އެމެރިކާއާއެކު މަޝްވަރާކުރުމުގައި އީރާނަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާގެ ސިޔާސަތުތަކާއި ބަހާއި އަމަލުތައް މިއަދާ މާދަމާ ދިމާނުވުމާއި، އެކި މަސްއޫލުވެރިންގެ ބަސްމަގު ތަފާތުވުން ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެއްޖެއެވެ.
އާދިއްލީ ދުވަހު ތެހެރާނުން ސީ.އެން.އެން އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ބަޤާއީ ވިދާޅުވީ، މިހާރުގެ އެމެރިކާގެ ސަރުކާރާއެކު ވާހަކަދެއްކުމުގައި ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، އެމެރިކާއިން ކަނޑައަޅާ އަމާޒުތައް ހަލުވިކަމާއެކު ބަދަލު ކުރަމުން ވާހަކަތައް ބަދަލު ކޮށް އެއްބަސްވުމާ ޚިލާފްވެ އެކި އިދާރާތަކުގެ އިސްވެރިންގެ ވާހަކަތަކުގެ ފުށުއެރުންތަކެވެ. މީގެ ސަބަބުން މަޝްވަރާގެ މުޅި މަރުޙަލާ އިންތިހާއަށް އޮޅުންބޮޅުން ބޮޑުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެޤައުމުގެ މެދުގައި ޚިލާފު ހުރި ގިނަ ކަންތައްތަކެއް ހުރިނަމަވެސް، އެންމެ އަސާސީ މައްސަލައަކީ އީރާނުގެ ޤާނޫނީ ޙައްޤުތައް އެމެރިކާއިން ގަބޫލުނުކުރުން ކަމަށް ބަޤާއީ ވިދާޅުވިއެވެ.
"ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާ ގެ ދަށުން، ނިއުކްލިއާ މާއްދާތައް ސުލްހަވެރި ބޭނުންތަކަށް މުއްސަނދިކުރުމުގެ ފުރިހަމަ ޙައްޤު އީރާނަށް ލިބިގެންވޭ. އެމެރިކާއިން ފުރަތަމަ ކަމަކަށް މި ޙައްޤަށް އިއުތިރާފް ވާންޖެހޭނެ،" ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފޭރިގެންފައިވާ އީރާނުގެ ބިލިއަނުން ޑޮލަރުގެ ފައިސާ ދޫކުރުމާ ބެހޭގޮތުން ވާހަކަދައްކާއިރު، އެމެރިކާއިން އެއްވެސް ދުލެއް ދޭން ބޭނުންނުވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ބަޤާއީ ވިދާޅުވި ގޮތުގައި އެމެރިކާއިން ކުރަންޖެހޭ ކަމަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެ ފައިސާ އީރާނުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މިދިޔަ އެޕްރީލް މަހުން ފެށިގެން ހިނގަމުންދާ ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އެމެރިކާގެ އާންމު ސުލޫކު ހުންނަ ޒަޔަނިސްޓު ބީދައިން ޚިލާފުވަމުންދާ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ތުހުމަތުކޮށްފައެވެ. ބަޤާއީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގައްޔާއި ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގައި ދަތުރުކުރާ އީރާނުގެ މުދާ އުފުލާ އުޅަނދުތަކަށް އެމެރިކާގެ ސިފައިން ޙަމަލާދީފައިވާ ކަމަށެވެ.




