮންރޯގެ މި ނާޖާއިޒު ފައިދާ ނެގުމަކީ ފާޑުކިޔުން ޙައްޤު ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އޭނާއަކީ ޒާތީ ދިރިއުޅުމުގައި ފެނާ ދުރު، ފެންނުވަރާ، އަމިއްލަ ސާފުތާހިރުކަމެއް ނެތް މީހެކެވެ. ނަމަވެސް، ހޮލީވުޑްގެ ކެމެރާތަކާއި، މޭކަޕާއި، ކުލަބޮކިތަކުގެ އެހީގައި އޭނާ ދުނިޔެއަށް ދެއްކީ ބަލާލަން ރީތި، ހިތްތައް ދަމައިގަންނަ ބޭރުފުށެކެވެ.

ފިރިހެނުން އޭނާގެ ފިލްމުތަކާއި ހިނިތުންވުންތަކުން ހިތްއުފާކޮށް، އަމިއްލަ ދިރިއުޅުމުގެ ބުރަތަކާއި އަނބިންގެ ފަރާތުން ދިމާވާ ތުރާތަކާއި މަސްއޫލިއްޔަތުތަކުން ސިކުންތުކޮޅަކަށް ނަމަވެސް ދުރުވެ، ހިތްހަމަޖެއްސުން ހޯދިއެވެ.

ޖިންސީ ޣަރީޒާގެ ކެހިވެރިކަމުގައި ހެއްލި، ހަގީގީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކުން ފިލަން ބޭނުންވި ފިރިހެނުންނަށް އޭނާ ވީ ބޮޑު މަސްތަކަށެވެ.

އެހެންނަމަވެސް، މި ފޭކު "އަންހެންވަންތަކަމުގެ" ފަހަތުގައި އޮތީ ބޮޑު މާޔޫސީ ދިރިއުޅުމެކެވެ. ބަދުނަސީބު ކުޑަކުދިންގެ ހާލަތާއި، ނަފްސާނީ ބަލިމަޑުކަމާއި، ނާކާމިޔާބު ކައިވެނިތަކާއި، އަދި އެންމެ ފަހުން އަމިއްލައަށް މަރުވުން ނުވަތަ ބައެއްގެ ރޭވުމަކުން މަރާލުން ފަދަ ބިރުވެރި ނިމުމެކެވެ.

މިއީ އިސްލާމީ ހަމަތަކާ ދުރަށްޖެހި، އަންހެނާގެ ހަށިގަނޑަކީ އަގުބޮޑު ނިވާކަން ބޮޑު ޖަވާހިރަކަށް ހެދުމުގެ ބަދަލުގައި، މަގުމަތީގައި ވިއްކަން ހުންނަ މުދަލަކަށް ހެދުމުން ލިބޭ ހިތްދަތި ނަތީޖާއެވެ.

އިސްލާމްދީން އަންހެނާއަށް ދީފައިވަނީ މަތިވެރި ޢިއްޒަތެކެވެ. އޭނާއަކީ ބާޒާރުގައި އަގުކިޔައި، ފޮތްތަކުގެ ބޭރުގަނޑުގައި ނިވާކަން ކުޑަކޮށް ޖަހައިގެން ފައިސާ ހޯދާން އޮންނަ ސިއްކައެއް ނޫނެވެ.

މާރލިން މޮންރޯގެ އުފަން ވުމުގެ 100 ވަނަ އަހަރު ދުނިޔެއަށް ލިބޭންވީ ހަގީގީ ފިލާވަޅަކީ، ހުޅަނގުގެ މި ފާސިދު، ކެހިވެރި ސިނާޢަތްތަކުން ދައްކާ ކުލަގަދަ ދިހުނު މަންޒަރުތަކަށް ނުހެލި އުޅުމެވެ. ބޭރުފުށް ކިތަންމެ ރީއްޗަސް، އީމާންކަމާއި ތާހިރުކަމެއް ނެތް ޙަޔާތެއްގައި އަމާންކަމެއް އަދި ހިމޭންކަމެއް ނުލިބޭނެއެވެ.

ހިއްސާ ކުރައްވާ!