އީރާނާ ދެކޮޅަށް ހިންގާ ޢުދާވާންތައް ހުއްޓުވުމަށް އީރާނުން އިސްކަންދެނީ ޚާރިޖީ މުޢާމަލާތްތަކަށް ކަމަށްވީ ނަމަވެސް، އަނިޔާވެރި ބާރުތަކާ ކުރިމަތިލާނެ އެހެން ވަރުގަދަ އިޚްތިޔާރުތަކެއްވެސް އެޤައުމުގެ އަތްމަތީގައި އެބަހުރި ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ވަނީ ހަރުކަށިކަމާއެކު އިންޒާރު ކުރައްވައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގެ ކުރީކޮޅު އިޢުލާންކުރި ސުލްޙައިގެ އެއްބަސްވުމާ އެމެރިކާއާއި އިސްރާއީލުން ޚިލާފުވާނަމަ، އީރާނުން ބާރު ބޭނުންކުރަން ފަސްނުޖެހޭނެއެވެ. އަޅުގަނޑުމެން އިސްކަންދެނީ ޚާރިޖީ މަޝްވަރާތަކުގެ ބަހަށް، ނަމަވެސް އެއަށްވުރެ މާ ފަރިތަކަމާއެކު ބާރުގެ ބަހުން ވާހަކަދައްކަން އެނގޭ ކަމަށް، އޭނާ ވިދާޅުވިއެވެ.
މި އިންޒާރު އައިސްފައިވަނީ އިސްރާއީލުން ލުބުނާނުގައި ތިބި އީރާނަށް ތާއީދުކުރާ މުޖާހިދުންނަށް ޙަމަލާދީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވުމުން، އޭގެ ރައްދުގައި އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިންތަކަށް އީރާނުން ދިން ވަރުގަދަ ބެލެސްޓިކް މިސައިލް ޙަމަލާތަކަށްފަހުގައެވެ. އީރާނުގެ މި ބާރުގަދަ ޙަމަލާތަކާ ގުޅިގެން ސަހްޔޫނީ ބާރުތައް ބިރުގަނެ، އެމެރިކާގެ ފިއްތުންތަކާއެކު ބައިރޫތަށް ދެމުންދިޔަ ޙަމަލާތައް ހުއްޓާލަން އިސްރާއީލަށް ވަނީ މަޖުބޫރުވެފައެވެ.
މި ހަމަލަތައް ދީފައި ވަނީ ހިޒުބުﷲއާ ދެކޮލަށް ހަމަލަދޭ ސަހުޔޫނީންގެ ކޮމާންޑް ސެންޓަރަކަށެވެ. މިއާއެކު އެ ކޮމާންޑް ސެންތަރު އެއްކޮށް ވީރާނާކޮށްލާފައި ވެއެވެ.
100 ދުވަހުގެ ރައްޔިތުންގެ ސާބިތުކަން
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ދެކޮޅަށް އީރާނުގެ ރައްޔިތުން ކޮންމެ ރެއަކު ކުރިއަށްގެންދާ މުޒާހަރާތަކަށް ސަތޭކަ ދުވަސް ފުރުމާ ގުޅިގެން ޤާލީބާފް ވަނީ ރައްޔިތުންގެ ސާބިތުކަމަށް ސާބަސް ދެއްވާފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި، އީރާނުގެ އިމާމް އަޔާތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ އަވަހާރަކޮށްލައި، ނިއުކްލިއާ މަރުކަޒުތަކަށާއި، މަދަރުސާތަކަށާއި ހޮސްޕިޓަލްތަކަށް ވަނީ ރަހުމެއްނެތް ޙަމަލާތަކެއް ދީފައެވެ.
މިފަދަ އަނިޔާވެރި ޢަމަލުތަކާއި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްގެން އުޅޭ އުޅުމާ ދެކޮޅަށް މިލިއަނުން އީރާނު ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ ޤައުމީ އެއްބައިވަންތަކަމާއި އައު އިމާމް އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއަށް އޮތް ވަފާތެރިކަން ސާބިތުކޮށްދެމުންނެވެ.




