މާތްވެގެންވާ ބައިތުލްމަޤްދިސް ޒަޔަނިސްޓުންގެ އަތްދަށުން "މިނިވަންކޮށް"، ކުރީގެ އުސްމާނީ ޚިލާފަތުގެ ދުވަސްވަރު އޮތް ގޮތަށް އެ ސިޓީ އަލުން ތުރުކީގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ތުރުކީގެ ދާޚިލީ ވަޒީރު މުޞްޠަފާ ޗިފްޗީ ވިދާޅުވުމުން، އިސްރާއީލުން އެކަމަށް ހޫނު ރައްދެއްދީ، "އުސްމާނީ ޚިލާފަތުގެ ދުވަސްވަރު މާޒީވެ ހިނގައްޖެ" ކަމަށް ބުނެފިއެވެ.
ތުރުކީގެ ވެރިކަންކުރާ އޭކޭޕީ ޕާޓީގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ދާޚިލީ ވަޒީރު ޗިފްޗީ ވިދާޅުވީ، ދިމިޝްޤާއި، ޙަލަބް އަދި ކަރަބާޣު މިނިވަންވި މަންޒަރު ފެނުނު ފަދައިން، މާތްﷲ ގެ އިރާދަފުޅާއެކު ގުދުސް މިނިވަންވާނެ ދުވަސްވެސް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޗިފްޗީ އިޝާރާތް ކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތުރުކީގެ އެހީތެރިކަމާއެކު ސޫރިޔާގެ އަސަދުގެ ސަރުކާރު ވެއްޓި ހާދިސާއަށާއި، އަޒަރުބައިޖާނުން ނަގޯރްނޯ ކަރަބާޣު ހިފި ހާދިސާއަށެވެ.
"އެންމެ ދުވަހަކަށް ނަމަވެސް ގުދުސްގެ ގަވަރުނަރުކަން ދެއްވުމަށް އެދި ދުޢާކުރިން"
މާޒީގައި އެ ބިންތަކަކީ ތުރުކީގެ އިސްތިިޤްލާލުގެ ދަށުގައި ހުރި ތަންތަންކަން ހަނދާންކޮށްދެއްވަމުން ވަޒީރު ޗިފްޗީ ވިދާޅުވީ، އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ބޮޑު އުންމީދެއްގެ ވާހަކައެވެ.
"އެންމެ ދުވަހަކަށް ނަމަވެސް ގުދުސްގެ ގަވަރުނަރުކަން އަހަންނަށް ދެއްވުމަށް އެދި އަހަރެން މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރިން. އަދިވެސް އަހަރެން ގަބޫލުކުރަން މާތްﷲ އަހަރެމެންނަށް އެ ދުވަސް ދައްކަވާނެ ކަމަށް. މާޒީއެކޭ އެއްގޮތަށް އެ ބިންތައް އަލުން އަހަރެމެންގެ ބާރުގެ ދަށަށް ދާނެ،" ޗިފްޗީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ތުރުކީގެ އިސްވެރިއަކަށް ރަޖަބު ޠައްޔިބު އުރުދުޣާން ހުންނެވުމަކީ މިކަން ހާސިލުވުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ. އެކަމަކު އެރުދުޣާން މިއަދާ ހަމައަށް ޤުދުސް މިނިވަން ކުރެއްވުމަށ ްކުރެއްވި މަސައްކަތެއް ކުރެއްވީ ޕޯޑިއަމްގައި މައިކް ބޭނުން ކުރައްވައިގެންނެވެ!
ރައީސް އުރުދުޣާން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ ހިޓްލަރާ އެއްފަދަ މީހެއްގެ ގޮތުގައި ސިފަކުރައްވައި، އިސްރާއީލަކީ ނާޒީ ދައުލަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ތުރުކީން މިހާރު ވަނީ އިސްރާއީލާއެކު ކުރާ ހުރިހާ ވިޔަފާރިއެއް ހުއްޓާލައި، ދެ ޤައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުފަތުރުތައްވެސް މެދުކަނޑާލާފައެވެ.
"ހުވަފެނުން ހޭލާ!" ޔަހޫދީންގެ ރުޅިވެރި ރައްދު
ދާޚިލީ ވަޒީރުގެ މި ވާހަކަތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރުމާއެކު، އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ ވަރަށް ހަރުކަށި ބަޔާނެއް ނެރެފައެވެ. އެ ވުޒާރާއިން ބުނީ "ކޮރަޕްޓްވެފައި އޮތް އުސްމާނީ ޚިލާފަތް އަބަދުގެ އަބަދަށް ނެތިގޮސްފި" ކަމަށާއި، ގުދުސްއަކީ އިސްރާއީލުގެ ދާއިމީ ވެރިރަށް ކަމަށެވެ. އެކަމކު ޔަހޫދީން ބިކަ ވި ދުވަހު އެމީހުންނަށް އުނު އަންނަން ހެދުންދީ ބޮލުން އުކުނު ފިލުވައި ކާދު ބަލީގައި ތިއްބާ ކާން ދިނި އުސްމާނީ ޚަލީފާ ޢަބްދުލްހަމީދު 2 ގެ އަމުރަށެވެ.





