ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފަލަކް ޝައްބީރު، ވަނީ ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒަށް އަމާޒުކޮށް، އާންމު ތަންތަނުގައި ހެދުން އެޅުމާ ބެހޭ ޤާނޫނެއް އެކުލަވާލުމަށް ގޮވާލައިފިއެވެ.
ފަލަކް ޝައްބީރު އޭނާގެ އިންސްޓަގްރާމް ސްޓޯރީއެއްގައި މި ގޮވާލުން ގޮވާލީ، ޕަންޖާބު ސަރުކާރުން އެ ޕްރޮވިންސްގައި 'ވޭޕިން' މަނާކުރުމަށް ނިންމި ނިންމުމަށް ތައުރީފު ކުރުމަށްފަހުއެވެ. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ރަނގަޅު ފިޔަވަޅެކެވެ. އެހެންނަމަވެސް، އޭގެ ފަހަތުން އޭނާ ވަނީ ޕާކިސްތާނުގެ އިޖުތިމާޢީ އަދި ސަގާފީ މިންގަނޑުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ދެ އަންހެން ދަރިންގެ ބައްޕައެއްގެ ހައިސިއްޔަތުން، ޗީފް މިނިސްޓަރު މަރްޔަމް ނަވާޒަށް އަހަރެން ވަރަށް އަދަބާއެކު އެދިދަންނަވަނީ އާންމު ތަންތަނާއި، ބާޒާރުތަކާއި، މަގުތަކުގައި ކުރު ހެދުން އަޅާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅުތަކެއް އަޅުއްވައިދެއްވާށެވެ."
ފަލަކް އިތުރަށް ބުނި ގޮތުގައި، މިފަދަ ޤާނޫނެއް ނެތްނަމަ، ޕާކިސްތާނުގެ ސަގާފަތް "ހަލާކުވެގެން ހިނގައިދާނެ" ކަމުގެ ބިރު އެބައޮތެވެ.
ފަލަކްގެ މި ވާހަކަތަކަކީ ޕާކިސްތާނުގެ މީސްމީޑިއާގައި މިހާރު ހޫނު ބަހުސަކަށް ވެފައިވާ މައްސަލައެކެވެ. އެއް ބަޔަކު އޭނާގެ މި ޚިޔާލަށް ތާއީދު ކުރާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ މީހުންގެ އަމިއްލަ މިނިވަންކަމާ ގުޅުންހުރި ކަމެކެވެ.
ޕަންޖާބު ސަރުކާރުން އަދި މިކަމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ޕާކިސްތާނުގެ ސަގާފީ އަގުތައް ހިފެހެއްޓުމާއި، ޒަމާނީ ލިބަރަލް ހިޔާލުތަކާ ދެމެދު އުފެދިފައިވާ މި ފަރަޤަކީ، އެ ޤައުމުގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުގައި އަބަދުވެސް ބަހުސް ކުރެވޭ މުހިންމު މައުޟޫއެކެވެ.



