އުމުރުން އެންމެ 7 މަހުގެ ތުއްތު ސާމް ފަހްދު އަބޫ ހައިކަލް ދުނިޔެއަށް ނޭވާލަމުންދިޔައީ ހިނިތުންވުމާއި އުންމީދާއެކުގައެވެ. ނަމަވެސް، ފާއިތުވި ހުކުރު ދުވަހުގެ އިރާކޮޅު، ޒަޔަނިސްޓް ރެޖީމްގެ ރަޙުމެއް ނެތް ޔަހޫދީ ސިފައިންގެ މީހަކު ފޮނުވާލި މަރުގެ ވަޒަން އެ ތުއްތު ފުރާނަ މި ދުނިޔެއިން ވަކިކޮށްލީ މުޅި ފަލ؛ަސްޠީނު ރޮއްވާލަމުންނެވެ. ހުޅަނގު އައްސޭރީގެ ޚަލީލް ސިޓީގައި ހިނގި މި ޖަރީމާއާ ގުޅިގެން، ފަލަސްޠީނުގެ އާއިލާއަށް ކޮންމެ ދުވަހަކު އުފުލަންޖެހިފައިވަނީ ނިމުމެއް ނެތް ނެތް ހިތާމައެވެ.
އެ ރޭ، ސާމް އިނީ އޭނާގެ މައިންބަފައިންނާއި، ބޭބެ އަދި މާމައާއެކު ކާރުގައެވެ. ބައިތުލަހުމްގައި ދިރިއުޅޭ މި އާއިލާ ދަތުރުކުރަމުންދިޔައީ ޚަލީލުގައި ތިބި ތިމާގެ މީހުންނަށް ޒިޔާރަތްކުރާށެވެ. ނަމަވެސް، މަގުމަތިން ބައްދަލުވީ ޒަޔަނިސްޓް ސިފައިންގެ އަނިޔާވެރިކަމާއެވެ.
ޒަޔަނިސްޓް ސިފައިން ބުނަމުންދަނީ ކާރު އެމީހުންނާ ދިމާއަށް ބާރުބާރަށް ދުއްވުމުން ހަމަލާދިނީ ކަމަށެވެ. ނަމަވެސް، ހިތް ހަލާކުވެފައިވާ ބަޕާ، ފަހްދު އަބޫ ހައިކަލް (41 އަހަރު) ނޫހަށް ކިޔައިދިން ގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. އިރުއޮއްސި 7:30 އެހާކަންހާއިރު، އަދި އިރުގެ އަލިކަން ހުއްޓައި، ސިފައިންގެ މީހާ ހުރީ އެމީހުންގެ ކާރާ އެންމެ 10 މީޓަރު ދުރުގައެވެ.
"އޭނާގެ އަމުރަށް އަހަރެން ކާރު އެއްކޮށް ހުއްޓުވިން. އޭނާއަށް އަހަރެން ފެނުނު، އަހަރެންގެ އަންހެނުންނާއި ކުދިން ފެނުނު. މިއީ އާއިލާއެއްކަން ނޭނގޭނެ އެއްވެސް ގޮތެއް ނޯންނާނެ. ނަމަވެސް އެއްވެސް އިންޒާރެއް ނެތި އޭނާ ވަޒަންތައް އޮއްސާލީ،" ރޮމުން ރޮމުން ފަހްދު ކިޔައިދިނެވެ.
މި އަނިޔާވެރި ހަމަލާގައި ތުއްތު ސާމް ވަގުތުން ޝަހީދުވިއެވެ. އަދި އޭނާގެ މަންމަގެ ހިތާ ދިމާލުން ވަޒަނުގެ އެތިކޮޅުތައް ވަދެ، ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފުރާނައާ ހަނގުރާމަކުރަމުންދާއިރު، ބައްޕަވެސް ވަނީ ޒަޚަމްވެފައެވެ.
އިއްޔެ ޚަލީލުގައި ބޭއްވި ޖަނާޒާގައި، ބައްޕަ ފަހްދު އޭނާގެ 7 މަހުގެ ކަފުންކޮށްފައިވާ ކުޑަކުޑަ ދަރިފުޅުގެ ހަށިގަނޑު އަތްމައްޗަށް އުފުލާލައިގެން ހިނގިއިރު، އެ މަންޒަރު ބަލަން ހުރި ކޮންމެ އިންސާނެއްގެ ލޮލުން ކަރުނަ ހިލުނެވެ. ދުނިޔޭގެ އެއްވެސް ކުށެއް ނެތް، ހަތިޔާރެއް ނެތް، ހަމައެކަނި ކިރުތިކި ބޮމުންދިޔަ ތުއްތު ކުއްޖަކު ޣަދަރުވެރި ޔަހޫދީއެއްގެ އުންޑައިން ޝަހީދުކޮށްލުމުން މުޅި ފަލަސްޠީނުގައި ވަނީ ޒަޔަނިސްޓުންނާ މެދު އިންތިހާޔަށް ރުޅިވެރިކަން އިތުރުވެ ބަދު ދުޢާތައް އިތުރު ވެފައެވެ.
މި ޖަރީމާއާ ގުޅިގެން ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވުމުން، ޒަޔަނިސްޓް ރެޖީމްގެ މިލިޓަރީ ޕޮލިހުން މިހާރު ވަނީ އެ ހަމަލާދިން ސިފައިންގެ މީހާގެ މައްސަލަ ބަލަން "ރަސްމީ ތަޙުޤީޤެއް" ކަމަށް ބުނެ ޑްރާމާއެއް ފަށާފައެވެ. އެމީހުން ނެރުނު ބަޔާނެއްގައި "ހިތާމަކުރާ" ކަމަށް ބުނެފައިވީ ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް ހިންގާ އިޖުރާއަތެކެވެ. މީގެ ކުރިންވެސް މިފަދަ އެތައް ތުއްތު ކުދިންނެއް ޔަހޫދީ ސިފައިން މަރާލި އެވެ. އެވެރިން އަދަބެއް ނުލިބި ސަލާމަތްވެފައިވެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢާއި ސަހުޔޫނީ އަރަބިންނާއި ސަހުޔޫނީ މުސްލިމުންގެ ވާގިވެރިކަމާއި ޔޫރަޕްގެ ހަތިޔާރާއި ހިތްވަރު ދިނުމާއެކު ހިންގާ ހަނގުރާމައިގެ ޖަރީމާތަކުން ފަލަސްޠީނުގެ ފަސްގަނޑުން ކޮންމެ ދުވަހަކު މި ފެންނަނީ އިންސާނިއްޔަތުކަމުގެ ލޫދިފައިވާ ސަފުހާތަކެވެ.





