ކަޝްމީރުގެ ކޮމިޓީއެއް ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފި

އާޒާދު ޖައްމު އެންޑް ކަޝްމީރުގެ ސަރުކާރުން ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ ނުވަތަ ޖޭއޭއޭސީއަކީ މަނާ ޖަމާޢަތެއްގެ ގޮތުގައި އިޢުލާންކޮށް އެ ޖަމާޢަތް އެ ސަރަޙައްދުގެ އެންޓި ޓެރަރިޒަމް ގާނޫނުގެ ފުރަތަމަ ތާވަލުގައި ހިމަނައިފިއެވެ.

އާޒާދު ޖައްމު އެންޑް ކަޝްމީރުގެ ހޯމް ޑިޕާޓްމަންޓުން ނެރުނު ނޮޓިފިކޭޝަނެއްގައި ބުނީ އެ ޖަމާޢަތަކީ ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވާ އަދި ދައުލަތުގެ ސުލްޙަމަސަލަސްކަމާއި ސަލާމަތަށް ހުރަސްއަޅާ ގޮތަށް ޢަމަލުކުރާ ޖަމާޢަތެއް ކަމަށެވެ. އަދި ޢާންމުންނަށް ބިރުދައްކައި، ނަފްރަތު އުފައްދައި، މުޖުތަމަޢުގައި ބިރުވެރިކަން އުފައްދައިގެން ދައުލަތުގައި ހަމަނުޖެހުން އުފެއްދުމުގައި ޖޭއޭއޭސީން ބައިވެރިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން އާޒާދު ޖައްމު އެންޑް ކަޝްމީރުގެ އެންޓި ޓެރަރިޒަމް އެކްޓް 2014 ގެ 12 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން، އެ ސަރަޙައްދުގެ ރައީސް ވަނީ ޖައްމު ކަޝްމީރު ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ މަނާ ޖަމާޢަތްތަކުގެ ލިސްޓުގައި ހިމެނުމަށް ހުއްދަ ދެއްވާފައެވެ.

މުއައްސަސާތަކާއެކު މަޝްވަރާކުރުމުން އެ ޖަމާޢަތުން ދުރުހެލިވުމާއި، ތަންފީޛީ ކޮމިޓީއަކާއެކު މަސައްކަތް ކުރުމަށް އިންކާރު ކުރުމުގެ ސަބަބުން، އެ ޖަމާޢަތުން މަސައްކަތް ކުރަނީ އާޒާދު ޖައްމު އެންޑް ކަޝްމީރުގެ އިންތިޚާބީ މަރުޙަލާއަށް ހުރަސްއެޅުމަށް ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް ޖުލައި 27 ގައި ބާއްވާ ޢާންމު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ނަން ހުށަހަޅަން ފަށާ ތާރީޚު ކަމަށްވާ ޖޫން 9 ވަނަ ދުވަހު މުޅި ސަރަޙައްދު ހުއްޓުމަކަށް ގެނައުމަށް ޖޭއޭއޭސީން ގޮވާލުމުން އެ ޖަމާޢަތަށް ކުރާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.

އާޒާދު ޖައްމު އެންޑް ކަޝްމީރުގެ ސަރުކާރުން ވަނީ ބޭރު މީހުން އެ ސަރަޙައްދަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، މިހާރު އެތަނުގައި ތިބި މީހުން ވަގުތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައެވެ.

ޖޭއޭއޭސީގެ މުޒާހަރާގެ މައިގަނޑު ބޭނުމަކީ 1947 ވަނަ އަހަރަށްފަހު ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ވަޒަންވެރިވި އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމު އެންޑް ކަޝްމީރުގެ ރެފިއުޖީންނަށް އެ ސަރަޙައްދުގެ ގާނޫނުހަދާ މަޖިލީހުން ޚާއްޞަކޮށްފައިވާ 12 ގޮނޑި އުވާލުމެވެ. އެ ޖަމާޢަތުން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުގެ މައިގަނޑު ސިޔާސީ ޕާޓީތަކުން މި ގޮނޑިތައް ބޭނުންކުރަނީ މުޒައްފަރްއާބާދުގައި ސަރުކާރު އެކުލަވާލުމަށް ނުފޫޛު ފޯރުވުމަށެވެ. ނަމަވެސް، އާޒާދު ޖައްމު އެންޑް ކަޝްމީރުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ރެފިއުޖީންގެ ގޮނޑިތައް ދެމެހެއްޓުމަށް ތާއީދުކޮށް، ތާވަލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

މީގެ ކުރިން ހިނގާފައިވާ ފަދަ ލޭއޮހޮރުވުންތަކެއް ތަކުރާރުވިޔަނުދިނުމަށްޓަކައި، ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ފުލުހުންނަށް އެހީވުމަށް ފެޑެރަލް ޕެރަމިލިޓަރީ ފޯސްތައް ފޮނުވާފައެވެ. އެ ސަރަޙައްދުގެ އައިޖީޕީ ކެޕްޓަން ރިޓަޔަރޑް ލިއާޤަތު ޢަލީ މަލިކް ވަނީ ޖޫން 7 އިން ޖޫން 21 އަށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އިތުރު 14000 ސިފައިން ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި މުޒާހަރާގެ ކުރިން ސަލާމަތީ ބާރުތަކުގެ ގާފިލާތައް މުޒައްފަރްއާބާދަށް ވަންނަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމުވެފައިވެއެވެ.

މި މުޒާހަރާއާ ގުޅިގެން އިންޓަރނެޓާއި މޮބައިލް ޑޭޓާގެ ޚިދުމަތް ކަނޑާލާފާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބޭއްވި މުޒާހަރާތަކުގައި އިންޓަރނެޓް ކަނޑާލުމުގެ ސަބަބުން ކިޔަވައިދިނުމަށާއި، އޮންލައިން ވިޔަފާރިތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީ އޮފް އާޒާދު ޖައްމު އެންޑް ކަޝްމީރުން ވަނީ ޖޫން 8 ގައި ފެށުމަށް ހަމަޖެހިފައި އޮތް އިމްތިޙާންތައް، މުޒާހަރާގެ ސަބަބުން ފަސްކޮށްފައެވެ.

ހިއްސާ ކުރައްވާ!