އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާލުމުގައި އެމެރިކާއާއެކު ޚިޔާލުތަފާތުވުންތަކެއް އެބަހުރި: އިސްރާއީލް ސަފީރު

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމާލާނެ ގޮތަކާ މެދު އިސްރާއީލާއި އެމެރިކާއާ ދެމެދު އަދިވެސް "ބައެއް ޚިޔާލުތަފާތުވުންތައް" އެބަހުރި ކަމަށާއި، އެކަންކަން ޙައްލުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔަޙްޔާއީލް ލީޓަރ ބުނެއެވެ. ސަފީރު މިހެން ބުނީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އީރާނާ ދެކޮޅަށް "ފުރިހަމަ ކާމިޔާބީ" އިޢުލާން ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ސަފީރު ލީޓަރ ބުނީ، ދެ ޤައުމުގެ މަޞްލަޙަތުތައް ވަރަށް އެއްގޮތަކަށް ކަމަށާއި، ނަމަވެސް ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރުމުން އެކަންކަން އެއްގޮތް ކުރަންޖެހޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ފަދައިން ދެ ހަފުތާގެ ތެރޭގައި ހަނގުރާމަ ނިންމާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެތޯ ސުވާލުކުރުމުން ސަފީރު ބުނީ، އެކަން ބިނާވެގެންވަނީ އެއްބަސްވުމުގައި ހިމެނޭ ޝަރުޠުތަކުގެ މައްޗަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ނުއުފެއްދޭނެ ގޮތް ހަދައި، ދުނިޔެއަށް ބިރުދައްކާ ބެލިސްޓިކް މިސައިލް މަޝްރޫޢު ހުއްޓުވައި، އަދި ޙަމާސްއާއި ހިޒްބުالله ފަދަ ޖަމާޢަތްތަކަށް އެހީތެރިވުން ހުއްޓުވޭނެ ފަދަ ގޮތަކަށް ހަނގުރާމަ ނިމިއްޖެނަމަ، އެއީ ދެ ހަފުތާ ނުވަތަ ދެ ގަޑިއިރު ތެރޭގައި ވިޔަސް އިސްރާއީލަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަތުގައި މިހާރު "ބާރެއް ނެތް" ކަމަށާއި، އެމެރިކާއިން އީރާނާއެކު ހަދާ ކޮންމެ އެއްބަސްވުމެއް ގަބޫލުކުރަން ނަތަންޔާހޫއަށް މަޖުބޫރުވާނެ ކަމަށް ޓްރަމްޕް ދާދިފަހުން ވިދާޅުވި ވާހަކައާ ގުޅޭގޮތުން ސަފީރު ވަނީ ނުރުހުންވެފައެވެ. ނަމަވެސް އެކަމާ އެއްބަސްވެފައެވެ. ނަމަވެސް، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އޮތީ "ފުރިހަމަ ގުޅުމެއް" ކަން އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން އީރާނާ ދެކޮޅަށް މި ހަނގުރާމައިގެ ތެރެއަށް ވަނީ އެކުގައި. އަދި މި ހަނގުރާމަ ނިންމާލާނީވެސް އެއް ޞަފުޙާއެއްގައި ތިބެގެން އެކުގައި ކަމަށް އަހަރެން ގަބޫލުކުރަން،" އިސްރާއީލުގެ ސަފީރު ބުންޏެވެ.

ހިއްސާ ކުރައްވާ!