ޒަޔަނިސްޓް ޖެނޮސައިޑް ޕްރޮޖެކްޓްްގެ ޖާސޫސީ އިދާރާ، މޮސާޑްގެ އާ ވެރިޔާ ރޯމަން ގޮފްމަން، މަޤާމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެ އިދާރާގެ އިސް ސަފުގައި ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ. އީރާނުގެ ސަރުކާރު ވައްޓާލުމަށް ރާވައި، އެ ޕްރޮޖެކްޓްގައި މާތްﷲގެ އިރާދަފުޅުން ޔަހޫދީން ނާކާމިޔާބުވުމާ ގުޅިގެން، ގޮފްމަން ވަނީ އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު މަޤާމުން ވަކިކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ނާކާމިޔާބީއަކީ މޮސާޑަށް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މިދިޔަ އަހަރު އީރާނުގެ ސަރުކާރު ވައްޓާލުމުގެ އޮޕަރޭޝަނަށް އެތައް ސަތޭކަ ޖާސޫސުންނާއި، އެއް ބިލިއަން ޝެކެލްގެ ބޮޑު ބަޖެޓެއް ވަނީ ހޭދަކޮށްފައެވެ. ނަމަވެސް، އެ މަސައްކަތް އެއްވެސް ކާމިޔާބަކާ ނުލައި ނިމިގެން ދިޔުމަކީ އިޒްރޭލުގެ ޖާސޫސީ ނިޒާމަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ގޮފްމަން މޮސާޑްގެ ވެރިކަމާ ރަސްމީކޮށް ހަވާލުވި ނަމަވެސް، އޭގެ ކުރިން މޮސާޑްގެ އިންޓަނޭޝަނަލް ރިލޭޝަންސް ބްރާންޗުގެ ވެރިޔާ ވެސް ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީފައެވެ. މި ބަދަލުތަކުން ދޭހަވަނީ މޮސާޑްގެ އިސް އޮފިޝަލުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ކަމާއި، ކުރިއަށް އޮތް ތަނުގައި އިތުރު އޮފިޝަލުންތަކެއް މަޤާމު ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމެވެ.
މަޤާމުން ވަކިކުރި ޑެޕިއުޓީ ޑިރެކްޓަރުގެ ނަން ހާމަކޮށްފައި ނުވާއިރު، އޭނާ ފާހަގަކޮށްފައިވަނީ ހަމައެކަނި "އޭ" އަކުރުންނެވެ. ޑިރެކްޓަރު ގޮފްމަން އާންމުކުރި ބަޔާނެއްގައި، "އޭ" ގެ 22 އަހަރުވީ ޚިދުމަތަށް ތައުރީފު ކުރި ނަމަވެސް، މި ފިޔަވަޅު އެޅީ އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަންގެ ނަތީޖާ "ޤަބޫލުކުރެވޭ ވަރަށްވުރެ ދަށް" ވުމުން ކަމަށް ބެލެވެއެވެ.
މި ހާދިސާއަކީ ޖާސޫސީ ދުނިޔޭގައި އިޒްރޭލުގެ އިތުބާރަށް ހީނަރުކަމެއް އައިސްފައިވާ ކަމުގެ ނިޝާނެކެވެ.





