ފާއިތުވި 10ވަރަކަށް އަހަރުގެ ތެރޭގައި ބަންގްލަދޭޝްއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހިަމަބިހި ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދު 600އިން މައްޗަށް އަރައިފިއެވެ. އެ ޤައުމުގެ ހެލްތު ސާވިސަސްގެ ޑިރެކްޓަރޭޓް ޖެނެރަލުން ހާމަކުރި ގޮތުގައި، ދާދިފަހުން އިތުރު 7 ކުދިން މަރުވުމާއެކު، ބަލީގައި މަރުވި ކުދިންގެ ޖުމްލަ އަދަދު މިހާރު ވަނީ 600 އެކަކަށް އަރާފައެވެ. މީގެ ތެރެއިން 90 ކުދިން ސީދާ ހިަމަހި ބަލީގައި މަރުވިއިރު، 511 ކުދިން މަރުވީ ހިަމަހީގެ ސަބަބުން ކުރިމަތިވި އެހެނިހެން ސިއްޙީ ނުރައްކާތަކާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ސިއްޙީ ވުޒާރާއިން ބުނާގޮތުގައި، މި އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު މި ބަލިމަޑުކަން ފުރަތަމަ ފާހަގަކުރެވުނު ފަހުން، ހިަމަހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 60 ހާހަށްވުރެ ގިނަ ކުދިން މިހާތަނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. ބަލި ފެތުރޭ ނިސްބަތް އިންތިހާއަށް މަތވުމާ ގުޅިގެން، އެ ޤައުމުގެ އާ ސަރުކާރުން ވަނީ ކުއްލި ޙާލަތެއްގައި މުޅި ޤައުމުގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިން ކެމްޕޭންގެ ދަށުން އަށާރަ މިލިއަނަށްވުރެ ގިނަ ކުދިންނަށް މިހާރު ވެކްސިން ދެވިފައިވުމުން، ބަލިޖެހޭ ނިސްބަތް މިހާރު ދަނީ ދަށަށް ދަމުންނެވެ. ބަންގްލަދޭޝްގެ ހެލްތު ޑިރެކްޓަރޭޓްގެ މަސްއޫލުވެރިއެއް ކަމަށްވާ ޒާހިދު ރައިހާން ވިދާޅުވީ، ބަލިޖެހޭ އަދަދު މަދުވުމުން މަރުވާ ކުދިންގެ އަދަދުވެސް މަދުވާނެ ކަމަށެވެ. ނަމަވެސް، މި ދުވަސްވަރަކީ ކުޑަކުދިންނަށް ނިއުމޯނިއާ ޖެހުން އާންމު ދުވަސްވަރަކަށް ބެލެވޭތީ، މަރުވާ ކޮންމެ ކުއްޖަކީ ހިަމަބިހީގެ ސަބަބުން މަރުވާ ކުއްޖެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވައިރޮލޮޖިސްޓުން ހާމަކުރި ގޮތުގައި، ބަންގްލަދޭޝްގައި މިފަހަރު ފެތުރެމުންދަނީ ހިަމަހި ވައިރަހުގެ ބާވަތެއް ކަމަށްވާ "B3″ ސްޓްރެއިންއެވެ. މިއީ މީގެ ކުރިންވެސް އެ ޤައުމުގައި އެންމެ ގިނައިން ފެންނަ ވައިރަހުގެ ބާވަތެކެވެ.
ހިަމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އާބާދީގެ 95 އިންސައްތަ މީހުންނަށް ވެކްސިން ދޭންޖެހޭއިރު، މިފަހަރު ބަލި މިހާ ބޮޑަށް ފެތުރެން ދިމާވީ ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް މެދުކެނޑުމެއް އައުމުންނެވެ. ބަންގްލަދޭޝްގައި އެންމެ ފަހުން މުޅި ޤައުމަށް ހުޅުވާލައިގެން ހިމަބިހީގެ ވެކްސިން ދިނީ 2020 ވަނަ އަހަރުއެވެ. 2024 ވަނަ އަހަރު ދޭން ރޭވި ވެކްސިން ޕްރޮގްރާމް މެދުކެނޑުނީ، ޝެއިޚް ޙަސީނާގެ ސަރުކާރު ވައްޓާލުމަށް މުޅި ޤައުމުގައި ހިންގި ވަރުގަދަ ލޭއޮހޮރުވުންތަކުން ފުރިގެންވީ މުޒާހަރާތަކާ ގުޅިގެންނެވެ.




