ސޮލޮމަން އައިލެންޑްސް އިން، 2022ވަނަ އަހަރު ޗައިނާއާއެކު ހަދާފައިވާ ސިއްރު ސަލާމަތީ އެއްބަސްވުން މުރާޖަޢާކުރައްވާނެ ކަމަށް އެގައުމުގެ އައު ބޮޑުވަޒީރު މެތިއު ވޭލް ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެކުނު ޕެސިފިކް ސަރަޙައްދަށް ޗައިނާގެ އަސްކަރީ ބާރުތައް ވަނުމުގެ ފުރުޞަތު ފަހިވެ، އެމެރިކާ އާއި އޮސްޓްރޭލިއާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިދިޔަ މަހު ވެރިކަމަށް ހޮވުނު ވޭލް ވިދާޅުވީ، އެހެން ޤައުމުތަކާއެކު ހަދާފައިވާ ސަލާމަތީ އެއްބަސްވުންތަކެކޭ އެއްފަދައިން ޗައިނާގެ އެއްބަސްވުންވެސް އަލުން މުރާޖަޢާކުރާނެ ކަމަށެވެ. މީގެ ކުރީގެ ބޮޑުވަޒީރު މަނާސޭ ސޮގަވަރޭގެ ދުވަސްވަރު ހެދި މި އެއްބަސްވުމަކީ ސިއްރު ހިފެހެއްޓުމުގެ މާއްދާއެއް ހިމެނޭ އެއްޗަކަށްވުމުން، އޮސްޓްރޭލިއާއަށް ކުރި ދަތުރުގެ އެއްދުވަސް ކުރިއާ ހަމައަށް އޭނާއަށްވެސް އެ އެއްބަސްވުން ފެނިވަޑައިގެންފައިނުވާ ކަމަށް ވޭލް ހާމަކުރެއްވިއެވެ.
މި ބަދަލާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، ސޮލޮމަން އައިލެންޑްސްގެ އައު ސަރުކާރާއެކު ހުރިހާ ދާއިރާއަކުންވެސް އަމަލީ ގޮތުން ގުޅުން ބަދަހިކުރުމަށް ޗައިނާ އޮތީ ތައްޔާރަށެވެ. ނަމަވެސް، ޗައިނާގެ ކަނޑުގެ ސިފައިން ޕެސިފިކްގައި ދާއިމީގޮތަކަށް ގާއިމުވެދާނެތީ އެމެރިކާ އާއި އޮސްޓްރޭލިއާއިން ދަނީ މިކަމާ ދެކޮޅުހަދަމުންނެވެ.
8 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ސޮލޮމަން އައިލެންޑްސްއަށް އެންމެ ބޮޑު އެހީއެއްދޭ ޤައުމަކީ އޮސްޓްރޭލިއާއެވެ. ނަމަވެސް، 2019ވަނަ އަހަރު އެ ޤައުމުން ތައިވާނާއެކު އޮތް ގުޅުން ކަނޑާލައި ޗައިނާއާ ގުޅުން ޤާއިމުކުރުމަށްފަހު، ޗައިނާގެ ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ވަނީ ދެގުނަވެފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވީ، ދެ ޤައުމުގެ މެދުގައި އިތުބާރާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ އައު އަދި ފުރިހަމަ މުޢާހަދާއެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ފުލުހުން ތަމްރީނުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރާނެއެވެ. ބޮޑުވަޒީރު ވޭލް ބާރުއެޅުއްވީ ޕެސިފިކް ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ސަރަޙައްދުގެ ޤައުމުތަކަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބަނދަރު ފަދަ މުހިންމު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް އޮސްޓްރޭލިއާ އަދި އެމެރިކާއާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





