"ނޯ އެންޓްރީ" ގެ ސީކުއަލް ހެދުމަށް ތައްޔާރުވަމުންދަނީ

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަން އިންޑިއާގެ ނަންމަޝްހޫރު ޑިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ވާހަކަތަކުގެ ޙަޤީޤަތް މިހާރު މިވަނީ ޑިރެކްޓަރުގެ ބަހުން ސާފުވެފައެވެ.

ހިންދުސްތާން ޓައިމްސް ނޫހަށް ދިން ބަސްދީގަތުމެއްގައި އަނީސް ބަޒްމީ ބުނީ، ބައެއް ފިލްމުތައް ވަރަށް އަވަހަށް އުފެއްދޭ ކަމަށާއި ނަމަވެސް ބައެއް ފިލްމުތައް ހެދުމަށް ދިގު މުއްދަތެއް ނަގާ ކަމަށެވެ. އެހެންނަމަވެސް، އޭގެ މާނައަކީ އެ ފިލްމެއް ނުހެދުން ނޫން ކަމަށާއި، އެމީހުންގެ މުޅި ޓީމުގެ އަމާޒަކީ "ނޯ އެންޓްރީ 2″ ކޮންމެހެންވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ.

އަނީސް ބަޒްމީ އިތުރަށް ބުނި ގޮތުގައި "ނޯ އެންޓްރީ" އަކީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި ޑިރެކްޓްކުރި އެންމެ މޮޅު އަދި އޭނާގެ ހިތާ އެންމެ ކައިރި އެއް ފިލްމެވެ.

ބޮލީވުޑްގެ ފަންނާނުންގެ ބޮޑު ކާސްޓެއް ފެނިގެންދިޔަ "ނޯ އެންޓްރީ" ސިނަމާތަކަށް ރިލީޒްކުރީ 2005ގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ފިލްމަކީ އެ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދިޔައީ ސަލްމާން ޚާން، އަނިލް ކަޕޫރު، ފަރްދީން ޚާން، ބިޕާޝާ ބާސޫ، ލާރާ ދައްތާ އަދި އީޝާ ޑިއޯލް ފަދަ ތަރިންނެވެ. މި ފިލްމުގެ އާ ބައިން ފެނިގެންދާނީ ކޮން ތަރިންނެއް ކަމެއް ޑިރެކްޓަރު އަދި ހާމައެއް ނުކުރެއެވެ.

ހިއްސާ ކުރައްވާ!