އިސްލާމްދީނުގައި މައިދައިތައަކީ "މަޙްރަމެއް"

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައި ދަނބިދަރިއަކާއި އޭނާގެ މައިދައިތަ ކޯޓެއްގައި ކައިވެނިކޮށް، އެ ކައިވެނީގެ ސެޓްފިކެޓް ހިފައިގެން ތިއްބާ ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރަކީ، އިސްލާމީ މުޖުތަމަޢެއްގައި ނަމަ ކަންބޮޑުވުމާއި ސިހުން ގެނުވާނެ ފަދަ ހާދިސާއެކެވެ. މިއީ އިންސާނީ ފިޠުރަތާ ޚިލާފު، އަދި އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ.

އިސްލާމީ ޝަރީޢަތުގެ އަލީގައި މިފަދަ ގުޅުންތަކާއި ކައިވެނީގެ ޙުކުމްތަކަށް ބަލާއިރު:

  • އިސްލާމްދީނުގައި މައިދައިތައަކީ "މަޙްރަމެއް"

އިސްލާމްދީނުގައި ކައިވެނިކުރުން އަބަދުގެ އަބަދަށް ޙަރާމް އަންހެނުންގެ ބަޔަކު ކަނޑައެޅިގެން ބަޔާންކުރައްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ނަސަބުގެ ގޮތުން ޙަރާމްވާ މީހުންނާއި، ކާވެނީގެ ސަބަބުން (ސިހްރިއްޔަ ގުޅުމުން) ޙަރާމްވާ މީހުންނެވެ.

މީހަކު އަންހެނަކާ ކައިވެނިކުރުމާއެކު، އެ އަންހެންކުއްޖާގެ މަންމަ (މައިދައިތަ) އަކީ އެ ފިރިހެންމީހާއަށް އަބަދުގެ އަބަދަށް ކައިވެނިކުރުން ޙަރާމް "މަޙްރަމަކަށް" ބަދަލުވެއެވެ. އަދި އެ ދެމަފިރިން ދަރިފަސްކޮޅު ވަކިވެ، ވަރިވި ނަމަވެސް ނުވަތަ އަންހެނުން މަރުވި ނަމަވެސް، މައިދައިތައާ ކައިވެނިކުރުމަކީ ދުވަހަކުވެސް ހުއްދަވާނެ ކަމެއް ނޫނެވެ.

ކީރިތި ޤުރުއާނުގެ ދަލީލު

މިކަން ޙަރާމްކުރައްވައި މާތްﷲ ކީރިތި ޤުރުއާނުގެ ސޫރަތުއް ނިސާގެ 23 ވަނަ އާޔަތުގައި ސީދާ ނައްސުން ވަޙީކުރައްވާފައިވެއެވެ.

﴿23﴾ حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُم مِّن نِّسَائِكُمُ اللَّاتِي دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ   سورة النساء 23
ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، އުޚްތުންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، އަޚުގެ އަންހެން ދަރިންނާއި، އުޚްތުގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ އުޚްތުންނާއި، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މިމީސްމީހުންނާ) ކާވެނިކުރުން ޙަރާމް ކުރެއްވިއެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން، ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް ޙަރާމް ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ އުޚްތުން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ އުޚްތުންނާ އިނުން) ވެސް ޙަރާމް ކުރެއްވިއެވެ.

މި އާޔަތުން، އަނބިމީހާއާ އެކު ރޭކުރި ނަމަވެސް ނުވަތަ ނުކުރި ނަމަވެސް، ހަމައެކަނި ކައިވެނީގެ ބަސްމަގު ހިނގުމާއެކު މައިދައިތަ އަބަދަށް ޙަރާމްވެއެވެ. މިއީ އިސްލާމީ އުއްމަތުގެ ހުރިހާ ފިޤުހުވެރިން އިޖުމާޢު ވެވަޑައިގެންފައިވާ ކަމެކެވެ.

މަޙްރަމުންނާ ކައިވެނިކުރުމުގެ ނުބައިކަމާއި، އެކަމުގެ އަދަބުގެ ބޮޑުކަން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވެއެވެ.

عَنْ عَدِيِّ بْنِ ثَابِتٍ، عَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللَّهُ عَنْهُ، قَالَ:
"لَقِيتُ عَمِّي وَمَعَهُ رَايَةٌ، فَقُلْتُ: أَيْنَ تُرِيدُ؟ قَالَ: بَعَثَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى رَجُلٍ نَكَحَ امْرَأَةَ أَبِيهِ مِنْ بَعْدِهِ، أَنْ أَضْرِبَ عُنُقَهُ وَآخُذَ مَالَهُ." رواه أحمد في مسنده
އިމާމް އަޙްމަދު އަދި އަލްބަރާއު ބިން ޢާޒިބު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރައްވާފައިވާ ޞަޙީޙް ޙަދީޘެއްގައިވެއެވެ.
"ތިމަންކަލޭގެފާނާ ބައްދަލުވީ ދިދައެއް ހިފައިގެން ދިޔަ ބޮޑު ބޭބެއާ އެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކޮންތާކަށްތޯއެވެ؟ އޭނާ ވިދާޅުވިއެވެ. ރަސޫލާ ﷺ ތިމަންނާ ފޮނުއްވީ އޭނާގެ ބައްޕަގެ އަނބިމީހާއާ ކައިވެނިކުރި މީހެއްގެ ގާތަށެވެ. އޭނާގެ ބޯބުރިކޮށްލުމަށާއި އޭނާގެ މުދާ އަތުލުމަށެވެ." (މުސްނަދު އަޙްމަދު)

މި ޙަދީޘުން އެނގެނީ އިސްލާމީ ދައުލަތެއްގައި ނަމަ، މަޙްރަމުންނާ ކައިވެނިކުރާ މީހާގެ މައްޗަށް އޮތް ތަޢުޒީރީ އަދަބެވެ. ސަބަބަކީ އެއީ ކައިވެންޏެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް، ބޮޑުވެގެންވާ ޒިނޭގެ ޢަމަލަކަށް ވާތީއެވެ.

މިކަން ޙަރާމްކުރެއްވުމުގެ ޙިކުމަތް

  1. އާއިލީ ނިޒާމް ހިމާޔަތްކުރުން: މައިދައިތައަކީ މަންމައެއް ފަދަ މަޤާމެއްގައި ހުންނަ މީހެކެވެ. މިފަދަ ގުޅުންތައް ހުއްދަވެއްޖެނަމަ، އާއިލާތަކުގެ ތެރޭގައި ޙަސަދަވެރިކަމާއި، ލޭއޮހޮރުވުމާއި، އަޚްލާޤީ ދަށުދަރަޖައިގެ ޖަރީމާތައް އިތުރުވެ، މުޅި މުޖުތަމަޢުގެ ބުންޔާދު ހަލާކުވެގެންދާނެއެވެ.
  2. އިންސާނީ ކަރާމާތް ހިމާޔަތްކުރުން: ދަރިއެއްގެ ފިރިމީހާއާއި މަންމައާ ދެމެދު އޮންނަންޖެހޭނީ އިޙްތިރާމާއި ޤަދަރުގެ ސާފު ގުޅުމެކެވެ. ޖިންސީ އެދުންވެރިކަމުން އެ ގުޅުން ކިލަނބުވުމަކީ އިންސާނީ ފިޠުރަތާ މުޅިން ޚިލާފު ކަމެކެވެ.

އެހެންކަމުން، މި ވައިރަލްވެގެން އުޅޭ ޚަބަރުގައިވާ ފަދަ ޢަމަލުތަކަކީ އިސްލާމްދީނުގައި ބާތިލް، ޙަރާމް އަދި މުޖުތަމަޢުން ފޮހެލަންޖެހޭ ފަދަ ނުބައި ޢަމަލުތަކެކެވެ. މާތްﷲ އަޅުގަނޑުމެން އެންމެން އިސްލާމީ ރިވެތި އަޚްލާޤާއި ހިދާޔަތުގައި ސާބިތުކުރައްވާށި! އާމީން.

ހިއްސާ ކުރައްވާ!