އީރާނަށް އަތްގާތްކޮށްދިން ޔަހޫދީއަކު އިސްރާއީލުން ހައްޔަރުކޮށްފި

އީރާނުގެ ޖާސޫސީ އިދާރާތަކާ ގުޅުން ބާއްވައި، އެމީހުން ބުނި ބައެއް ސިއްރު ކަންކަން ކޮށްދިން ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބާތު ޔާމްއަށް ނިސްބަތްވާ ޔަހޫދީއަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދަޢުވާތަކެއް އުފުލުމަށް ތައްޔާރުވަމުންދާ ކަން ޒަޔަނިސްޓު ރެޖީމްގެ ފުލުހުންނާއި އެތެރޭގެ ސަލާމަތީ ޚިދުމަތް ޝިން ބެޓް އިން ހާމަކޮށްފިއެވެ.

ޒަޔަނިސްޓު ރެޖީމާއި އީރާނާ ދެމެދު އަސްކަރީ ހަމަލާތައް އަލުން ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކުރި ކުށްވެރިޔާއާ ދެކޮޅަށް ޕްރޮސެކިއުޓަރުން މިހާރު ކޯޓަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީކޮށް ދަޢުވާ އުފުލާނެ ކަމަށެވެ.

ތަޙުޤީޤީ އިދާރާތަކުން ބުނާގޮތުގައި، އުމުރުން 30 ގެ އަހަރުތަކުގެ މި ޔަހޫދީ ފިރިހެން މީހާ ވަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މެއި މަހު އޭނާ ހައްޔަރުކުރިއާ ހަމައަށް، ގާތްގަނޑަކަށް ފަސް މަސްދުވަހު އީރާނުގެ އެޖެންޓަކާ އޮންލައިންކޮށް ގުޅުން ބާއްވާފައެވެ. އަދި އީރާނުން ދޭ ފައިސާގެ ބަދަލުގައި، އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ކޮށްދިނީ ސީދާ ކޮން ކަންތައްތަކެއް ކަމެއް ސަލާމަތީ ބާރުތަކުން ހާމައެއް ނުކުރެއެވެ.

ޒަޔަނިސްޓު ރެޖީމްގެ ފުލުހުންނާއި ޝިން ބެޓް ގުޅިގެން ނެރުނު ބަޔާނުގައި، ބޭރުގެ ދުޝްމަނުންނާ ގުޅުން ނުބޭއްވުމަށާއި އެމީހުންގެ އެދުމަށް އެއްވެސް ކަމެއް ނުކުރުމަށް ޒަޔަނިސްޓު ރެޖީމްގެ ރައްޔިތުންނަށް ވަނީ ހަރުކަށިކޮށް އިންޒާރުދީފައެވެ. ސަބަބަކީ އެއީ ޤައުމީ ސަލާމަތަށް އޮތް ސީދާ ނުރައްކަލަކަށް ވާތީއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މަދު ފައިސާ ކޮޅަކަށް އިސްރާއިލު މީހުން އީރާނަށް ނިކަން ފަސޭހައިން ހައްލާ ލެވެއެވެ. އީރާނުގެ އެޖެންޓުން އާންމުކޮށް މިފަދަ މީހުން ލައްވައި ފުރަތަމަ ކުރުވަނީ ކުދިކުދި ކަންކަމެވެ. އެގޮތުން ސަރުކާރުގެ އިމާރާތްތަކާއި އާންމު ތަންތަނުގައި ހަމަނުޖެހުން ހިންގުމާއި، މަގުތަކާއި މުހިންމު ސަރަހައްދުތައް ފޮޓޯއާއި ވީޑިއޯކޮށް ފޮނުވުން ހިމެނެއެވެ. އަދި އޭގެ ފަހުން، އިތުބާރު ބޮޑުވުމުން މިއަށްވުރެ ނުރައްކާތެރި ކަންކަންވެސް ޔަހޫދީން ކޮށްދެއެވެ.

ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި އިސްރާއީލުން ވަނީ އީރާނަށް އަތްގާތްކޮށްދިން މިފަދަ އެތައް ބަޔަކު އަތުލައިގެންފައެވެ.

ހިއްސާ ކުރައްވާ!