މީގެ 6 އަހަރު ކުރިން، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕާކިސްތާނުގެ ލާހޯރު ސިއާލްކޯޓް ހައިވޭމަތީގައި، އޭނާގެ ކުޑަކުދިންގެ ކުރިމަތީގައި ފަރަންސޭސި ފަތުރުވެރިޔަކު ރޭޕްކުރި ދެ މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ޕާކިސްތާނުގެ ލާހޯރު ހައިކޯޓުން ދަމަހައްޓައިފިއެވެ.
މި ޖަރީމާ ހިންގި ޢާބިދު ޢަލީ އާއި ޝަފްޤަތު ޢަލީގެ މައްޗަށް 2021 ވަނަ އަހަރުގެ މާޗް މަހު ދަށު ކޯޓުން އިއްވި މަރުގެ ޙުކުމް އިސްތިއުނާފު ކުރުމުން، ލާހޯރު ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ ސައްޔިދު ޝަހްބާޒް ޢަލީ ރިޒްވީ އަދި ޠާރިޤް މަޙްމޫދު ބާޖުވާ ވަނީ އެމީހުންގެ އިލްތިމާސް ބާތިލުކޮށް، ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ.
ތަޙުޤީޤު އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރެއެއްގެ ދަންވަރު، އުމުރުން 32 އަހަރުގެ ޕާކިސްތާނު ނަސްލުގެ ފަރަންސޭސި އަންހެން މީހާ ދަތުރުކުރި ކާރުގެ ތެޔޮ ހުސްވެގެން މަގުމައްޗަށް ހުއްޓުނެވެ. އޭނާ އެހީތެރިކަމަށް އެދި ފޯނުން ގުޅަން ހުއްޓާ، އެ ސަރަހައްދަށް އައި މި 2 މީހުން ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލައި، އަންހެން މީހާ އާއި އޭނާގެ ކުޑަކުދިން ކާރުން ބޭރަށް ދަމާނެރެ، ކައިރީގައި އޮތް ދަނޑަކަށް ގެންގޮސް ކުދިންގެ ކުރިމަތީގައި އެ އަންހެން މީހާ ރޭޕްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މުޅި ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް ހިނގައި، ކުށްވެރިންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލިއެވެ. އާންމުންގެ ރުޅި އިތުރަށް ގަދަވެގެންދިޔައީ، ލާހޯރުގެ އޭރުގެ ފުލުހުންގެ ވެރިޔާ، އަނިޔާލިބުނު އަންހެން މީހާއަށް ފާޑުކިޔައި ވާހަކަދެއްކުމުންނެވެ.
އޭނާ ބުނެފައިވަނީ "ފިރިހެނެއްގެ ރައްކާތެރިކަމާ ނުލައި" ދަންވަރު އެކަނި ދަތުރުކުރުމަކީ އެ އަންހެން މީހާގެ ކުށެއް ކަމަށާއި، އޭނާ ޕާކިސްތާނުގެ މުޖުތަމަޢަކީ ފަރަންސޭސިވިލާތް ފަދަ އަމާން ތަނެއް ކަމަށް ހީކުރީ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ވެރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
މި ހާދިސާގެ ސަބަބުން ޕާކިސްތާނުގެ ސަރުކާރަށް ޤާނޫނުތައް ހަރުކަށިކުރަން މަޖުބޫރުވިއެވެ. އެގޮތުން، ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ބެލުމަށް ޚާއްޞަ ކޯޓުތަކެއް އުފެއްދުމާއި، ތަކުރާރުކޮށް ރޭޕްކުރާ ކުށްވެރިން "ކެމިކަލް ބޭނުންކޮށްގެން ޖިންސީ އެދުންވެރިކަން ދާއިމީކޮށް ކަނޑުވާލުމަށް ހޯޖާ ކުރުމަށް އޭރުގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ސަރުކާރުން ގާނޫން ފާސްކުރިއެވެ.
މި 6 އަހަރުވީ ދިގު މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމަކީ ޕާކިސްތާނުގައި އަންހެނުންގެ ޙައްޤުތަކާއި ރައްކާތެރިކަމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.




