އިރުގެ ސަތަހައިން ގޮވި ވަރުގަދަ ގޮވުމަކާ ގުޅިގެން އުފެދުނު، މެގްނެޓިކް ބާރުތަކާއި ދިލަ ގޭސްތައް ހިމެނޭ "ސޯލާ ރާޅެއް" ވަރަށް ބާރު މިނެއްގައި ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އެބަދެއެވެ. މި ރާޅު ދުނިޔޭގެ މެގްނެޓިކް ފީލްޑް ނުވަތަ ދިފާޢީ އައްޑަނައިގައި ޖެހި، ބާރުގަދަ ޖިއޯމެގްނެޓިކް ތޫފާނެއް އުފެދޭނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުއެވެ. މިއާއެކު، އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ވަނީ ޖައްވީ މޫސުމަށް ސަމާލުވުމަށް "ޖީ-3″ ފެންވަރުގެ އެލާޓެއް ނެރެފައެވެ.
މި ތޫފާނުގެ ސަބަބުން ދުނިޔޭގެ ދެކުނު އަދި އުތުރު ދަނޑި ކައިރި ސަރަހައްދުތައް (މިސާލަކަށް ކެނެޑާ، އެމެރިކާގެ އުތުރު ސަރަހައްދުތައް، ވިލާތުގެ ޤައުމުތައް އަދި އޮސްޓްރޭލިއާގެ ދެކުނު ބަޔަށް) އުޑުމަތިން ރީތި ކުލަތަކުގެ އައުރޯރާ ނުވަތަ ޖައްވީ އަލިތައް ފެނުމުގެ ފުރުޞަތު ބޮޑެވެ. އާންމުކޮށް ފެންނަ ފެހިކުލައިގެ ބަދަލުގައި، މިފަހަރު މެދުތެރޭ ވިލާތާ ހަމައަށް ރަތް ކުލައިގެ އައުރޯރާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
މިދިޔަ ހަފުތާގައި އިރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ޖޫން މަހުގެ 6 ވަނަ ދުވަހު އިރުގެ ސަތަހައިގައިވާ "އެކްޓިވް ރީޖަން 4461″ ނަމަކަށް ކިޔާ ސަރަހައްދަކުން ވަނީ ވަރުގަދަ ސޯލާ ފްލެއަރ އެއް ނުވަތަ ގޮވުމެއް ގޮވާފައެވެ. މި ގޮވުން އުފެދުނީ އިރުގެ މެގްނެޓިކް ރޮނގުތައް އެސް S އަކުރެއްގެ ބައްޓަމަށް ބޮޑަށް އެނބުރި، އޭގައި ހުރި ހަކަތަ ކުއްލިއަކަށް ސުންގަޑިއެއްގެ ތެރޭގައި ދޫވެގެން ދިއުމުންނެވެ.
މި ގޮވުމާއެކު ބޭރުވި މެގްނެޓިކް ބާރުތައް ސިކުންތަކު 1,400 ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި ދުނިޔެއާ ދިމާލަށް ދަނީ އަންނަމުންނެވެ. މީގެ ސަބަބުން ބޭރުވި ވަރުގަދަ އެކްސް-ރޭ ދޯދިތަކުގެ ސަބަބުން، ދުނިޔޭގެ ބައެއް ހިސާބުތަކުގެ ހައި ފްރީކުއެންސީ ރޭޑިއޯ މުވާޞަލާތަށް ވަގުތީ ބުރޫތަކެއް ވަނީ އަރާފައެވެ.
އިރުން އަންނަ މި ނުރައްކާތެރި ހަކަތަ ދުނިޔޭގައި ޖެހުނަސް، ދުނިޔޭގެ ގަދަފަދަ މެގްނެޓިކް އައްޑަނައިގެ ސަބަބުން އެ އެއްޗެހި ސީދާ ބިމަށް ފައިބައިގެން ނުދާނެތީ އިންސާނުންނަށް ސީދާ ޖިސްމާނީ ނުރައްކަލެއް ނެތެވެ. ނަމަވެސް، މި ރާޅުގައި ހިމެނޭ މެގްނެޓިކް ބާރުތަކުގެ މިސްރާބު ހުރީ ދެކުނަށް ކަމަށްވާތީ، ދުނިޔޭގެ އުތުރަށް ހުންނަ މެގްނެޓިކް ބާރާ ސީދާ ދިމާވުމުން ދުނިޔޭގެ ދިފާޢީ އައްޑަނައިގެ ރޮނގުތައް ވަގުތީގޮތުން "ހުޅުވި"، މި ހަކަތަ ޖައްވުގެ ތެރެއަށް ވަދެގެންދެއެވެ. މިއީ އުޑުމަތިން ރީތި ކުލަތައް އުފެދެން ދިމާވާ ސަބަބެވެ.
މީގެ ކުރިންވެސް އިރުން ބައެއް ގޮވުންތައް ގޮވާފައިވާއިރު، އެ ރާޅުތަކުގެ ބާރުތައް އަދިވެސް ޖައްވުގައި އެބަހުއްޓެވެ. ފަހުން އުފެދުނު މި ބާރުގަދަ ރާޅު، ކުރީގެ ރާޅުތަކާ އަރާ ހަމަކޮށް އެއްވެއްޖެ ނަމަ، މި ސޯލާ ތޫފާނުގެ ބާރުގަދަކަން މިހާރު ލަފާކުރާ ވަރަށްވުރެ މަތިވުން އެކަށީގެންވެއެވެ.
މި ތޫފާނުގެ ހަގީގީ ނުރައްކާތެރިކަން ސައިންސްވެރިންނަށް ކަށަވަރުވާނީ، ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގައި ބެހެއްޓިފައިވާ ސެޓެލައިޓްތަކާ ހަމައަށް މި ރާޅު ފޯރުމުންނެވެ. އެއީ ދުނިޔޭގެ ބިމަށް މީގެ އަސަރު ކުރަން ފެށުމުގެ 15 މިނެޓާއި 60 މިނެޓާ ދެމެދުގެ ވަގުތެކެވެ. އެހާތަނަށް ސައިންސްވެރިން ތިބީ ދިރާސާކުރުންތަކާއެކު ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.





