އިންޑިއާ-ޔޫކޭ ވިޜަން 2035ގެ މަޝްވަރާ ބާއްވައިފި

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އިވެޓް ކޫޕަރ، އެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.  މި ދަތުރުފުޅުގައި، ވިޔަފާރިއާއި، ޓެކްނޮލޮޖީއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ދެ ފަރާތުން ފުޅާދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މި ދަތުރުފުޅުގައި ކޫޕަރ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާއެކު އަހަރީ ބައްދަލުވުން ބާއްވަވާފައެވެ. މި ބައްދަލުވުމުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހު ބޮޑުވަޒީރު މޯދީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކަނޑައެޅި "އިންޑިއާ-ޔޫކޭ ވިޜަން 2035″ އިދާރީ އޮނިގަނޑުގެ ދަށުން ލިބިފައިވާ ކުރިއެރުންތައް ދެ ވަޒީރުން މުރާޖަޢާކުރެއްވިއެވެ. އެގޮތުން އިޤްތިޞާދީ ކުރިއެރުމާއި، އީޖާދީ ޓެކްނޮލޮޖީއާއި، ދިފާޢީ ސަލާމަތާއި، ސާފު ހަކަތައިގެ އިތުރުން ތަޢުލީމީ ދާއިރާގެ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރާ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް ޓްރޭޑް އެގްރީމަންޓް (ސީއީޓީއޭ) އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޛުކުރަން ފެށުމަށް ދެ ފަރާތުންވެސް އެދޭކަން ހާމަކުރިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްއާއި މުހިންމު މަޢުދަނުތަކާ ގުޅޭ ޓެކްނޮލޮޖީ ސެކިއުރިޓީ އިނިޝިއޭޓިވްގެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ދިފާޢީ ދާއިރާއިން ދެ ޤައުމުގެ އަސްކަރީ ތަމްރީނުދޭ މުއައްސަސާތަކުގެ މެދުގައި މުދައްރިސުން ބަދަލުކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށް މަރުޙަބާ ކިޔައި، ދިފާޢީ ގުޅުން ވަރުގަދަކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.

މި ދަތުރުފުޅުގެ ތެރެއިން ތަޢުލީމީ، މަޢުދަނީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ މުހިންމު ނިންމުންތަކެއް ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން، އިންޑިއާގެ ނިއު އެޑިއުކޭޝަން ޕޮލިސީގެ ދަށުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަރޕޫލްގެ ކެމްޕަހެއް ބެންގަލޫރުގައި ހުޅުވުމުގެ ހުއްދަ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޔުނިވަރސިޓީއާ ޙަވާލުކޮށްފައެވެ. މި ކެމްޕަހުގެ ކިޔެވުން ކުރިއަށް އޮތް ދިރާސީ އަހަރު ފެށޭނެއެވެ.

މީގެ އިތުރުން، ކިންގްސް ކޮލެޖް ލަންޑަނާއި އިންޑިއާގެ ނޭޝަނަލް މެރިޓައިމް ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއް ބަދަލުކުރިއެވެ.

މިއީ އިންޑޯ-ޕެސިފިކް ކަނޑުތަކުގެ އިސްނެގުމުގެ ދަށުން "ރީޖަނަލް މެރިޓައިމް ސެކިއުރިޓީ ސެންޓަރ ފޮރ އެކްސެލެންސް" ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

ހަމައެއާއެކު، ކޫޕަރ އަދި އިންޑިއާގެ ކޯލް އެންޑް މައިންސް މިނިސްޓަރު ޖީ ކިޝަން ރެއްޑީ ގުޅިވަޑައިގެން "ޔޫކޭ-އިންޑިއާ ކްރިޓިކަލް މިނަރަލްސް ސަޕްލައި ޗެއިން އޮބްޒަވޭޓްރީ" އިފްތިތާޙްކޮށްދެއްވިއެވެ. މިއީ އިޤްތިޞާދީ ކުރިއެރުމާއި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބޭނުންވާ މުހިންމު މަޢުދަނުތަކުގެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ފެށި މުހިންމު ޕްރޮގްރާމެކެވެ.

ހިއްސާ ކުރައްވާ!