ޗައިނާގެ ޖާސޫސުން ވަޒީފާދޭ އެޖެންޓުންގެ ނަމުގައި އިނގިރޭސިވިލާތުގެ ސިއްރުތައް ހޯދަނީ: އެމްއައި ފައިވް

ޗައިނާގެ ޖާސޫސުން ވަޒީފާދޭ އެޖެންޓުންގެ ގޮތުގައި ހަދައިގެން، އިނގިރޭސިވިލާތުގެ ސަރުކާރާއި އަސްކަރިއްޔާގެ މުވައްޒަފުން ނުހައްގުން ހައްލައިލައިގެން ދައުލަތުގެ ސިއްރުތައް ހޯދަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ، އެމްއައި ފައިވް އިން އިންޒާރުދީފިއެވެ.

އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، އަދި ނިއުޒިލޭންޑް ހިމެނޭ "ފައިވް އައިޒް" ޖާސޫސީ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ އެޖެންޓުން ލިންކްޑްއިން  އިންޑީޑް އަދި އަޕްވޯކް ފަދަ މަޝްހޫރު ވެބްސައިޓްތައް ބޭނުންކޮށްގެން ދޮގު ވަޒީފާތަކެއް އިޝްތިހާރުކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ޗައިނާގެ އަސްކަރިއްޔާއަށް ސިޔާސީ، އަސްކަރީ އަދި އިޤްޠިޞާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ސަރުކާރުގެ ސިއްރު މަޢުލޫމާތުތައް އަތުލުމެވެ.

ފައިވް އައިޒް އިން ހާމަކުރިގޮތުގައި، ޗައިނާގެ އެޖެންޓުން ދޮގު ވަޒީފާގެ އިޝްތިހާރުތައް ޖެހުމަށްފަހު، ކުރިމަތިލާ މީހުންގެ ވަނަވަރުތައް ބަލައި ސަރުކާރާއި އަސްކަރިއްޔާގެ މުހިންމު ދާއިރާތަކުގައި އުޅޭ މީހުން ފާހަގަކުރެއެވެ. އެއަށްފަހު، އޮންލައިންކޮށް އިންޓަވިއު ބާއްވައި، އެމީހުންނަށް ލިބިފައިވާ ސިއްރު މަޢުލޫމާތުތަކަކީ ކޮބައިތޯ ބަލައެވެ.

އެންމެ ފަހު މަރުޙަލާގައި، ވަޒީފާއަށް އެދޭ މީހުންގެ ފެންވަރު ބެލުމުގެ ބަހަނާގައި ޗައިނާގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން ރިޕޯޓްތައް ލިޔަންދެއެވެ. އަދި މި ރިޕޯޓްތަކުގައި ސަރުކާރުގެ ރަސްމީ ނޫން ސިއްރު މަޢުލޫމާތުތައް ހިމެނުމަށް މަޖުބޫރުކުރުވައި، ކޮންމެ ރިޕޯޓަކަށް 1000 ޑޮލަރާ ހަމައަށް ފައިސާ ދައްކައެވެ. މީގެ ޝިކާރައަކަށް ވަނީ ޚާއްޞަ ސެކިއުރިޓީ ކްލިއަރެންސް އޮންނަ މުވައްޒަފުންނާއި، އެކަޑެމިކް ދާއިރާގެ މީހުންނެވެ.

އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު ޑޭން ޖާވިސް ވިދާޅުވީ، ޗައިނާގެ މިފަދަ ހަތުރުވެރި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، މުވައްޒަފުން އޮންލައިންކޮށް ދޭ މިފަދަ ހުށަހެޅުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޗައިނާއިން ބުނީ މިއީ ކަނޑައެޅިގެން ހަދާފައިވާ ދޮގުތަކެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާޅުގައި ޖާސޫސީ ހަރަކާތްތައް ހިންގާ އެންމެ ބޮޑު ނެޓްވޯކަކީ ފައިވް އައިޒް އިއްތިހާދު ކަމަށެވެ. އަދި ދުނިޔޭގެ ސުލްޙައަށް އޮތް ހަޤީޤީ ނުރައްކަލަކީ އެ އިއްތިހާދު ކަމަށްވެސް ޗައިނާއިން ބުންޏެވެ.

ހިއްސާ ކުރައްވާ!