އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަޝްހޫރު ޓީވީ ނެޓްވޯކް އެންބީށި އަށް ދެއްވަމުން ގެންދެވި އިންޓަވިއުއެއްގައި ކޯފާގަދަވެ، ކުއްލިގޮތަކަށް އިންޓަވިއު ހުއްޓާލެއްވުމަށްފަހު ވަޑައިގެންފިއެވެ.
އާދިއްތަ ދުވަހު ދެއްކި އެ ނެޓްވޯކްގެ މީޓް ދަ ޕްރެސް ޕްރޮގްރާމްގައި ޓްރަމްޕް ކޯފާވީ، ޕްރޮގްރާމްގެ ހޯސްޓް ކްރިސްޓަން ވެލްކާ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތަކާ ބެހޭގޮތުންނާއި، ބައިޑަންގެ ސަރުކާރުގައި ދަޢުވާލިބުނު ފަރާތްތަކަށް ބަދަލުދޭން ހިންގަން އުޅުނު ފަންޑާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ.
އިންޓަވިއު ހޫނުވެ، ޒުވާބަކަށް ބަދަލުވި ދަނޑިވަޅުގައި ޓްރަމްޕް ވަނީ މޫނުމަތިން ނުރުހުންތެރިކަން ދައްކަވައި، މީޑިއާއަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
"މިހިސާބުން މިކަން ނިންމާލަމާ، އަހަރެން މިހުރީ ފޫހިވެފައި (އެވަރުން ފުދިއްޖެ). ޝުކުރިއްޔާ ލޯބިވާ." ޓްރަމްޕް ވިދާޅުވިއެވެ.
މި ޒުވާބު ހޫނުވާން މެދުވެރިވި އެއް ސަބަބަކީ، ބައިޑަންގެ ވެރިކަމުގައި ޖަސްޓިސް ޑިޕާޓްމަންޓުން ސިޔާސީގޮތުން އަމާޒުކޮށް، ދަޢުވާ އުފުލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ ފަރާތްތަކަށް ބަދަލުދިނުމަށް ހެދި އެންޓި-ޕޮލިޓިސައިޒޭޝަން ފަންޑު އެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ 2021 ޖެނުއަރީ 6 ގައި ކެޕިޓަލް ހިލްއަށް ވަދެގަތް މީހުންނާއި އޭނާގެ އެހެން ބައެއް ބައިވެރިންނަށް ބަދަލުދޭން ކޮންގްރެސްއިން 1.776 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރުމަށެވެ.
"އަހަރެންގެ ބާރު ހިނގާނަމަ، އެމީހުންނަށް ޙައްޤުވާ ފައިސާ އަހަރެން ދޭނަން. އެތައް ބައެއްގެ ދިރިއުޅުން ވަނީ ސުންނާފަތިވެފައި. ކިތައް މީހުން އަމިއްލައަށް މަރުވެއްޖެތޯ ވިސްނާލާ،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، މި ޕްލޭނަކީ ބޮޑު ސިޔާސީ އަދި ޤާނޫނީ ޚިޔާލުތަފާތުވުމެއް އުފެދި، ފެޑެރަލް ކޯޓަކުން ވަގުތީގޮތުން ހުއްޓުވާފައިވާ މަޝްރޫޢެކެވެ. ރިޕަބްލިކަން ޕާޓީގެ އެތެރޭގައިވެސް މީގެ ސަބަބުން ތާއީދު ކުޑަވުމުން، ޖަސްޓިސް ޑިޕާޓްމަންޓްގެ އެކްޓިން މިނިސްޓަރު ޓޮޑް ބްލާންޗް ވަނީ މި ހަފުތާގައި އެ މަޝްރޫޢު ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އިންޓަވިއުގައި ޓްރަމްޕް ވަނީ އެކަން ޤަބޫލުނުކުރައްވައި، ފަންޑު ފާސް ނުވެއްޖެނަމަ "މާޔޫސްވާނެ" ކަމަށް ވިދާޅުވެފައެވެ.
އިންޓަވިއުގެ އެންމެ ހޫނުވި އަނެއް ދަނޑިވަޅަކީ، 2020 ގެ އިންޚާބު އޮޅުވާލި ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް "ހެކި" އެއް ހުށަހެޅިފައިވޭތޯ އެންކަރު ސުވާލުކުރި ވަގުތެވެ. ޓްރަމްޕް ވަނީ ކޯފާވެ، ސީދާ އެންކަރާ ދިމާއަށް ރައްދުދެއްވަމުން، "އެއްގޮތަކީ ތިޔައީ ކޮރަޕްޓް މީހެއް، ނޫނީ މޮޔައެއް،" ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އެފްބީއައި އިން އޭނާގެ މާރއާލާގޯ ގޭގެ ބަލައި ފާސްކުރި ކުރުމަކީވެސް ބައިޑަންގެ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.
އިންޓަވިއު މެދުކަނޑާލައި، ގޮނޑިން ތެދުވެވަޑައިގަންނަވަމުން ޓްރަމްޕް ވަނީ އެންބީސީ އަކީ ވަކި އަތަކަށް ޖެހިފައިވާ ނެޓްވޯކެއް ކަމަށް ބުނެ ހަމަލާދީފައެވެ.
"ތިޔައީ ވަކިފަރާތަކަށް ޖެހިފައިވާ، ކޮރަޕްޓް ނެޓްވޯކެއް. ދެރަ!. މިހިސާބުން މިކަން ނިންމާލަމާ، އަހަރެން މިހުރީ ފޫހިވެފައި. ޝުކުރިއްޔާ ލޯބިވާ، އުފާވެރި ވަގުތަކަށް އެދެން،" ވެލްކާއާ ދިމާއަށް ޓްރަމްޕް ވިދާޅުވިއެވެ.






