ހުރްމުޒް ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

އީރާނާ ބޯޑަރު ގުޅޭ ހުރްމުޒް ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނު ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، އެ ހެލިކޮޕްޓަރު ދުއްވަން ތިބި ދެ ޕައިލަޓުންގެ ޙާލުވެސް ރަނގަޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" ނޫހުން ރިޕޯޓްކުރި ގޮތުގައި، އެ ސަރަޙައްދަށް ވެއްޓިފައިވަނީ އެމެރިކާ ސިފައިންގެ "އަޕާޗޭ" މަރުކާގެ ހެލިކޮޕްޓަރެކެވެ. އަދި އޭގައި ތިބި ދެ ސިފައިން މިހާރު ވަނީ ސަލާމަތްކޮށްފައެވެ.

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ނިއުޔޯކްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ދެ ޕައިލަޓުންގެ ޙާލުވެސް ރަނގަޅު. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ،" ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ ފުރިހަމަ ރިޕޯޓެއް މާދަމާ ނެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސީދާ ސަބަބެއް ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިނުވާއިރު، ޓްރަމްޕްވެސް އެކަމާ ބެހޭ އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރައްވައެވެ.

ހިއްސާ ކުރައްވާ!