ޕާކިސްތާނުގެ ސިފައިންގެ ކޮމާންޑަރު ޢާޞިމް މުނީރު، ލުބުނާނުގެ އަސްކަރީ ކޮމާންޑަރު ރޫޑޮލްފް ހައިކަލްއާ މިއަދު ބައްދަލުކުރައްވައި، ސަރަހައްދީ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހުންނަ އަސްކަރީ މައި މަރުކަޒުގައެވެ.
ޕާކިސްތާނުގެ ސިފައިންގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ދެ ޤައުމުގެ އަސްކަރީ ވެރިން ވަނީ ދެ ފަރާތުންމެ ޝައުޤުވެރިވާ މުހިންމު ކަންކަމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް މަތީ ފަންތިއަކަށް ގެންދިއުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ސިފައިންގެ މެދުގައި ފަންނީ ގުޅުންތައް ބަދަހިކުރުމަށާއި، ތަމްރީނުތަކުގެ ދާއިރާއިން އެހީތެރިވުމުގެ އިތުރުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް މި މަޝްވަރާތަކުގައި އިސްކަންދީފައިވެއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ޢާޞިމް މުނީރު ވަނީ ޕާކިސްތާނާއި ލުބުނާނާ ދެމެދު އޮތް ތާރީޚީ އަދި އެކުވެރި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ލުބުނާނުގެ ސިފައިންނާއެކު ދިފާޢީ ދާއިރާއިން އޮންނަ އެއްބާރުލުން ފުޅާކުރުމަށް ޕާކިސްތާނު ސިފައިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ އެރުވިއެވެ.
ލުބުނާނުގެ އަސްކަރީ ވެރިޔާ ރޫޑޮލްފް ހައިކަލް ވަނީ ޕާކިސްތާނުގެ ސިފައިންގެ ހުނަރުވެރިކަމަށާއި ހަނގުރާމަމަތީ ގާބިލުކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ސުލްހަ ބެލެހެއްޓުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ލުބުނާނުގެ ސިފައިން މިދިޔަ ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ހައިކަލް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ވެރިޔާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ އަސްކަރީ މުއައްސަސާތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
މި ބައްދަލުވުން ހިނގަމުންދާއިރު، އިސްރާއީލާއި އީރާނާ ދެމެދު ފުރިހަމަ ހަނގުރާމައަކަށް މަގުފަހިވެދާނެ ފަދަ ނުރައްކާތެރި ޙަމަލާތަކެއް ބަދަލުކުރުމަށްފަހު، މަސްރަޙު ފިނިކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން، ޙަމަލާތައް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ސިއްރު މުޢާމަލާތްތަކާއި މެސެޖުތައް ދެ ފަރާތަށް ބަދަލުކުރައްވަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.





