Pixabay
Pixabay

ޓްރަމްޕްގެ ދަރިންގެ ރިސޯޓާ ހެދި އަލްބޭނިއާ އިންޤިލާބެއް ގެ ތެރެއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހގެން ދަރި ހަދަން އުޅޭ ފަތުރުވެރިކަމުގެ ބޮޑު ރިސޯޓް މަޝްރޫޢަކާ ހެދި، އަލްބޭނިއާގައި ރައްޔިތުން ނުކުމެ ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުމުން، ޔޫރަޕްގެ އިއްޙާދުން (އީ.ޔޫ) އެ ޤައުމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނީ، މި މަޝްރޫޢުގެ ސަބަބުން އަލްބޭނިއާ އީ.ޔޫގެ މެންބަރަކަށް ވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމަށެވެ.

އަލްބޭނިއާގެ ދެކުނު އައްސޭރިފަށުގައި ހަދަން އުޅޭ މި ލަގްޒަރީ ރިސޯޓް މަޝްރޫޢާ ދެކޮޅަށް މުޅި ޤައުމުގައި ފެށިފައިވާ މުޒާހަރާތަކަށް މިހާރު ވަނީ "ފްލެމިންގޯ އިންޤިލާބު" ގެ ނަން ދެވިފައެވެ. އާދިއްތަ ދުވަހާ ހަމައަށް މި މުޒާހަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާތާ 7 ދުވަސް ވެފައިވާއިރު، ރައްޔިތުން ގޮވާލަމުންދަނީ އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނާގޮތުގައި، 1.4 ބިލިއަން ޔޫރޯ (1.6 ބިލިއަން އެމެރިކާ ޑޮލަރު) ގެ މި މަޝްރޫޢު ކުރިއަށްދަނީ އީ.ޔޫގެ ތިމާވެށީގެ މިންގަނޑުތަކާ މުޅިން ޚިލާފަށެވެ. މީގެ ސަބަބުން، އަލްބޭނިއާ އީ.ޔޫއާ ގުޅުމަށް ކުރާ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ތިމާވެއްޓާ ބެހޭ "ޗެޕްޓަރ 27″ ނިންމުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ، އީ.ޔޫގެ މެންބަރަކަށް ވުމަށްޓަކައި އަލްބޭނިއާއިން ދޫނިތަކާއި ޤުދުރަތީ މާޙައުލުތައް ހިމާޔަތްކުރުމުގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ޤާނޫނަށް ގެނައި ބަދަލުތައް އުވާލުމަށްވެސް ވަނީ ގޮވާލާފައެވެ.

އަލްބޭނިއާގެ ތިމާވެށީގެ ވަޒީރު ސުފްޖާން ޖައުބާޖް ބްރަސަލްސްއަށް އަންގާފައިވާ ގޮތުގައި، މި މަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާރު ކުރިއަކަށް ނުދެއެވެ. އަދި މަޝްރޫޢަށް ބޭނުންވާ ބިލްޑިންގ ހުއްދަވެސް އަދި ދީފައެއް ނުވެއެވެ. ސަރުކާރުން ބުނީ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ތިމާވެއްޓަށް ކުރާނެ އަސަރުތަކުގެ ފުރިހަމަ އެސެސްމަންޓެއް ހަދާނެ ކަމަށެވެ.

ހަމައާއެކު، އަލްބޭނިއާގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޚާއްޞަ ޕްރޮސެކިއުޝަން އިން މިހާރު ވަނީ 2024 ވަނަ އަހަރު ބިމުގެ ޤާނޫނުތަކަށް ގެނައި ބަދަލުތަކުގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ.

"އަލްބޭނިއާއަކީ ވިއްކާލަން އޮތް ތަނެއް ނޫން"

މި މަޝްރޫޢު ރޭވިފައިވަނީ އަލްބޭނިއާގެ ދެކުނުގައި އޮތް "ވިއޮސާ ނާރްތާ" ނަމަކަށް ކިޔާ ހިމާޔަތްކޮށްފައިވާ ޖަޒީރާ ޗަސްބިމެއްގެ ކައިރީގައެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ ފްލެމިންގޯ ދޫނިތަކާއި، ކަނޑުގެ ސީލްތަކާއި، ވެލާ ބިސްއަޅާ ހިމާޔަތްކޮށްފައިވާ މުހިންމު ސަރަހައްދެކެވެ.

"އަލްބޭނިއާއަކީ ވިއްކާލަން އޮތް ތަނެއް ނޫން. މިއީ އަލްބޭނިއާގެ ރައްޔިތުންގެ މިލްކެއް. މަދު ކޮރަޕްޓް ސިޔާސީވެރިންތަކަކަށް އަހަރެމެންގެ ޤުދުރަތީ ތަރިކަ ހަލާކެއް ނުކުރެވޭނެ." ވެރިރަށް ޓިރާނާގެ މަގުތަކަށް ނުކުމެ، ޒަޔަނިސްޓު ފިކުރުގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށް ގޮވަމުންދާ މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ލިންޑިތާ ކުމާނީ ބުންޏެވެ:

ނަމަވެސް ބޮޑުވަޒީރު އެޑީ ރާމާ ވަނީ މި މަޝްރޫޢުގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ. އޭނާ ބުނި ގޮތުގައި، މި މަޝްރޫޢުގެ ފަހަތުގައި ޓްރަމްޕްގެ ނާލާއިގް އައުލާދު ނެތް ނަމަ، ޔޫރަޕްގެ ލީޑަރުން މިކަމާ އެހާ ބޮޑަކަށް އަޅައެއް ނުލާނެއެވެ.

ޓްރަމްޕްގެ ދަނބިކޮއެ ޖެރެޑް ކުޝްނަރު މީގެ ކުރިން ސާބިއާގައިވެސް މިފަދަ މަޝްރޫޢެއް ހިންގަން އުޅުމަށްފަހު، އެ ޤައުމުގެ ރައްޔިތުން މުޒާހަރާ ކުރުމުން މިދިޔަ އަހަރު ވަނީ އެ މަޝްރޫޢު ދޫކޮށްލާފައެވެ.

އަލްބޭނިއާގެ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން އީ.ޔޫގެ ފުރިހަމަ މެންބަރަކަށް ވުމެވެ. ނަމަވެސް، މި ތިމާވެށީގެ މައްސަލައިގެ ސަބަބުން އެ އުންމީދުތަކަށް މިހާރު ވަނީ ބޮޑު ހިޔަންޏެއް އެޅިފައެވެ.

ހިއްސާ ކުރައްވާ!