ޑޮކްޓަރު ޙުޞާމް އަބޫ ޞަފިއްޔާގެ ހިތްދަތި ވާހަކަ

ފަލަސްޠީނުގެ އުތުރު ޣައްޒާގެ ކަމާލް ޢަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު، ޑޮކްޓަރު ޙުޞާމް އަބޫ ޞަފިއްޔާ، ޒަޔަނިސްޓު ރެޖީމްގެ ޖަލެއްގެ އެކަހެރި ގޮޅިއެއްގައި ހައްޔަރުކޮށްފައި ހުންނަތާ މިހާރު ވަނީ ދޮޅު އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ހައްޔަރުކުރި ފަހުން، އާއިލާއާ އެއްވެސް ގުޅުމެއް ނެތި، ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ.

ޒަޔަނިސްޓު ރެޖީމްގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާއާ ދެކޮޅަށް ސިއްރު ފައިލެއް ހުށަހަޅާފައެވެ. އެ ފައިލުގައި ބުނެފައިވަނީ ޑޮކްޓަރު ޙުޞާމަކީ ޒަޔަނިސްޓު ރެޖީމްގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލު ނާޞިރު އަބޫ ޢައުދާ ބީބީސީއަށް މަޢުލޫމާތު ދެމުން ބުނީ، މި މައްސަލައިގެ ތަފްސީލު ހާމަކުރުން ޒަޔަނިސްޓު ރެޖީމް ސަރުކާރުން މަނާކޮށްފައިވާ ކަމަށެވެ.

ބޭހުން މަޙްރޫމްވެފައި

ވަކީލު ހާމަކުރި ގޮތުގައި ޑޮކްޓަރު ޙުޞާމް ހައްޔަރުކޮށްފައިވަނީ "ޣައިރު ޤާނޫނީ ހަނގުރާމަވެރިއެއް" ގެ ގޮތުގައެވެ. މިއީ އެއްވެސް ޝަރީޢަތަކާ ނުލައި، މުއްދަތެއް ނެތް ގޮތަށް މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ޒަޔަނިސްޓު ރެޖީމުން ބޭނުންކުރާ ޤާނޫނެކެވެ.

އެންމެ ކަންބޮޑުވާ ކަމަކީ، ޑޮކްޓަރު ޙުޞާމަކީ ދާއިމީ ބަލިތަކަކަށް ބޭސް ބޭނުންކުރާ މީހަކަށް ވެފައި، ފަހަކަށް އައިސް އޭނާއަށް ބޭސް ފޯރުކޮށްދިނުން ޒަޔަނިސްޓު ރެޖީމުން މަނާކޮށްފައިވުމެވެ. އަދި ދާދިފަހުން އޭނާ ނަފްޙާ ޖަލުގެ އެކަހެރި ގޮޅިއަކަށް ބަދަލުކުރުމާ ގުޅިގެން، އޭނާގެ ޙާލަތާ ބެހޭ އެއްވެސް މަޢުލޫމާތެއް މިހާރު ލިބެމުން ނުދާ ކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނެއެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މި ޖޫން މަހުގެ 10 ވަނަ ދުވަހު އިސްރާއީލުގެ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

"ޝަހީދަކަށް ފޮނުވި ސިޓީ"

މި ހިތްދަތި ވާހަކައިގެ ތެރެއިން އެންމެ އަސަރުގަދަ ޚަބަރެއްގެ ގޮތުގައި މީޑިއާތަކަށް ތިލަވީ، މީގެ 2 މަސް ކުރިން ޖަލުން މިނިވަންވި އަސީރެއްގެ އަތުން ޑޮކްޓަރު ޙުޞާމް އޭނާގެ އާއިލާއަށް ފޮނުވި ކުރު ސިޓީއެކެވެ. އެ ސިޓީގައި އޭނާ ވަނީ އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އައްޝަރީފަށް މެސެޖެއް ރައްދުކޮށްދިނުމަށް އެދިފައެވެ. ޖަލުގެ އަސީރުންގެ ވޭނާއި ކެކުޅުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެހީތެރިވުމަށް އެދިއެވެ.

ނަމަވެސް، އެކަހެރި ގޮޅީގައި ދުނިޔެއާ މުޅިން ވަކިވެފައި ހުރި ޑޮކްޓަރު ޙުޞާމަށް އެނގިފައި ނެތް ކަމަކީ، ނޫސްވެރިޔާ އަނަސް އައްޝަރީފް މީގެ މަސްތަކެއް ކުރިން އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދު ކޮށްފައިވާ މީހެއް ކަމެވެ. މި ޚަބަރު ސޯޝަލް މީޑިއާގައި ފެތުރުމާއެކު ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލިއެވެ. މިއީ "ކޮޅެއްނެތް ބިރުވެރިކަމެއްގެ ތެރޭގައި ހުރި އަސީރަކު، ދުނިޔެ ދޫކޮށްފައިވާ ޝަހީދެއްގެ ކިބައިން އުންމީދު ހޯދުން" ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

"ޣައްޒާގެ އަބޫޤްރާޠު"

ޑރ. ހުސާމަކ އެކަހެރި ޖަލު ގޮޅިތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ އެތައް ހާސް އަސީރުންނެއްގެ ޙާލަތު ބަޔާންކޮށްދޭ ލޯގަނޑެކެވެ.

ޑޮކްޓަރު ޙުޞާމް އަބޫ ޞަފިއްޔާއަކީ ޣައްޒާގެ އުތުރުގައި ހުރި އެންމެ ފަހުގެ ބޮޑު ހޮސްޕިޓަލް ހިންގުމުގައި ހުންނެވި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ މާހިރެވެ. ހަނގުރާމައިގެ ނުރައްކާތެރި ދަނޑިވަޅުގައިވެސް ބަލިމީހުން ދޫކޮށްނުލައި ޚިދުމަތްކުރުމުގައި ދެމިހުރުމުން، އޭނާގެ ބައިވެރިންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އޭނާއަށް "ޣައްޒާގެ އަބޫޤްރާޠު" ގެ ލަޤަބު ދިނެވެ.

އޭނާ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޒަޔަނިސްޓު ރެޖީމްގެ ސިފައިން ކަމާލް ޢަދްވާން ހޮސްޕިޓަލަށް ވަދެގަނެ، އެތަން ސުންނާފަތިކޮށްލުމަށްފަހުއެވެ. ޒަޔަނިސްޓު ރެޖީމުން ތުހުމަތުކުރާ ގޮތުގައި އެ ހޮސްޕިޓަލަކީ ޙަމާސްގެ މަރުކަޒެކެވެ. 2025ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖަލުގެ ތެރެއިން އޭނާގެ ވީޑިއޯއެއް ފެނިގެންދިޔައިރު، އޭނާ ހުރީ ބިޑި އަޅުވާފައެވެ. އެ މަންޒަރަކީ ފަލަސްޠީނުގެ ސިއްޙީ ޚިދުމަތްތެރިންގެ އަގުވައްޓާލުމަށް އިސްރާއީލުން ހިންގާ ލާދީނީ ޢަމަލުތަކުގެ ހެއްކެކެވެ.

ހިއްސާ ކުރައްވާ!