ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރަމުންދާ ޖިހާދާއި ހަތިޔާރުއެޅި ޙަރަކާތްތައް މުޅިން ވަޅުޖައްސާލުމަށް، އިސްރާއީލުގެ ޒަޔަނިސްޓު ވިސްނުމާ އެއްގޮތަށް ޙަމާސްގެ ޖަމާޢަތުގެ ހަތިޔާރު އަތުލުމުގެ ބޮޑު ރޭވުމެއްގެ މަޝްވަރާތައް މިޞްރުގެ ވެރިރަށް ޤާހިރާގައި ފަށައިފިއެވެ. ޢަރަބި ޤައުމުތަކުން ފަލަސްޠީނުގެ މިނިވަންކަމަށް އެހީތެރިވުމުގެ ބަދަލުގައި، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޖާހިދުންގެ ބާރު ކަނޑުވާލަން މިޞްރުން އިސްވެ ދަނީ ބޮޑެތި ހުރަސްތަކެއް އަޅަމުންނެވެ.
ޤާހިރާގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަޝްވަރާތަކުގައި މިޞްރާއި، ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިންނާއި ޤަޠަރުގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ސުލްޙައިގެ މަޖިލީހުގެ މަންދޫބު ނިކޮލާއި މިލަދީނޯފް ދަނީ އެމެރިކާއާއި އިސްރާއީލުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ފުރިހަމައަށް ކޯޑިނޭޓް ކުރަމުންނެވެ.
ޙަމާސްއިން ހަތިޔާރު ދޫކޮށްލުމަށް ބޯލެނބުން
ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކުރި ގޮތުގައި، އިސްރާއީލުގެ ޕްރެޝަރާއެކު މުޖާހިދުންގެ ބާރު ކަނޑުވާލުމަށް ހިންގާ މި މަޝްވަރާތަކުގައި ޙަމާސްއިން ވަނީ ބޮޑެތި ދޫދިނުންތަކެއް ދީފައެވެ. އެގޮތުން، ފަލަސްޠީނުގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް، ޖަމާޢަތްތަކުން ހަތިޔާރު ގެންގުޅުން ހުއްޓާލުމަށް ޙަމާސްއިން ވަނީ އެއްބަސްވެފައެވެ.
މިޞްރުން މިހާރު ދަނީ މިކަމަށް ޚާއްޞަ އެއްބަސްވުމެއް އެކުލަވާލަމުންނެވެ. އެ އެއްބަސްވުމުގެ ދަށުން:
- ޙަމާސްގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ފަލަސްޠީނުގެ ސަރުކާރާ ޙަވާލުކުރުން.
- ޣައްޒާ ހިންގުމުގެ ފުރިހަމަ ބާރު ޙަމާސްއިން ދޫކޮށްލައި، ޤައުމީ ކޮމިޓީއަކާ ޙަވާލުކުރުން.
- އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޣައްޒާ ޕްލޭން" ތަންފީޛުކޮށް، ހަތިޔާރުއެޅި ޖަމާޢަތްތައް މުޅިން އުވާލުން.
މިނިވަންކަމުގެ ޙަރަކާތްތަކަށް އަރަބިންގެ ހުރަސްތައް
ފަލަސްޠީނުގެ މުޖާހިދުންގެ ހަތިޔާރު އަތުލުމަކީ ޣައްޒާ އަލުން އާރާސްތުކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ބުނެ، ސުލްޙައިގެ މަޖިލީހުގެ މަންދޫބު މިލަދީނޯފް ނެރުނު ރިޕޯޓަށް ޙަމާސްއިން ވަނީ ފާޑުކިޔާފައެވެ. ޙަމާސްއިން ބުނަނީ މިއީ އިސްރާއީލަށް ތާއީދުކޮށް ނެރެފައިވާ ބަޔާނެއް ކަމަށެވެ.
ޢަރަބި ޤައުމުތަކުގެ އެހީތެރިކަމެއް ނެތި، އިސްރާއީލުން ދަނީ ޞުލްޙައިގެ ވާހަކަތައް ކުރިއަށްދާ ވަގުތުވެސް ޣައްޒާގައި މީހުން މެރުމާއި ލީޑަރުން އަވަހާރަކޮށްލުމުގެ ޖަރީމާތައް ހިންގަމުންނެވެ. މިދިޔަ އޮކްޓޫބަރު މަހު ޤާއިމުކުރި ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ހާހަކަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ. ނަމަވެސް، ޢަރަބި މެދުވެރިން އިސްވެ ރާވަނީ އިސްރާއީލާ ދެކޮޅަށް ތެދުވާނެ ފަލަސްޠީނުގެ އެއްވެސް ބާރެއް ނުބޭއްވުމަށެވެ.






