އަންހެން ޑޮކްޓަރަކަށް އެސިޑް ޖެހި މައްސަލަ

ބަލޫޗިސްތާންގެ ކުއެޓާގައި ހުންނަ ސަންޑަމަން ޕްރޮވިންޝަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެން ޑޮކްޓަރަކަށް އެސިޑް ޖަހައި އަނިޔާވެރިކޮށް ދިން ހަމަލާ އަށްފަހު، އެ ޑޮކްޓަރުގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލްގެ މަސްދަރުތަކުން ބުނެފިއެވެ. ޑޮކްޓަރު މާހްނޫރު ނާޞިރަށް ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން، އޭނާ އެއާ އެމްބިއުލާންސެއްގައި ކަރާޗީއަށް ގެންގޮސް ޚާއްޞަ ފަރުވާ ދޭން ފަށާފައިވެއެވެ.

މާހްނޫރަށް ލިބުނު އަނިޔާތަކުގެ ތަފްސީލު:

  • ހަށިގަނޑުގެ 13 އިންސައްތަ ވަނީ ފިހިފައެވެ.
  • މޫނާއި، ބަނޑު، ފައި އަދި ކަނާތު އަތަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ.
  • ލޮލަށް އެސިޑްގެ އަސަރުކޮށްފައި ވީނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ފެނުމަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބަލޫޗިސްތާންގެ ހެލްތު މިނިސްޓަރު ބަޚްތު ކާކަރު ވިދާޅުވީ، ހަމަލާ ދިން ހުމާޔޫން ޝާހު ނަމަކަށް ކިޔާ މީހާ، ވޭތުވެދިޔަ އެތައް މަހެއް ވަންދެން އެ ޑޮކްޓަރުގެ ފަސްފަހަތުން ހިތާވާން އުޅެ އުނދަގޫކޮށް ބިރުދައްކަމުން ދިޔަ ކަމަށެވެ. އެ މީހާގެ ފޯނުން އެކަމުގެ ހެކިތައް ފެނިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިވިލް ލައިންސް ޕޮލިސް ސްޓޭޝަނުން މި މައްސަލަ ފައިލްކޮށްފައިވާއިރު، ފުލުހުން ބުނީ ތުހުމަތު ކުރެވޭ ހުމާޔޫން ޝާހު، އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ހިނގި ކުރިމަތިލުމެއްގައި މިހާރު ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގި ވަގުތު، ޑޮކްޓަރު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އަބްދުއްރައްޒާޤް ތާރީން ނަމަކަށް ކިޔާ ހޮސްޕިޓަލްގެ މުވައްޒަފަކު ވެސް ވަނީ އެސިދް ޖެހިގެން ފިހިފައެވެ. ބަލޫޗިސްތާންގެ ޗީފް މިނިސްޓަރު ސަރްފްރާޒް ބުގްތީ ވަނީ އެ މުވައްޒަފުގެ ހިތްވަރަށް ތައުރީފުކޮށް، އޭނާގެ ފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓާނެ ކަމަށް ވައުދުވެފައެވެ.

އަނެއްކޮޅުން، މި ހާދިސާއާ ގުޅިގެން ބަލޫޗިސްތާންގެ ޒުވާން ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ހޮސްޕިޓަލްތަކުގައި އަންހެން ޑޮކްޓަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި، ކުއްލި ހާލަތް ފިޔަވައި އެހެނިހެން ޚިދުމަތްތައް ހުއްޓާލައި މުޒާހަރާކުރަން ފަށާފައެވެ.

ހިއްސާ ކުރައްވާ!