ފޭރިގެންފައިވާ އީރާނުގެ ފައިސާ، ބޭނުންކޮށްގެން ގަލްފުގެ ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށާއި އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް އެފައިސާ ބޭނުންކުރުމާ ބެހޭގޮތުން އެމެރިކާ ސަރުކާރުން ވިސްނަމުންދާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ. މިގޮތަށް ބަހުސްކުރަން ފަށާފައިވަނީ އީރާނުން ކުވައިތަށާއި ބަޙްރައިނަށް ދިން ޙަމަލާތަކަކަށް ފަހުގައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބީސެންޓް ވަނީ، އީރާނުގެ ޙަމަލާތަކުގެ ސަބަބުން ގަލްފުގެ ޤައުމުތަކަށް ލިބިފައިވާ ގެއްލުންތަކުގެ އަގު ވަޒަންކުރުމަށް ޚާއްޞަ ޓީމަކަށް އަމުރުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނުން ދީފާނެ ޙަމަލާއެއްގެ ގެއްލުން ފޫބެއްދުމަށްވެސް، އެމެރިކާގައި ހިފަހައްޓާފައި ހުރި އީރާނުގެ ބިލިއަނުން ޑޮލަރު ބޭނުންކުރުމުގެ ފުރުޞަތު އެބައޮތެވެ.
އެމެރިކާއާއި އިސްރާއީލުގެ ޖެނޮސައިޑް ރެޖީމުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިޥާ އުދުވާނީ ހަނގުރާމައިން ޝަހީދުކޯށްފައިޥާ ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ބިޮން އަޅާފައިވާ ސްކޫލުތަކާއި ރިސާޗް ސެންޓަރތަކާއި ޔުނިވާސިޓީތަކަށް އެމެރިކާއިން ބަދަލު ދޭން ޖެހޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެމެރިކާއިން އީރާނުގެ ފައިސާ އަރަބިންނަށް ދޭން މި ވިސްނަނީ އީރާނު ލައްވައި އިތުރަށް ބޮން އަޅައި އަރަބިންގެ ބިއްލޫރި ގަނޑުވަރުތައް ފުނޑުފުނޑުކޮށްލުމަށް ލަފާ ކުރެވެއެވެ.
މިއަދަކީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައަށް ސީދާ 100 ދުވަސް ފުރުނު ދުވަހެވެ. މި މަސްރަޙާ ބެހޭގޮތުން ތެހެރާން ޔުނިވަރސިޓީގެ ޕްރޮފެސަރ ފުއާދު އީޒަދީ އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދެފަރާތުންވެސް ސުލްހައިގެ އެއްބަސްވުމަކަށްދާން ބޭނުންވި ނަމަވެސް، ވޮޝިންގޓަނުގެ އެތެރޭގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން މުޅި މަރުޙަލާ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
"މިދިޔަ ފެބްރުއަރީ މަހު ރައީސް ޓްރަމްޕްއާއި ނަތަންޔާހޫ އީރާނަށް ޙަމަލާދިނުމުގެ ކުރިންވެސް، އީރާނުން އޮތީ އެއްބަސްވުމަކަށްދާން ތައްޔާރަށް. އެމެރިކާއަށްވެސް މިހާރު ވިސްނިއްޖެ އީރާނަށް ޙަމަލާދީގެން އެމީހުންނަށް ލިބޭނެ ހެޔޮ ނަތީޖާއެއް ނެތްކަން،" އީޒަދީ ވިދާޅުވިއެވެ.
އީޒަދީ ފާހަގަކުރެއްވި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، އެމެރިކާގެ ރިޕަބްލިކަން އަދި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ގުޅިގެން، އީރާނަށް އެއްވެސް ދޫލެއް ނުދިނުމަށް ރައީސް ޓްރަމްޕަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކެވެ.
އީރާނުގެ ގާތްގަނޑަކަށް 24 ބިލިއަން ޑޮލަރުގެ ފައިސާ އެމެރިކާއިން ފޭރިގެންފައިވާ އިރު، އެ ފައިސާ އެއްވެސް ހާލެއްގައި ދޫނުކުރުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލިސް މެންބަރުން ދަނީ ގޮވައިލަމުންނެވެ. ވޮޝިންގޓަނުގެ އެތެރޭގެ މި ސިޔާސީ ޚިޔާލުތަފާތުވުންތައް ޙައްލުނުވަނީސް، އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ކަހަލަ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ.




