ވޯލްޑް ކަޕްގެ ފޯރިގަދަވާއިރު، އެފްރިކާގައި ފެތުރޭ އިބޯލާ ވައިރަހުގެ ސަބަބުން ހޮސްޓް ޤައުމުތައް އެލާޓަށް

ފީފާ ވޯލްޑް ކަޕް 2026 ކުޅުމަށް މުޅި ދުނިޔެއިން އެތައް މިލިއަން ސަޕޯޓަރުންނެއް އުތުރު އެމެރިކާއަށް ޖަމާވަމުންދާއިރު، އިރުމަތީ އެފްރިކާގައި ފެތުރެން ފަށާފައިވާ ނުރައްކާތެރި އެބޯލާ ވައިރަހުގެ ސަބަބުން މުބާރާތް ބާއްވާ ތިން ޤައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ސިއްހީ އިދާރާތައް ވަނީ މަތީ ފަންތީގެ އެލާޓަކަށް އައިސްފައެވެ.

މިދިޔަ މޭ މަހުގެ 15 ގައި ކޮންގޯ އިން ފެނުނު އެބޯލާގެ "ބުންޑިބުގްޔޯ" ކިޔާ މަދު ހާލަތްތަކެއްގައި ފެންނަ ވައިރަސް ސްޓްރެއިން މިހާރު ވަނީ 488 އަށްވުރެ ގިނަ މީހުންނަށް ޖެހި، 86 މީހުން މަރުވެފައެވެ. އަދި މި ބަލި މިހާރު ވަނީ އަވަށްޓެރި ޔުގެންޑާއަށްވެސް ފެތުރިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ މިއީ ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި އިޢުލާންކޮށްފައެވެ.

މުބާރާތް ބާއްވާ ތިން ޤައުމުން ގުޅިގެން ވަނީ ބަލި ފެތުރޭ ސަރަޙައްދުތަކުން އަންނަ ދަތުރުވެރިންނަށް ޚާއްޞަ ހަރުކަށި ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ.

  • އެމެރިކާ: ވޭތުވެދިޔަ 21 ދުވަހު ކޮންގޯ، ޔުގެންޑާ ނުވަތަ ސައުތު ސޫދާނަށް ދަތުރުކޮށްފައިވާ އެމެރިކާގެ ރައްޔިތުން ނޫން މީހުންނާއި ގްރީން ކާޑު ހޯލްޑަރުން އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި އެޓްލާންޓާ ފަދަ ބޮޑެތި އެއާޕޯޓްތަކުގައި ސްކްރީނިންގ ވަނީ ވަރުގަދަކޮށްފައެވެ.

  • ކެނެޑާ: އެ ޤައުމުތަކުގެ ރައްޔިތުން ކެނެޑާއަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފައިވާއިރު، އެ ސަރަޙައްދުތަކުން އަންނަ ކެނެޑާގެ ރައްޔިތުންވެސް 21 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.

  • މެކްސިކޯ: އެއާޕޯޓްތަކުގެ ޗެކްޕޮއިންޓްތައް ވަރުގަދަކޮށް، ބަލި އޮތް ޤައުމުތަކުން އަންނަ މީހުން 21 ދުވަހު އެކަހެރިވާން ވަނީ އަންގާފައެވެ.

1974 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ކޮންގޯ ޓީމުގެ ތައްޔާރީތަކަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ބަލީގެ ބިރަށްޓަކައި އެޤައުމުގެ ޓީމު މިހާރު ތިބީ ބެލްޖިއަމްގައި ބަބަލްއެއްގެ ތެރޭގައި އެކަހެރިވެގެންނެވެ. އެމެރިކާއަށް އެތެރެވުމުގެ ކުރިން އެމީހުން 21 ދުވަހުގެ ކަރަންޓީނު މުއްދަތެއް ބެލްޖިއަމްގައި ފުރިހަމަކުރަންޖެހެއެވެ.

މީގެ އިތުރުން، ސްޕެއިންގައި ޗިލީއާއެކު ކުޅެން އޮތް ރަހުމަތްތެރިކަމުގެ މެޗުވެސް ސްޕެއިންގެ ސަރުކާރުން ވަނީ ބަލީގެ ބިރަށްޓަކައި ކެންސަލްކޮށްފައެވެ. ކޮންގޯގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ގައި ޕޯޗުގަލްއާ ދެކޮޅަށް ޓެކްސަސްގެ ހިއުސްޓަންގައެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ސިއްހީ މާހިރުން ބުނާ ގޮތުގައި ވޯލްޑް ކަޕް ބަލަންދާ އާންމު ސަޕޯޓަރުންނަށް އެބޯލާ ޖެހުމުގެ ފުރުޞަތު އިންތިހާއަށް ކުޑައެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ގްލޯބަލް ހެލްތު އެކަޑެމިކް، އޮލިވާ ޖޯންސަން ވިދާޅުވި ގޮތުގައި، އެބޯލާއަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެއް ނޫނެވެ. ބަލި ފެތުރެނީ ސީދާ ބަލިމީހާގެ ހަށިގަނޑުން ނުކުންނަ ދިޔައިން ކަމަށްވާތީ، ކުރިއަރާފައިވާ ޤައުމުތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން މި ބަލި ކޮންޓްރޯލްކުރުން ފަސޭހަވާނެއެވެ. މާހިރުން އިރުޝާދުދެނީ ހަމައެކަނި އަތްދޮވުމާއި، ބަލިކޮށް އުޅޭ މީހުންނާ މާ ބޮޑަށް ގާތްނުވުން ފަދަ އާންމު ސިއްހީ އާދަތަކަށް ސަމާލުވުމަށެވެ.

ހިއްސާ ކުރައްވާ!