އެމެރިކާގެ ރައްޔިތުކަން ހޯދި 17 މީހެއްގެ ރަށްވެހިކަން އަތުލަން ނިންމައިފި

ބޭރު ޤައުމުތަކަށް އުފަންވެ، ފަހުން އެމެރިކާގެ ރައްޔިތުކަން ހޯދާފައިވާ މީހުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތު ކުރުުމުގެ ޚާއްޞަ ކެމްޕޭނުގެ ދަށުން، އިތުރު 17 މީހެއްގެ ރަށްވެހިކަން އަތުލުމުގެ ގާނޫނީ މަސައްކަތް ފަށާނެކަން އެ ޤައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން އިޢުލާންކޮށްފިއެވެ.

މި ފަހަރު ރަށްވެހިކަން އަތުލަން ނިންމި މީހުންގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ކުށްތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ޤާނޫނު ބުނާގޮތުން ރަށްވެހިކަން ބާތިލުކުރެވޭނީ ހަމައެކަނި ފެޑެރަލް ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ވަރަށް ނާދިރު ޙާލަތްތަކުގައެވެ. ތާރީޚަށް ބަލާއިރު، އެމެރިކާއަށް އެތެރެވި ތާރީޚާއި، އުމުރާއި، ކައިވެނީގެ ޙާލަތާ ބެހޭގޮތުން ދޮގު މަޢުލޫމާތު ދިނުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ކުރިންވެސް މީހުންގެ ޖިންސިއްޔަތު އަތުލާފައިވެއެވެ.

ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ހުށަހަޅާފައިވަނީ ރަށްވެހިކަން އަތުލުމުގެ ޖުމުލަ 24 މައްސަލައެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވެރިކަމާ ޙާލަތުވި ފަހުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ އަދަދަށްވުރެ ގިނައިން މައްސަލަ ހުށަހަޅާފައިވާއިރު، މިދިޔަ މޭ މަހު އެކަނިވެސް 12 މީހެއްގެ ރަށްވެހިކަން އަތުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެމެރިކާގެ އެކްޓިންގ އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، އެމެރިކާގެ ރައްޔިތަކަށް ވުމަކީ ލިބޭ ޚާއްޞަ ޝަރަފެއް ކަމަށާއި، ރައީސް ޓްރަމްޕްގެ ވަރުގަދަ އިރުޝާދުގެ ދަށުން މި ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މީހުންނަށް އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މާކްވޭން މުލިން ވިދާޅުވި ގޮތުގައި، ޤާނޫނާ ޚިލާފަށް އުޅޭ ބޭރު މީހުންގެ ރަށްވެހިކަން އަތުލައި، އެމީހުން ޤައުމުން ބޭރުކުރުމަށް ޤާނޫނީ ހުރިހާ މަގެއްގެ ބޭނުން ސަރުކާރުން ހިފާނެއެވެ.

ހިއްސާ ކުރައްވާ!