އިސްތިއުމާރު ކޮށްގެން އުޅޭ ބަޔަކު ނައްތާލުމުން ހަމާސްގެ ތައުރީފް: ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމް ސިއްސުވާލައިފި

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އިސްތިއުމާރު ކޮށްގެން އުޅޭ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމްގެ މެދުތެރޭގެ ސަރަޙައްދެއް ކަމަށްވާ "ކޯޚާވް ޔާއީރު" ގައި އާދިއްތަ ދުވަހު ބަޑީގެ ވަރުގަދަ ހަމަލާތަކެއްދީ، އިސްތިއުމާރީ ބާރުގެ އެކަކު ނައްތާލައި ފަސް މީހަކު ޒަޚަމްކޮށްލައިފިއެވެ. ޒަޔަނިސްޓު ރެޖީމްގެ މެޑިކަލް ޚިދުމަތްތަކުން ހާމަކުރިގޮތުގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ޙާލަތު އިންތިހާއަށް ސީރިއަސްއެވެ.

ނާޒީ ޒަޔަނިސްޓު ރެޖީމްގެ ސިފައިން ބުނިގޮތުގައި، އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މި ހަމަލާ ދިނުމުގައި ބައިވެރިވި ފަލަސްޠީނުގެ ދެ މުޖާހިދަކު، ސަލާމަތީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން އެކަކު "ޘޫރު ޔިޠްޞްޙާޤް" ކައިރިން ޝަހީދުވިއިރު، ދެވަނަ މުޖާހިދު ޒަޚަމްވެގެން ފިލަން އުޅެނިކޮށް ފަހާދުވެ ގޮސް "ޠައިބާ" ސަރަޙައްދުން ވަނީ ޝަހީދުކޮށްލާފައެވެ.

މި ހަމަލާއާއެކު ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމްގެ ސަލާމަތީ ނިޒާމަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ރެޖީމްގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ބޯޑަރު ބަންދުކޮށް، ފަލަސްޠީނުގެ ޤަލްޤީލިޔާ ސިޓީއާ ކައިރީގައިވާ ބައެއް އަވަށްތައް ވަށާލައި ހިސާރުކޮށްފައެވެ. ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ރެޖީމްގެ ސަލާމަތީ އިދާރާތަކާއެކު ކުއްލި މަސްރަޙް ވަޒަންކުރަމުންދާ ކަމަށެވެ.

މި ހަމަލާގެ ރަސްމީ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައިނުވި ނަމަވެސް، ފަލަސްޠީނުގެ އިސްލާމީ ހަމާސް ޖަމާޢަތުން ވަނީ މި ހަމަލާއަށް ތައުރީފެކޮށް ބަޔާނެއް ނެރެފައެވެ.

ހަމާސްއިން ބުނިގޮތުގައި، އިސްތިއުމާރު ކޮށްގެން އުޅޭ ބާރުތަކާ ދެކޮޅަށް ދިން މި ހަމަލާއަކީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުތަކަށާއި، ބިންތައް ފޭރުމާއި، ފަލަސްޠީނު މީހުން މެރުމުގެ ޢަމަލުތަކަށް ދެވުނު ހިތްވަރުގަދަ ރައްދެކެވެ. އަދި ޒަޔަނިސްޓުން ހިންގާ އެއްވެސް ޖަރީމާއަކުން އެމީހުންގެ އިސްތިއުމާރީ ބާރަށް އަމާންކަމެއް ނުލިބޭނެ ކަމަށާއި، މިފަދަ ހަމަލާތަކުގެ ސަބަބުން އިދިކޮޅު ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ހަމާސްއިން ބުންޏެވެ.

އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ހަތިޔާރު އެޅި ހަމަލަތައް ދިނުމަށް ބައިނަލްއަގްވާމީ ގާނޫނު ހުއްދަ ކުރެއެވެ.

ހިއްސާ ކުރައްވާ!