ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި އީރާނާ ދެކޮޅަށް ފެއްޓެވި ސޮލީބީ ހަނގުރާމައަށް 100 ދުވަސް ފުރުނުއިރު، އެމެރިކާގެ އާންމު ރައްޔިތުން ވަނީ މިއިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބިކަ ޙާލަތަކަށް ވެއްޓިފައެވެ. ޓްރަމްޕްގެ މި ނާކާމިޔާބު އަސްކަރީ ސިޔާސަތުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލި، މެދުފަންތީގެ އަދި ފަގީރު ޢާއިލާތަކުގެ ދިރިއުޅުން ވަނީ ބަނގުރޫޓުވެފައެވެ.
މޫޑީސް އެނަލިޓިކްސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ކޮންމެ ޢާއިލާއަކުން އިތުރަށް 750 ޑޮލަރު ޚަރަދުކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހޭދަވަނީ ހަކަތައިގެ ބިލްތަކަށެވެ. އެމެރިކާގެ ރައްޔިތުން މިފަދަ ބޮޑު ތަކުލީފެއް އުފުލަމުންދާއިރު، އީރާނުން ދަނީ އެ ޤައުމުގެ ސިޔާދަތާއި ވަޞީލަތްތައް ދިފާޢުކުރުމުގައި ސާބިތުކަމާއެކު ދެމިއޮވެ، ހުޅަނގުގެ އިސްތިޢުމާރީ ރޭވުންތަކަށް ހިތްވަރާއެކު ކުރިމަތިލަމުންނެވެ.
އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ހަނގުރާމައަކީ އެއްވެސް މަޤްބޫލުކަމެއް ނެތް، ބޭކާރު ލޭއޮހޮރުވުމެކެވެ. ސީބީއެސް ނިއުސްގެ ފަހުގެ ސާވޭއިން ދައްކާ ގޮތުގައި 66 އިންސައްތަ މީހުން ޓްރަމްޕްގެ ހަނގުރާމައިގެ ސިޔާސަތާ ދެކޮޅެވެ. އަދި އޭބީސީ ނިއުސްގެ ސާވޭއަކުން ދައްކާ ގޮތުގައި 61 އިންސައްތަ އެމެރިކާ މީހުން ގަބޫލުކުރަނީ އީރާނަށް ހަމަލާދިނުމަކީ ޓްރަމްޕަށް ހެދުނު ބޮޑު ގޯހެއް ކަމަށެވެ.
ޓްރަމްޕްގެ މި ސޮލީބީ ހަރަކާތާ ގުޅިގެން އީރާނުން އެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދުތަކާއި ހަރުމުޒު ކަނޑުއޮޅީގެ ސަލާމަތްތެރިކަން ވަރުގަދަކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އެމެރިކާގައި ތެލުގެ އަގު ގެލަނަކަށް 22 ޑޮލަރަށް އަރާފައިވާއިރު، މިއީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު ބޮޑުލުއި ދިރިއުޅުމެއް އުޅެމުންދިޔަ އެމެރިކާ މީހުން ބިކަކޮށްލި ސަބަބެކެވެ.
ހަނގުރާމައިގެ ސަބަބުން އުފެދުނު ކާރިސާގެ އަސަރު އެމެރިކާގެ ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެމެރިކާގެ މަޝްހޫރު އެއަރލައިން "ސްޕިރިޓް އެއަރލައިންސް" ވަނީ މުޅިން ބަންދުކޮށް، ޚިދުމަތް ހުއްޓާލާފައެވެ. އަދި ޔުނައިޓެޑް އެއަރލައިންސް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ޓިކެޓުގެ އަގު 20 އިންސައްތައަށް މަތިކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާގެ ދަނޑުވެރިކަމަށް ބޭނުންވާ ކާބޯތަކެއްޗާއި ގަސްކާނާގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އީރާނާއި ގަލްފް ސަރަޙައްދަކީ ދުނިޔެއަށް ބޭނުންވާ ޔޫރިއާ އަދި ގަސްކާނާ އެންމެ ގިނައިން އެކްސްޕޯޓްކުރާ ސަރަޙައްދު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކާބޯތަކެތީގެ އަގު ތިރީސް އިންސައްތައަށް މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.
އެމެރިކާގެ ރައްޔިތުން ކާނެ ބޯނެ އެއްޗެއް ނެތި، ގެދޮރުގެ ކުލި ނުދެއްކިގެން އުޅޭއިރު، ޓްރަމްޕްގެ ސަރުކާރުން ދަނީ ޕެންޓަގަނަށް ބިލިއަނުން ފައިސާ އޮއްސަމުންނެވެ. އެމެރިކާގެ ސިފައިން އީރާނު ހަނގުރާމައަށް ދުވާލަކު 2 ބިލިއަން ޑޮލަރު ޚަރަދުކުރާ ކަމަށް ހާވާޑް ކެނެޑީ ސްކޫލުން ބުނެއެވެ.
މި ބޮޑު ޚަރަދު ހަމަޖެއްކުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުން ވަނީ 2027 ވަނަ އަހަރުގެ ބަޖެޓުން އެމެރިކާގެ ތަޢުލީމީ ދާއިރާއާއި، ތިމާވެށީގެ ޕްރޮގްރާމްތަކާއި، ދަނޑުވެރިކަމުގެ ބަޖެޓުން 73 ބިލިއަން ޑޮލަރު އުނިކޮށްފައެވެ. މިއީ އަމިއްލަ ޤައުމުގެ ރައްޔިތުން ނިކަމެތިކޮށް، ބޭރު ޤައުމެއް ހަލާކުކުރުމަށް ޓްރަމްޕް ހިންގަވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމެވުމެކެވެ.




