ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ލުބުނާނުގެ ވެރިރަށް ބޭރޫތަށް ދިން ވައިގެ ހަމަލާތަކާ މެދު "އުފާފުޅުނުވާ" ކަމަށާއި، އެއީ އެމެރިކާއާ އެއްވެސް ވަރަކަށް ކޯޑިނޭޓްކޮށްގެން ދިން ހަމަލާތަކެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހާރު ދަނީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމާއި އީރާނާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ކުޑަކުރުމަށް ބާރުއަޅުއްވަމުންނެވެ.
"ފޮކްސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ސުލްހައިގެ މަޝްވަރާތަކަށް ހީނަރުކަން އަންނާނެ ކަމަށެވެ. ނަމަވެސް، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ގާތްވެފައި. އަޅުގަނޑު ހީކުރީ ކުރިއަށް އޮތް ހޯމަ، އަންގާރަ ނުވަތަ ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް. އެކަމަކު އެ ހިސާބުން މިކަން މި ދިމާވީ،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވަނީ އީރާނަށް އިލްތިމާސްކުރައްވައި އަލުން މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ގޮވާލައްވާފައެވެ.
"ތިޔަބޭފުޅުންގެ މިސައިލްތައް ފޮނުވާލެވިއްޖެ، އެވަރުން ފުދިއްޖެ. ދެން އެނބުރި މޭޒަށް ވަޑައިގަންނަވާ، އެއްބަސްވުމެއް ޤާއިމުކުރައްވާ،" ޓްރަމްޕް ވިދާޅުވިއެވެ.
"ފެހި ސިގްނަލެއް" ނުދެން: އެމެރިކާގެ ދިފާޢު
މީގެ ކުރިން "އެކްސިއޯސް" ވެބްސައިޓުން އެމެރިކާގެ އޮފިޝަލަކާއި އިތުރު މަޞްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޭރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށް ހަމަލާދިނުމުގެ ކުރިން ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން އޮތީ ޓްރަމްޕްގެ ސަރުކާރަށް އެކަން އަންގާފައެވެ. އަދި ވޮޝިންގްޓަނުން ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ އަމިއްލަ ދިފާޢުގެ ޙައްޤަށް ތާއީދުކުރާ ކަމަށާއި، ހަމަލާތައް ކުރިއަށްދަނީ ހިޒްބުاللهގެ ސަބަބުން ކަމަށް ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ނަމަވެސް، ފަހުން އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ވައިޓް ހައުސްއިން ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމަށް ބޭރޫތަށް ހަމަލާދޭން އެއްވެސް "ފެހި ސިގްނަލެއް" ނުދޭ ކަމަށް ވިދާޅުވެފައެވެ. އަދި އެހެން އޮފިޝަލަކު ވިދާޅުވީ، "އެކަމުގައި އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނެތް" ކަމަށެވެ.
"އެކްސިއޯސް" އަށް ދެއްވި އިތުރު ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ދިން ފަހުގެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން މީގެ ރައްދު ހަމަލާއެއް ނުދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާއާއި އީރާނާ ދެމެދު ފައިނަލް އެއްބަސްވުމަކަށް އައުމަށް "ވަރަށް ބޮޑަށް ގާތްވެފައިވާ" ކަމަށެވެ. "އެއީ ވަރަށް ރަނގަޅު އެއްބަސްވުމަކަށް ވާނެ. މިހާރު މި ހިނގާ ކަންތައްތަކުގެ ސަބަބުން އެ އެއްބަސްވުން ރޫޅިގެންދާކަށް އަޅުގަނޑު ބޭނުމެއް ނޫން."
ޓްރަމްޕް ވަނީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި ،"މިހާރުން މިހާރަށް" ރައްދު ހަމަލާ ނުދިނުމަށް އަމުރުކޮށްފައެވެ.
"ކޮންމެ ފަރާތަކުންވެސް ކުރަން ބޭނުންވި ކަންތައް ކޮށްފި. އިސްރާއީލުން ހަމަލާދީފި، އީރާނުންވެސް ހަމަލާދީފި. ދެން އިތުރު ހަމަލާއެއް ބޭނުމެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ. އިތުރު ރައްދު ހަމަލާއެއް ދީފިނަމަ، ހަމަލާތަކުގެ ނުބައި ބުރު އެނބުރެމުންދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އީރާނުގެ ބިރުވެރި އިންޒާރު
އަނެއްކޮޅުން، އީރާނުގެ އިންޤިލާބީ ގާޑުން ވަނީ އިސްރާއީލުން ލުބުނާނުގެ ދެކުނަށާއި ބޭރޫތަށްދޭ ހަމަލާތައް ކުރިއަށްގެންދާ ނަމަ، ނުވަތަ އީރާނަށް ރައްދު ހަމަލާއެއް ދީފިނަމަ، މާ ވަރުގަދަ އަދި ސުންނާފަތިކޮށްލާ ފަދަ ހަމަލާތަކެއް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމަށް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭރޫތަށް ދޭ ހަމަލާތައް ފުޅާކޮށްފިނަމަ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ އެތެރޭގެ ސަރަޙައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ކުރިންވެސް ދީފައިވާނެ ކަމަށެވެ. އަދި އީރާނުން ވަނީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ "ރާމާތު ދާވްއިދު" އެއާބޭހަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީ، އެއީ ހަމައެކަނި "އިންޒާރެއް" ކަމަށް ބުނެފައެވެ.
އީރާނުން އިތުރަށް ބުނި ގޮތުގައި، ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން މަސްރަޙު އިތުރަށް ގޯސްކޮށްފިނަމަ، އެ ސަރަޙައްދުގައި ހުރި އެމެރިކާއާއި ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ ހުރިހާ އަމާޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެއެވެ. އަދި ސުލްހަވުމުގެ ޝަރުޠަކީ ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުން ކަމަށާއި، އެމެރިކާއާއި އިސްރާއީލުން ވީ ވައުދުތަކާ ޚިލާފުވެފައިވާ ކަމަށްވެސް އީރާނުން ތުހުމަތުކުރެއެވެ.






