އިޤްތިޞާދީ ކުރިއެރުމަށް އޮތް ހުރަހަކީ ތިމާވެށީގެ މައްސަލަ

ބަންގްލަދޭޝްގެ ތަރައްޤީގެ އާދަޔާޚިލާފު ކުރިއެރުމާއެކު، އެ ޤައުމުން ދަނީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތައް އަމިއްލައަށް ހަލާކުކުރަމުންނެވެ. މިކަމުގެ ސަބަބުން، ތިމާވެށި ހީނަރުވުމަކީ ހަމައެކަނި ތަރައްޤީގެ ސައިޑް އިފެކްޓެއްގެ ބަދަލުގައި، އިޤްތިޞާދީ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަށް މިހާރު ވަނީ ވެފައެވެ.

ކްލައިމެޓް ސެންޓްރަލްގެ ދިރާސާއަކުން ދައްކާގޮތުގައި، ބަންގްލަދޭޝްގެ އާބާދީގެ ތިންބައިކުޅައެއްބައި ކަމަށްވާ 57 މިލިއަން މީހުން ދަނީ 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުރައްކާތެރި ހޫނުމިނެއް ތަޙައްމަލުކުރަމުންނެވެ.

މި މައްސަލައިގެ މަރުކަޒަކީ ވެރިރަށް ޑާކާއެވެ. 1980 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ އެންމެ މަތީ ހޫނުމިން 1.1 ޑިގްރީ ސެލްސިއަސްއަށް މަތ ވެފައިވާއިރު، އިޙްސާސްކުރެވޭ ހޫނުމިން ވަނީ 4.5 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. ވޯލްޑް ބޭންކުގެ ރިޕޯޓެއް ބުނާގޮތުން، 1989 އިން 2020 އާ ދެމެދު ކޮންކްރީޓް އިމާރާތްތައް އިތުރުވުމުގެ ސަބަބުން ޑާކާގެ ފެހިކަމުގެ ދެބައިކުޅައެއްބައި ވަނީ ނެތިގޮސްފައެވެ.

މި ހޫނުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. ހޫނާ ގުޅުންހުރި ބަލިތަކާއި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން 2024 ވަނަ އަހަރު 250 މިލިއަން މަސައްކަތު ދުވަސް ގެއްލި، 1.3 ބިލިއަނާއި 1.8 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން އިޤްތިޞާދަށް ވަނީ ގެއްލުންވެފައެވެ.

މީގެ އިތުރުން، ވައިގެ ތަޣައްޔަރުވުމުގެ ސަބަބުން އިންސާނާގެ ޢުމުރުން އެވްރެޖްކޮށް 5 އަހަރު ކުރުވެއެވެ. ވޯލްޑް ބޭންކުގެ 2023 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި، ވައިގެ ތަޣައްޔަރުވުމާއި، ނުރައްކާތެރި ފެނާއި، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން އަހަރަކު 272000 އަށްވުރެ ގިނަ މީހުން ޒުވާން ޢުމުރުގައި މަރުވެއެވެ. އަދި 2019 ވަނަ އަހަރު އެކަނިވެސް ތިމާވެށި ހަލާކުވުމުގެ ސަބަބުން ބަންގްލަދޭޝްއަށް 62 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ކޯރުތަކަށް ސިނާޢީ ކުނި އެޅުމާއި، ޕްލާސްޓިކްގެ ސަބަބުން ފެނުގެ ފެންވަރު ދަނީ ދަށްވަމުންނެވެ. ބަންގްލަދޭޝްގައި މިހާރު މިއޮތީ ތިމާވެށި ރައްކާތެރިކުރުމާއި ތަރައްޤީއާ ދެމެދު ގޮތެއް ނިންމުމެއް ނޫނެވެ. ނަމަވެސް، މިއީ އިޤްތިޞާދީ ހަމަޖެހުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުން މަޖުބޫރުވެފައިވާ ޙާލަތެކެވެ. ސިޔާސަތުތައް އެކުލަވާލުމުގައި ތިމާވެށީގެ މައްސަލަތަކަށް އިސްކަންދީ، އިޤްތިޞާދީ ރޭވުންތަކުގެ ތެރޭގައި އެކަން ހިމަނަންޖެހެއެވެ. ބަންގްލަދޭޝްއިން މިކަމަށް ފިޔަވަޅު އެޅުން ލަސްކުރާ ކޮންމެ އަހަރަކު، މުސްތަޤްބަލުގައި ދައްކަންޖެހޭ އަގު ބޮޑުވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!