އީރާނާއެކު ދެތިން ދުވަސް ތެރޭ އެއްބަސްވުމަކަށް އާދެވި، ހުރްމުޒް ކަނޑުއޮޅި ހުޅުވޭނެ: ޓްރަމްޕް

އީރާނާއެކު ސޮލީބީ ހަމަލަތައް ނިންމާލުމުގެ އެއްބަސްވުމަކަށް ކުރިއަށް އޮތް "ދެ ދުވަސް ނުވަތަ ތިން ދުވަސް ތެރޭގައި" އާދެވިދާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ އިތުރުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވިގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގެ މެޑިސަން ސްކޮޔަރ ގާޑަންގައި އޮތް އެންބީއޭ ފައިނަލްސް މެޗެއް ބައްލަވާލެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭޕްރީލް މަހު ޤާއިމުކުރި ނާޒުކު ޞުލްޙައިގެ އެއްބަސްވުމަށްފަހު އިސްރާއީލާއި އީރާނާ ދެމެދު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކަށްފަހު، މިހާރު ދެ ޤައުމުންވެސް ޙަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށެވެ.

"އެމީހުން ދިޔައީ އެކަކު އަނެކަކަށް ވަރުގަދަ ޙަމަލާތަކެއްދެމުން. ނަމަވެސް މިހާރު މަގޭ މެދުވެރިވެގެން ދެފަރާތުންވެސް ވަނީ ހުއްޓާލަން އެއްބަސްވެފައި،" އެމެރިކާގެ ރިޔާސީ މަތިންދާބޯޓު 'އެއަރ ފޯސް ވަން' އަށް އަރައިވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެމެން މިހާރު މިތިބީ އެއްބަސްވުމުގެ އެންމެ ފަހު މަރުޙަލާގައި. މިއީ ވަރަށް ފުރިހަމަ އެއްބަސްވުމަކަށް ވާނެ، އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ އެއްވެސް ފުރުޞަތެއް މިއަކުން ނުލިބޭނެ." ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވޭނެ ކަމަށެވެ. އަދި މިހާރު ދެފަރާތުގެ މެދުގައި ޚިޔާލުތަފާތުވާ އެއްވެސް ނުކުތާއެއް ނެތް ކަމަށާއި، ހުރިހާ ބައިވެރިންވެސް ތިބީ އެއްބަސްވުމާ "ވަރަށް ގާތްވެފައި" ކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުމެއްގައި ސޮއިކުރެވެންދެން އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ހިސާރުކޮށްފައި އޮތް އޮތުން ދެމިއޮންނާނެއެވެ.

މީގެ ކުރިންވެސް ސޮއިކުރުމާ ހިސާބަށް ގޮސްފައިވަނިކޮށް ދެފަރާތުގެ ދެމެދުގައި އަލުން ހަނގުރާމަ ފެށިފައިވާތީ، މިއީ ވަރަށް ނާޒުކު ދަނޑިވަޅެކެވެ. ޚާއްޞަކޮށް އާދިއްތަ އަދި ހޯމަ ދުވަހު ދެފަރާތުން ބަދަލުކުރި ބާރުގަދަ ޙަމަލާތަކަށްފަހު މިހާރު މަޑުޖެހިލާފައިވީ ނަމަވެސް، ލުބުނާނުގެ ދެކުނަށް އިސްރާއީލުންދޭ ޙަމަލާތައް ކުރިއަށްދާނަމަ އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!