ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު، ޗައިނާއިން ބޭރު ޤައުމުތަކުގެ ވިސްނުމާއި ސިޔާސަތުތަކަށް ނުފޫޒ ފޯރުވުމަށް ގެންގުޅޭ އުކުޅުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިހާރު އެ ޤައުމުގެ ނުފޫޒު ފޯރުވުމުގެ ހަރަކާތްތައް ކުރީގެ ސަގާފީ ޕްރޮޕަގަންޑާއާ މާ ބޮޑަށްވެސް ތަފާތެވެ. އޭގެ ބަދަލުގައި މިހާރު ފެންނަމުންދަނީ ކަނޑުގެ ސަލާމަތާ ބެހޭ ސެމިނާރުތަކާއި، ސޯޝަލް މީޑިއާގެ ޚަބަރުތަކާއި، މުނިފޫހިފިލުވުމުގެ ވައިރަލް ކޮންޓެންޓް ބޭނުންކޮށްގެން ނުފޫޒު ފޯރުވަމުންދާ މަންޒަރެވެ.
ޚާއްޞަކޮށް، ކުރިއަށް އޮތް ނޮވެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތައިވާނުގެ ލޯކަލް އިންތިޚާބަށް އަމާޒުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ވަކިވަކި ބައިވެރިންނަށް ޚާއްޞަ މެސެޖުތައް ފޮނުވުމުގެ ނިޒާމެއް ޗައިނާއިން ދަނީ ބޭނުންކުރަމުންނެވެ.
ދާދިފަހުން ސައިފްލުއެންސް ރިސާރޗް ސެންޓަރުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އިނގިރޭސިބަހުން ކުރިއަށްދާ ބަހުޘްތަކަށް ނުފޫޛު ފޯރުވުމަށް ޗައިނާގެ ދައުލަތާ ގުޅުންހުރި މުއައްސަސާތަކާއި، ދިރާސާކުރާ ފަރާތްތަކާއި، އަދި ފޭކް އެކައުންޓްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެފަރާތްތަކުން "ޞުލްޙަ"، "ހަމަޖެހުން" އަދި "އެއްބާރުލުން" ފަދަ ލަފްޒުތައް ބޭނުންކޮށްގެން، ޗައިނާއަކީ ހަމަޖެހުން ބޭނުންވާ ޤައުމެއްގެ ގޮތުގައި ދައްކައި، އެމެރިކާއާއި އޭގެ ބައިވެރިންނަކީ ހަމަނުޖެހުން އުފައްދާ ފަރާތްތަކެއްގެ ގޮތުގައި ސިފަކުރެއެވެ.
މީގެ އިތުރުން، "ޑަބަލް ތިންކް ލެބް" އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ޗައިނާއާ ގުޅުންހުރި ކޮންޓެންޓް ފާމެއް ކަމަށްވާ "ބޯޑަރލެސް ގްރޫޕް" އިން ދަނީ 1200 އަށްވުރެ ގިނަ ވެބްސައިޓްތަކާއި، ތުރެޑްސް ގެ 500 އަށްވުރެ ގިނަ ފޭކް އެކައުންޓްތައް ހިންގަމުންނެވެ. މީގެ ތެރެއިން ގިނަ ކޮންޓެންޓަކީ ސިޔާސީ އެއްޗެހީގެ ބަދަލުގައި، ޢާންމު މުނިފޫހިފިލުވުމާއި މީސްމީހުންގެ ޒާތީ ވާހަކަތަކެވެ. މިއީ ޢާންމުންގެ މެދުގައި މަޤްބޫލުކަން ހޯދައި، ގިނަ ބަޔަކަށް އެކައުންޓްތައް ފޯރުވުމަށްފަހު، އިންތިޚާބާ ދިމާކޮށް ސިޔާސީ މެސެޖުތައް ފެތުރުމަށް ތައްޔާރުކޮށްފައިވާ ބޮޑު ނެޓްވޯކެކެވެ.
ތައިވާނުގެ ނޭޝަނަލް ސެކިއުރިޓީ ބިއުރޯއިން ހާމަކުރި ގޮތުގައި، 2024 އާއި 2025 އާ ދެމެދު ސޯޝަލް މީޑިއާގެ ފޭކް އެކައުންޓްތައް ވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރު އެކަނިވެސް 2 މިލިއަނަށްވުރެ ގިނަ ދޮގު މަޢުލޫމާތު ފެތުރިކަން ރެކޯޑުކުރެވިފައިވެއެވެ. ލީކުވެފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭގޮތުގައި، ޗައިނާގެ ކުންފުނިތަކުން ދަނީ އޭއައި ބޭނުންކޮށްގެން ތައިވާނުގެ ސިޔާސީ ބައިވެރިން ވަކިވަކި ގުރޫޕުތަކަށް ބަހާލައި، އެމީހުންގެ ޖަޒުބާތާ ކުޅެލެވޭ ފަދަ ޚާއްޞަ މެސެޖުތައް އުފައްދައިގެން ފޮނުވަމުންނެވެ. މި ނުފޫޛުގެ ބޭނުމަކީ ހަމައެކަނި ވޯޓު ބަދަލުކުރުމެއް ނޫނެވެ. ނަމަވެސް، މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލުވާލުމެވެ.




